ދަނޑުވެރިކަން ކުރުމަށް އެތެރެކުރާ ތަކެތިން ޑިއުޓީ ކަނޑާލަން އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.
އެ އިސްލާހު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު އެވެ. އެ ބިލުގެ ފުރަތަމަ ކިޔުން އިއްވާ އިބްތިދާއީ ބަހުސްގެ މަރުހަލާ މިހާރު ވަނީ ފަށާފަ އެވެ.
އެ އިސްލާހު ހުށަހެޅުއްވި ސަބަބެއް ކަމަށް ބިލުގައި ބުނެފައިވަނީ ރާއްޖޭގެ އިގްތިސާދު ފުޅާ ކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނޑުވެރިކަން ފުޅާ ކުރެވޭނެ މަގު ތަނަވަސް ކޮށްދިނުން ކަމަށެވެ.
އެގޮތުން ރާއްޖޭގައި ދަނޑުވެރިކަން ކުރުމަށް އެތެރެކުރާ އެންމެހާ ތަކެއްޗަކީ އިމްޕޯޓު ޑިއުޓީ ނަގަން ނުޖެހޭ އެއްޗިހީގެ ގޮތުގައި ހެދުމަށް އިމްޕޯޓް އެކްސްޕޯޓް އިމްޕޯޓު ގާނޫނަށް ވަނީ އިސްލާހު ހުށަހަޅާފަ އެވެ.
މީގެ ކުރިން އިމްޕޯޓް ޑިއުޓީ ނުނަގާ ތެކެތީގެ ތެރޭގައި ދަނޑުވެރި ކަމަށް އެތެރެކުރާ ތަކެތި ނުހިމެނެ އެވެ. އެހެންވެ އިމްޕޯޓް ޑިއުޓީ ދައްކަން ނުޖެހޭ ތަކެތީގެ ތެރެއަށް ދަނޑުވެރި ކަމަށް އެތެރެކުރާ ތަކެތި އިތުރު ކުރަން ވަނީ ހުށަހަޅާފަ އެވެ.
މިހާރު އިމްޕޯޓް ޑިއުޓީ ނުނަގާ ތަކެތީގެ ތެރޭގައި ހަނޑޫ ހަކުރު ފުށާއި މުސްހަފާއި ގުރުއާނުގެ ވަކި ވަކިން ހުންނަ ބައިބައި ހިމެނެ އެވެ. އަދި ދަތުރުވެރިން ގެންނަ ތަކެތިން ޑިއުޓީ މާފު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ އަދަދަކަށް ޑިއުޓީ ނުނަގާ ގޮތަށް ވަނީ ގާނޫނުގައި ލިޔެފަ އެވެ.
ދަނޑުވެރިކަމަށް އެތެރެކުރާ އެއްޗިހިން އިމްޕޯޓު ޑިއުޓީ ކަނޑާލުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިންތިހާބީ ވައުދެކެވެ.