މީގެ 20 އަހަރު ކުރިން، ނިއުޔޯކުގެ ހެނދުނުގެ ވަގުތެއްގައި، އދ.ގެ އާންމު މަޖިލީހުގައި ރާއްޖޭގެ އަޑު އިއްވީ ބައިނަލްއަގުވާމީ މައިދާނުގައި އާންމުކޮށް ބޭނުންކުރާ އިނގިރޭސި، ފަރަންސޭސި ނުވަތަ އަރަބި ބަހަކުންނެއް ނޫނެވެ. އެ އަޑު އިއްވީ ދިވެހި ބަހުންނެވެ. އެއީ 20 ސެޕްޓެންބަރު 2006 އެވެ. އދ.ގެ އާންމު މަޖިލީހުގައި ދުނިޔޭގެ އެކި ގައުމުތަކުގެ މަންދޫބުންގެ ކުރިމަތީގައި ހުންނަވައި، ރާއްޖޭގެ އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ތަގުރީރުކުރެއްވީ ދިވެހިންގެ މާދަރީ ބަހުންނެވެ.
މި ތާރީހީ ދުވަހަށް 20 އަހަރު ފުރުމާ ގުޅިގެން، މައުމޫން ސޯޝަލް މީޑިއާގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، އދ.ގެ އާންމު މަޖިލީހުގައި މާދަރީ ބަހުން ތަގުރީރުކުރެއްވި ފުރަތަމަ މީހަކަށް ވުމަކީ އެ މަނިކުފާނަށް ލިބިވަޑައިގަތް ވަރަށް ޚާއްސަ ޝަރަފެކެވެ. މިއީ ހަމައެކަނި ބަސް ބަދަލުކޮށްލުމެއް ނޫން ކަމަށާއި، މިއީ ބައިނަލްއަގުވާމީ މައިދާނުގައި ކުޑަ ގައުމެއްގެ ގައުމީ އައިޑެންޓިޓީއަށް ޖާގަ އޮތްކަން ސާބިތުކޮށްދިން ކަމެއް ކަމަށް އެ ޕޯސްޓުގައިވެއެވެ.
ހޫގޯ ޗާވޭޒްގެ ތަގުރީރަށް ފަހު ދިވެހި ބަހުން
އދ.ގެ ރަސްމީ ރެކޯޑުތަކުން ކަށަވަރުކޮށްދޭ ގޮތުގައި، މައުމޫން އެ ދުވަހު ތަގުރީރުކުރެއްވީ ދިވެހި ބަހުންނެވެ. އަދި ތަގުރީރުގެ އިނގިރޭސި ތަރުޖަމާ ރާއްޖޭގެ ވަފުދުން ވަނީ ފޯރުކޮށްދީފައެވެ. އާންމު މަޖިލީހުގެ 61 ވަނަ ބައްދަލުވުމުގައި މައުމޫން ތަގުރީރުކުރެއްވުމުގެ ކުރިން ޕޯޑިއަމްގައި ހުންނެވީ ވެނެޒުއޭލާގެ އޭރުގެ ރައީސް ހޫގޯ ޗާވޭޒްއެވެ. ޗާވޭޒްގެ ތަގުރީރުގައި އެމެރިކާގެ އޭރުގެ ރައީސް ޖޯޖް ޑަބްލިއު ބުޝް ސިފަކުރެއްވީ "ޝައިތާނާ"ގެ ގޮތުގައެވެ. އދ.ގެ ރެކޯޑުތަކުން ދައްކާ ގޮތުގައި ޗާވޭޒްއަށް ފަހު ދެން އިވިގެންދިޔައީ މުޅިން ތަފާތު އަޑެކެވެ.
މައުމޫންގެ ތަގުރީރު ފެއްޓެވީ އދ. އޮތީ މުހިންމު ދަނޑިވަޅެއްގައި ކަމަށާއި، 21 ވަނަ ގަރުނުގެ ގޮންޖެހުންތަކާ ކުރިމަތިލުމަށް އެ ޖަމިއްޔާ ޒަމާނީކުރަން ޖެހިފައިވާކަން ފާހަގަކުރައްވަމުންނެވެ. ސަލާމަތީ މަޖިލީހާއި އާންމު މަޖިލީހުގެ އިތުރުން އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލްގެ ދައުރު ފުޅާކޮށް، ހާމަކަން ބޮޑު އަދި ހަމަހަމަ އިސްލާހުތަކެއް ގެނައުމަށް އެ މަނިކުފާނު ގޮވާލެއްވިއެވެ.
އެ ތަގުރީރުގެ ނިމުމަކާ ގާތްވެފައިވަނިކޮށް، ދިވެހި ބަހުން ވާހަކަދައްކަވާ ސަބަބު މައުމޫން ސާފުކޮށްދެއްވިއެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި ދިވެހި ބަހަކީ އެތައް ހާސް އަހަރެއްވީ ދިވެހިންގެ ސަގާފަތާއި ތާރީހު ރަމްޒުކޮށްދޭ ބަހެކެވެ. ކުދި އަދި ނާޒުކު ގައުމުތަކުގެ ތަރިކަ ހިމާޔަތް ނުކުރެވޭ ނަމަ، ބައިނަލްއަގުވާމީ މުޖުތަމައުގެ ބޭނުމަކީ ކޮބައިތޯ އެ މަނިކުފާނު ސުވާލު އުފެއްދެވިއެވެ. އަދި ބައިނަލްއަގުވާމީ މުއައްސަސާތަކުން ކުދި ގައުމުތަކަށް ރައްކާތެރިކަން އިހުސާސްކޮށްދޭން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.
އިންސާނީ ހައްގުތަކުގެ މުއާހަދާތަކާއި މޫސުމީ ބަދަލުތައް
މި ތަގުރީރަކީ ހަމައެކަނި ބަހާ ގުޅޭގޮތުން ދެއްވި ތަގުރީރެއް ނޫނެވެ. މިއީ 2006 ވަނަ އަހަރު ރާއްޖެއަށް ކުރިމަތިވެފައިވާ އެތެރޭގެ އަދި ބައިނަލްއަގުވާމީ މައްސަލަތަކަށް އަލިއަޅުވާލެއްވި ޚާރިޖީ ސިޔާސަތުގެ ތަގުރީރެކެވެ. ރާއްޖޭގެ ސިޔާސީ އިސްލާހީ މަސައްކަތްތަކާއި، އިންސާނީ ހައްގުތަކާއި، ނޫސްވެރިކަމުގެ މިނިވަންކަމުގެ އިތުރުން ޝަރުއީ ނިޒާމަށް ގެންނަވާ ބަދަލުތަކުގެ މައްޗަށް މައުމޫން ވާހަކަދެއްކެވިއެވެ.
މި ތަގުރީރު ދެއްވުމުގެ އެއް ދުވަސް ކުރިން، 19 ސެޕްޓެންބަރު 2006 ގައި ރާއްޖެއިން ވަނީ އިންސާނީ ހައްގުތަކާ ގުޅޭ އދ.ގެ މުހިންމު ދެ މުއާހަދާއެއް ކަމަށްވާ އިންޓަނޭޝަނަލް ކޮވެނަންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް (އައިސީސީޕީއާރު) އާއި އޭގެ އޮޕްޝަނަލް ޕްރޮޓޮކޯލްގެ އިތުރުން އިންޓަނޭޝަނަލް ކޮވެނަންޓް އޮން އިކޮނޮމިކް، ސޯޝަލް އެންޑް ކަލްޗަރަލް ރައިޓްސް (އައިސީއީއެސްސީއާރު) ގައި ބައިވެރިވެފައެވެ. އދ.ގެ ޓްރީޓީ ކަލެކްޝަނުން މިކަން ކަށަވަރުކޮށްދެއެވެ.
މީގެ އިތުރުން، 2004 ގެ ސުނާމީއަށް ފަހު އާރާސްތުކުރުމަށް ބޭނުންވާ ފައިސާ ނުލިބޭކަން ފާހަގަކުރައްވައި، ބޯހިޔާވަހިކަމާއި، ދަތުރުފަތުރާއި، ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމަށް ހުރި ގޮންޖެހުންތައް އެ މަނިކުފާނު ހިއްސާކުރެއްވިއެވެ. އަދި ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް އޮތް ނުރައްކަލުގެ ވާހަކަވެސް ފާހަގަކުރެއްވިއެވެ. މޫސުމީ ބަދަލުތަކާ ގުޅޭގޮތުން އަވަސް އަދި އަމަލީ ފިޔަވަޅުތަކެއް އެޅުމަށް އެ މަނިކުފާނު ގޮވާލެއްވިއެވެ.
އިސްލާމްދީނާއި ޓެރަރިޒަމް އަދި ސުލްހަވެރިކަން
ތަގުރީރުގެ އަނެއް ބައި ޚާއްސަކުރެއްވީ ޓެރަރިޒަމާއި ހަރުކަށި ފިކުރުގެ އިތުރުން އިސްލާމްދީނާ މެދު އުފައްދަމުންދާ ނަފުރަތުގެ މައްޗަށެވެ. މައުމޫން ވިދާޅުވި ގޮތުގައި ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތްތަކުގެ ސަބަބުން، ހިމާޔަތްކުރަން އުޅޭ އަސާސްތަކަށް ގެއްލުންވެގެން ނުވާނެއެވެ.
އިސްލާމްދީނަކީ ސުލްހައާއި އިޖުތިމާއީ ހަމަޖެހުމުގެ އަސާސް ކަމަށާއި، މި މާތް ދީނުން ދަސްކޮށްދެނީ މެދުމިންކަން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި އިސްލާމްދީނާއި ހަރުކަށިކަމާ ގުޅުވައިގެން ދައްކާ ވާހަކަތައް ދޮގުކުރައްވައި، ޤުރުއާނުގެ އާޔަތްތަކުން މިސާލު ނެންގެވިއެވެ.
މައުމޫން އދ. ގެ އާއްމު މަޖިލީހުގައި ތަގުރީރު ކުރައްވަނީ-- ފޮޓޯ: އދ.އދ.ގެ ރަސްމީ އިނގިރޭސި ތަރުޖަމާގައިވާ ގޮތުން މައުމޫން ވިދާޅުވީ، "ނަފުރަތު ބަލިކުރެވޭނީ ހަމައެކަނި ލޯތްބަށެވެ. ތައައްސުބު ނައްތާލެވޭނީ ހަމައެކަނި އިލްމުންނެވެ. ބިރުވެރިކަމުގެ މައްޗަށް ކުރިހޯދޭނީ ތަހައްމަލުކުރުން އިސްކޮށްގެން." ކަމަށެވެ.
ތަފާތު ސަގާފަތްތަކުގެ މެދުގައި މަޝްވަރާކުރުމަށާއި، އެއްބަޔަކު އަނެއް ބަޔަކަށް އިހުތިރާމުކުރުމަށް އެ މަނިކުފާނު ގޮވާލެއްވިއެވެ.
ކުރީގެ ހާރިޖީ ވަޒީރު އަހުމަދު ޝަހީދު ފަހުން ފާހަގަކުރެއްވި ގޮތުގައި، ދުނިޔޭގައި ނަފުރަތު އިންތިހާއަށް އިތުރުވެފައިވާ މި ޒަމާނުގައިވެސް އެ ތަގުރީރުގެ މުހިންމުކަން އަދިވެސް އެބައޮތެވެ.
ފަހު ވަގުތުގެ ނިންމުމާއި ސިޔާސީ ބަދަލުތައް
ދިވެހި ބަހުން ތަގުރީރުކުރުމުގެ ނިންމުމަކީ ވަރަށް ފަހު ވަގުތު ނިންމި ނިންމުމެއް ކަމަށް ޝަހީދު ވަނީ ސޯޝަލް މީޑިއާގައި ވިދާޅުވެފައެވެ. އެއީ ކާކުގެ ހިޔާލެއްކަން ހަނދުމަފުޅު ނެތް ނަމަވެސް، އެ ނިންމުން ނިންމީ ތަގުރީރުކުރުމުގެ އެއް ދުވަސް ކުރިން، 19 ސެޕްޓެންބަރުގެ މެންދުރުފަހުގެ ވަގުތެއްގައި ކަމަށް އޭނާ ވިދާޅުވިއެވެ. މި ތަގުރީރު ދެއްވި ދުވަސްވަރަކީ ރާއްޖޭގެ ސިޔާސީ މަސްރަހަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދިޔަ ދުވަސްވަރެކެވެ. 19 ސެޕްޓެންބަރުގައި އިންސާނީ ހައްގުތަކުގެ މުއާހަދާތަކުގައި ރާއްޖެއިން ބައިވެރިވިއިރު، 20 ސެޕްޓެންބަރުގައި މައުމޫން ތަގުރީރުކުރެއްވިއެވެ. އަދި އޭގެ އަނެއް ދުވަހު، 21 ސެޕްޓެންބަރު 2006 ގައި، އޭރުގެ އެމްޑީޕީގެ ޗެއާމަން މުހައްމަދު ނަޝީދު ވަނީ ބަންދުން ދޫކޮށްލާފައެވެ. އެހެންކަމުން މިއީ ހަމައެކަނި ސަގާފީ ގޮތުން މުހިންމު ނިންމުމެއް ނޫނެވެ. މިއީ ރާއްޖޭގެ ސިޔާސީ ތާރީޚުގައި ވެސް މުހިންމު ދުވަސްވަރެކެވެ.
ބައިނަލްއަގުވާމީ މައިދާނުގައި އާންމުކޮށް ބޭނުންކުރަނީ ދުނިޔޭގެ ބޮޑެތި ބަސްތަކެވެ. ނަމަވެސް މައުމޫންގެ މި ނިންމެވުމާއެކު، ދިވެހި ބަސް ވަނީ ރާއްޖޭގެ ޚާރިޖީ އައިޑެންޓިޓީގެ ބަޔަކަށް ވެފައެވެ. އާބާދީއާއި ބިމުގެ ގޮތުން ކުޑަ ނަމަވެސް، ރާއްޖޭގެ އަމިއްލަ ބަހަކާއި ތާރީހެއް އަދި ސަގާފަތެއް އޮތްކަން މި ތަގުރީރުން ދައްކައިދިނެވެ. މިއަދު ދުނިޔެއަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވީ ނަމަވެސް، ކުދި ގައުމުތަކުގެ ނާޒުކުކަމާއި، މޫސުމީ ބަދަލުތަކާއި، އިންސާނީ ހައްގުތަކުގެ އިތުރުން ޓެރަރިޒަމާ ގުޅޭގޮތުން އެ ތަގުރީރުގައި ފާހަގަކުރެއްވި ކަންކަން އަދިވެސް ގުޅެއެވެ.
އެ ދުވަހުގެ ތަގުރީރާއެކު އދ.ގެ ރަސްމީ ރެކޯޑުތަކުގައި "ރައީސް ގައްޔޫމް (ވާހަކަދެއްކެވީ ދިވެހި ބަހުން؛ އިނގިރޭސި ތަރުޖަމާ ވަފުދުން ފޯރުކޮށްދިން)" މިހެން ލިޔެވި، ދިވެހި ބަސް ވަނީ އދ. ގެ ތާރީހުގެ ތެރެއަށް ވަދެފައެވެ.