ބެލްޖިއަމަށާއި ވިލާތުގެ އިއްތިހާދަށް ރާއްޖޭން ކަނޑައަޅާ ސަފީރުކަމަށް ކުރީގެ ބަންޑާރަނައިބު ފާޠިމަތު ދިޔާނާ ސަޢީދު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.
ސަފީރުކަމަށް ދިޔާނާ އައްޔަންކުރަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ދިޔާނާގެ ނަން ފޮނުއްވީ މި މަހުގެ ހަ ވަނަ ދުވަހެވެ. މި މަހުގެ ހަތްވަނަ ދުވަހު އޮތް ޖަލްސާގައި ރިޔާސަތުން ވަނީ ދިޔާނާގެ ނަން ދިރާސާކުރަން ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވައިލައިފައެވެ.
މި މަހުގެ 15ވަނަ ދުވަހު އޮތް ކޮމިޓީ ބައްދަލުވުމުގައި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ނިންމީ ދިޔާނާއަށް ރުހުންދޭން ފެންނަ ކަމަށެވެ.
މިއަދު އޮތް ޖަލްސާގައި ރިޔާސަތުން ވޯޓަށް އެހުމުން، ވޯޓުގައި ބައިވެރިވި 52 މެންބަރުން ވެސް ވަނީ ދިޔާނާއަށް ރުހުން ދޭން ފެންނަ ކަމަށް ވޯޓު ދެއްވައިފައެވެ.
ފާހަގަކުރެވޭ ގޮތުގައި ސަރުކާރުގެ ވުޒާރާތަކަށް ގެނައި ބަދަލުތަކާއެކު، ދިޔާނާގެ އިތުރުން ކުރީގެ ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް ޢުމަރާއި ކުރީގެ އެންވަޔަރަމަންޓް މިނިސްޓަރު ޠާރިޤް އިބްރާހީމް ވަނީ މިދިޔަ އޭޕްރިލް މަހުގެ 26ވަނަ ދުވަހު އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް އައްޔަންކޮށްފައެވެ.
އޭގެ ތެރެއިން އާދަމް ޝަރީފް ޤަތަރުގެ ސަފީރުކަމަށް، އަދި ޠާރިޤް އެކުވެރި ޢަރަބި އިމާރާތް (ޔޫއޭއީ)ގެ ސަފީރުކަމަށް ވަނީ އައްޔަންކޮށްފައެވެ.
ދިޔާނާ ވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުގައި ބަންޑާރަނައިބުކަން ކުރެއްވުމުގެ އިތުރުން ސާކް ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލްކަމާއި ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކުގެ ސަރުކާރުގައި ޖެންޑާ މިނިސްޓަރުކަންވެސް ކުރައްވައިފައެވެ. އޭގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ވެސް ދިޔާނާ ކުރެއްވިއެވެ.