ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިންތިހާބުވެ ވަޑައިގެންފައިވަނީ އިއްތިހާދެއްގެ ތެރެއިން ކަމަށާއި އެ އިއްތިހާދު ދަމަހައްޓަންޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އަންނަ މާޗުމަހު ބޭއްވުމަށް ނިންމާފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރެއްވުމަށް މައްޗަން ގޮޅީ ދެކުނުގެ ޕްރައިމަރީގެ ކެމްޕެއިން އިއުލާނު ކުރެއްވުމަށް މިރޭ ބޭއްވެވި އެއްވުމުގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ދަމަހައްޓަވާނެ ކަމަށާއި ވެރިކަން ވައްޓާ ނުލެވޭނެ ކަމަށެވެ.
ނަޝީދު ވިދާޅުވީ އެމަނިކުފާނު މަޖިލީހަށް ވާދަކުރައްވަނީ ރައްޔިތުންނަށްޓަކައި ކަމަށެވެ.
ނަޝީދު ވިދާޅުވީ ވޯޓު ހޯދުމަށް ރައްޔިތުން ކައިރިއަށް ވަޑައިގެންނެވީ ރައްޔިތުންގެ އުއްމީދުތައް ހަގީގަތަށް ހައްދަވައިދެއްވުމަށް ކަމަށެވެ.
"ކުރީގައި ދެއްވި ވޯޓުން ތިބޭފުޅުން ހިތްހަމަ ނުޖެހޭކަމެއް ކުރެވުނުކަމަށް އަޅުގަނޑަށް ދެކެވުނުނަމަ މިރޭ މިތަނަށް އައިސް މި މައްޗަންގޮޅީގައި ހުރެ އަނެއްކާވެސް އަޅުގަނޑަށް ވޯޓެއް ދޭކަށް އަޅުގަނޑު ނުދެންނެވީމުސް،"
ރައްޔިތުންގެ މަޖިލީހަކީ ނަޒާހަތްތެރި ތަނަކަށް ހައްދަވާނެ ކަމަށާއި މަޖިލީހުގެ މެންބަރުންނަކީ "ފައިސާ ގޯނި ހިފައިގެން ދާ ވާހަކައެއް ނުދައްކާނެ" ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
"ރައްޔިތުންގެ ފަރާތުން ވަކާލާތު ކުރަން ނޭދޭ މެންބަރުންނެއް ރައްޔިތުންގެ މަޖިލީހަކަށް ދެނެއް އިންތިހާބެއް ނުކުރާނެ. އަޅުގަނޑުމެން އެކުލަވާލާނީ ރައްޔިތުންގެ އުއްމީދުތައް ހަގީގަތަކަށް ހަދައިދޭނެ މަޖިލީހެއް. އަޅުގަނޑު އެ މަޖިލީހަށް މި ވަންނަނީ އިރާދަކުރެއްވިއްޔާ ތި ބޭފުޅުންގެ ތާއީދާއެކު،" މަޖިލީހުގައި ކުރަންވީ ކަންތަކާއި ކުރަންވީގޮތް ރައްޔިތުން ކޮންމެ ދުވަހަކުވެސް އެބަދައްކާކަމަށް ނަޝީދު ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ އެމަޖިލީހުގެ މެންބަރުންނަކީ ހަގީގަތުގައިވެސް އިއްޒަތްތެރިންނަށް ހެދުން" ނަޝީދު ވިދާޅުވީ މަޖިލީހަކީ އެއްވެސް ނުފޫޒަކަށް ނުގުޑާ ތަނަކަށް ހެދުމަށް ރައްޔިތުން ބޭނުންވާ ކަމަށެވެ.
ނަޝީދު މައްޗަންގޮޅީ މެދު ދާރިއާގެ ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވާފައިވާއިރު ދެން އެ ދާއިރާއަށް އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވަނީ އާއިޝަތު އަލައިކާ އަދުނާނެވެ. އަލައިކާ ދަނީ ޕްރައިމަރީގައި ވާދަކުރުމަށް ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރަމުންނެވެ.
އާންމު އިންތިހާބުގެ 87 ގޮނޑިއަށް ވާދަކުރަން އެމްޑީޕީ އިން ނިންމާފައިވާއިރު، ސަރުކާރު އެކުލަވަލި ކޯލިޝަން އެއްބަސްވުމަށް މަޖިލިސް އިންތިހާބުގައި އަމަލު ކުރަން ނުޖެހޭކަމަށް އެމްޑީޕީ އިން ވަނީ ބުނެފައެވެ.
މިރޭ ނަޝީދުގެ ކެމްޕެއިން ފެށުމަށް ބޭއްވި އެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ކެބިނެޓުގެ ބައެއް ވަޒީރުން އަދި މަޖިލީހުގެ ބައެއް މެންބަރުން ބައިވެރިވެވަޑައިގަތެވެ.