ނޫސްވެރިކަމުގެ ލައިފްޓައިމް އެޗީވްމެންޓް އެވޯޑް ސޯދުބެއަށް

ނޫސްވެރިކަމުގެ ހަޔާތީ އަރުތައިގެ އިނާމު ސޯދުބެ އަށް ކުރީގެ ރައީސް މައުމޫން ދެއްވަނީ --- ސަން ފޮޓޯ: ފަޔާޒު މޫސާ

ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމަށް ގިނަ ހިދުމަތްތަކެއް ކޮށްދީފައިވާ ލިޔުންތެރިޔާ އަބްދުﷲ ސޯދިގު (ސޯދުބެ)އަށް ނޫސްވެރިކަމުގެ ހަޔާތީ އަރުތައިގެ އިނާމު ނުވަތަ ލައިފްޓައިމް އެޗީވްމެންޓް އެވޯޑް މިރޭ ދެއްވައިފިއެވެ.

ސޯދުބެއަށް އެ އެވޯޑު ދެއްވީ ރާއްޖޭގެ ނޫސްވެރިކަމަށް 75 އަހަރު ފުރުމުގެ އަލިމަސް ޔޫބީލް ފާހަގަކުރުމަށާއި ނޫސްވެރިކަމުގެ މިދިޔަ އަހަރުގެ އިނާމުތައް ދިނުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައެވެ. ސޯދުބެއަށް އެވޯޑު ހަވާލުކޮށްދެއްވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމެވެ.

ޖެނުއަރީ 11، 1935 ގައި ދުނިޔޭގެ އަލިކަން ދެކެވަޑައިގަތް ސޯދުބެ ދިވެހިބަހަށް ކުރެއްވި އަދި ކުރައްވަމުންގެންދަވާ މަތިވެރި ޚިދުމަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ”ދިވެހިބަހަށް ޚިދުމަތްކުރުމުގެ ރޮނގުން ޢާއްމު ޚިދުމަތަށް ހިތްވަރުދިނުމުގެ އިނާމު 1980 ގައްޔާއި 1983 ގައި ވަނީ ލިބި ވަޑައިގެންފައެވެ. އަދި މި ރޮނގުން ޝަރަފުވެރިކަމުގެ އިނާމު 1998 ގައި ވަނީ ޙާޞިލުކުރައްވައިފައެވެ.

2018 ގެ އެންމެ އުންމީދީ ނޫސްވެރިޔާގެ އެވޯޑު ލިބުނީ އަވަސް ނޫހުގެ ނާޒިމް ހަސަނަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ އަހަރުގެ އެންމެ މޮޅު ނޫސްވެރިންގެ އިނާމް ލިބުނު ފަރާތްތައް:

  • އެންމެ އުންމީދީ ނޫސްވެރިޔާ: ނާޒިމް ހަސަން (އަވަސް)
  • އެންމެ މޮޅު ފީޗާ ލިޔުންތެރިޔާ: އައިމިނަތު ޝިފްލީން (މިހާރު)
  • ސިޔާސީ ދާއިރާ: މޫސާ ރަޝީދު (އަވަސް)
  • ވިޔަފާރީގެ ދާއިރާ: އަބްދުﷲ ޖަމީލް (މިހާރު)
  • ޝަރުއީ އަދި ގާނޫނީ ދާއިރާ: މުއިއްޒު އިބްރާހިމް (މިހާރު)
  • އިޖުތިމާއީ ދާއިރާ: އަހްމަދު ސާއިލް އަލީ (މިހާރު)
  • އެންމެ މޮޅު ވީޑިއޯ ޖާނަލިސްޓް: ލަޔާލް މަނިކް (ޗެނަލް13)
  • އެންމެ މޮޅު ފޮޓޯ ޖާނަލިސްޓް: މުހައްމަދު ޝަރުހާން ވަހީދު (ރާއްޖެ އެމްވީ)

ކުޅިވަރުގެ ދާއިރާއިން ކުރިމަތިލި ދެ ނޫސްވެރިންނަށް ލިބުނު މާކްސް އެއްވަރުވުމުން އެ ދެ ނޫސްވެރިންނަށް ވަނީ އެވޯޑް ދީފައެވެ. އެއީ މިހާރު ނޫހުގެ އައްޒާމް އަލިފުޅާއި އަވަސް ނޫހުގެ ހުސައިން ހަބީބެވެ.

comment ކޮމެންޓް