މިހާރު ވެސް ރައްޔިތުން ބުނޭ މަޖިލީހަކީ ޖަނަވާރު ކޮށްޓެކޭ، އެ ފެންވަރަށް މެންބަރުން ނުދަމާ: ސަލީމް

އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް -- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހަކީ ޖަނަވާރު ކޮށްޓެއްގެ ގޮތުގައި ރައްޔިތުން ސިފަކުރާ ކަމަށް ވިދާޅުވެ، އެ ފެންވަރަށް މެންބަރުން ވަޑައިނުގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ސަލީމް މިއަދު އެދިވަޑައިގެންފިއެވެ.

މިއަދުގެ ޖަލްސާގައި ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހަށް ބަހުސް ކުރެއްވުމަށް ފަހު އިދިކޮޅު އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު އަދި ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު (ފިއްޓޭ) ވަނީ، ވެމްކޯގެ ތިލަފުށީ ސައިޓުގައި ރޯވުމުގެ ސަބަބުން އެނދި ކުނިތައް ހދ. ކުނބުރުދުއަށް ގެންދިއުމާ ދެކޮޅަށް ތަޅުމުގައި އަޑު އުފުއްލަވައިފައެވެ.

ޒިޔާދު އަޑު އުފުއްލަވަމުން ގެންދަވަނިކޮށް އޭނާގެ ނަން އިއްވަވައި ތަޅުމުން އޭނާ ވަނީ ބޭރުކޮށްލައިފައެވެ.

https://sun.mv/225286

ޒިޔާދު ތަޅުމުން ބޭރުކޮށް ނިމުމުން ރިޔާސަތުގައި އިންނެވި ސަލީމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަކީ އިޚްލާސްތެރިކަމާއި ކެތްތެރިކަމާ އެކީ މެންބަރުން މަސައްކަތްކުރައްވަން ޖެހޭ ތަނެއް ކަމަށެވެ.

މެންބަރުން ބިލުތަކަށް ބަހުސްކުރައްވާ ގޮތުންނާއި ރައްޔިތުންގެ މަޖިލީހުގައި މެންބަރުން އަމަލުތައް ބަހައްޓަވާ ގޮތުން އާންމުންގެ ފާޑުކިއުން އަބަދު ވެސް އަންނަ ކަން ފާހަގަކުރައްވަމުން ސަލީމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް "ބަކަރި ކޮށި" ނުވަތަ "ޖަނަވާރު ކޮށި"ގެ ނަމުން އާންމުން އަބަދު ވެސް މުޚާތަބުކުރާ ކަމަށެވެ.

"މިހާރު ވެސް ރައްޔިތުން އެބަ ބުނޭ މިއީ ބަކަރި ކޮށްޓެކޭ ނޫނީ ޖަނަވާރު ކޮށްޓެކޭ ވެސް، އެހެންވީމާ އެ ލެވެލްއަށް އަޅުގަނޑުމެން ނުދަމާ ހިނގާށޭ، ތަންކޮޅެއް ތަސައްރަފު ފުދޭ ބަޔަކަށް އަޅުގަނޑުމެން ވާން ހިނގާށޭ،" ސަލީމް މެންބަރުންގެ އަރިހުން އެދިވަޑައިގަތެވެ.

އޭނާ ރިޔާސަތުގައި އިންނަވާހާ ހިނދަކު ރައްޔިތުންގެ މަޖިލިސް ޖަނަވާރު ކޮށްޓަކަށް ހެދުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް ސަލީމް ވިދާޅުވިއެވެ.

ފާހަގަކުރެވޭ ގޮތުގައި ރައްޔިތުންގެ މަޖިލީހުގައި ބައެއް މެންބަރުން ބިލުތަކަށް ބަހުސްކުރައްވާއިރު ބަސްމަގު ގެންގުޅުއްވާ ގޮތުންނާއި މެންބަރުން ތަޅުމުގައި އަމަލުކުރައްވާ ގޮތާ މެދު ހިތްހަމަނުޖެހި، އަބަދު ވެސް މެންބަރުންނަށް ފާޑުކިއުން އަމާޒުވެއެވެ. އެގޮތުން ހުށަހެޅޭ ބިލުތަކަށް ސީދާ ބަހުސްކުރެއްވުމުގެ ބަދަލުގައި ބައެއް މެންބަރުން ސިޔާސީ ފާޑުވިދާޅުވުންތައް ވިދާޅުވާތީ ރައްޔިތުންގެ ފާޑުކިއުން އެކަމަށް އަމާޒުވެއެވެ.

މީގެ އިތުރުން ގަވައިދުން ޖަލްސާތައް ބާއްވަމުން ނުދިއުމާއި ސަރުކާރު ޖަވާބުދާރީކުރުވުމުގެ މަސައްކަތްތައް މެންބަރުން އެދެވޭ ގޮތެއްގައި ނުކުރައްވާތީ ވެސް އާންމުން މަޖިލީހުގެ މަސައްކަތްތަކާ މެދު ހިތްހަމަނުޖެހެއެވެ.

ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކުރާ މަޖިލީހުގެ މެންބަރުންނަށް ބޮޑު މުސާރައާއި ގިނަ އިނާޔަތްތަކެއް ލިބޭއިރު، އެއާ އެއްވަރަށް މަސައްކަތް ނުކުރާ ކަމުގެ ޝަކުވާ އަބަދު ވެސް އޮވެއެވެ.

ވަކިން ޚާއްސަކޮށް މިދިޔަ ދައުރުތަކާއި މި ހިނގާ ދައުރުގައި ވެސް ޖަލްސާތައް ގަވާއިދުން ނުބޭއްވުމާއި މަސައްކަތްތައް މަދުވުމަކީ ރައްޔިތުންގެ ކަންބޮޑުވުން އޮތް ކަމެކެވެ.

comment ކޮމެންޓް