ގެދޮރުވެރި ކުރުވުން ކުޅިވަރަކަށް ނަހަދަމާ

ހުޅުމާލޭގެ ދެވަނަ ފިޔަވައްސާއި ރާއްޖޭގެ އިތުރު ހަތް ރަށެއްގައި ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އިން އެޅި 1500 ފްލެޓް ދިވެހި ސަރުކާރާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: -ސަން ފައިލް ފޮޓޯ: މުހައްމަދު އަފްރާހް

ދިވެހިރާއްޖެ އަށް ކުރިމަތި ވެފައިވާ އެންމެ ބޮޑު އިޖުތިމާއީ މައްސަލަތަކުގެ ތެރޭގައި، މާލެޔާއި ހުޅުމާލެޔާއި ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން އެތައް ބަޔަކު، ދިރިއުޅޭ ތަންތަނަށް ތިމާމެންނަށް ލިބޭ އާމުދަނީޔަށް ނުކަތާ ވަރުގެ ބޮޑު ކުލި ދައްކައިގެން އުޅޭން ޖެހިފައި އޮންނަ އޮތުން ހިމެނެ އެވެ. މި މައްސަލައިގެ ތެރެއިން އިތުރު އެތައް މައްސަލަތަކެއް އުފަން ވާ ކަމީ ވެސް ހަގީގަތެކެވެ. ނަމަވެސް އެ ވާހަކަ އިހަށް ބާއްވަމާ ހިންގަވާށެވެ.

މި ފަހަރު ދައްކާން މި އުޅޭ ވާހަކަޔަކީ މި ދެންނެވި މައްސަލައިގެ ހައްލެއްގެ ގޮތުގައި ސިޔާސީ ޕާޓީތަކުން ހުށައަޅާ "ގެދޮރުވެރި ކުރުވުމުގެ" މަޝްރޫއާއި ސިޔާސަތުތަކުގެ ވާހަކަ އެވެ. ދެހާސް އަށް ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖޭގައި އޮތް ކޮންމެ ރިޔާސީ އިންތިޚާބެއްގައި ވެރިކަން އެބަ ބަދަލުވެ އެވެ. އެ ބަދަލާ އެކު ގެދޮރުވެރި ކުރުވުމަށް ޓަކައި ހިންގޭ ސިޔާސަތުތަކާއި މަޝްރޫއުތަކަށް ވެސް ބޮޑެތި ބަދަލުތައް އައުދެއެވެ. މި ކަމުގައި ސަރުކާރުތައް ތަބައަ ވާ ދާއިމީ ޕްލޭނެއް ނެތެވެ. ކަމާ ގުޅޭ އެންމެ އަސާސީ ގިނަ ސުވާލުތަކަށް ޔަގީން ޖަވާބުތަކެއް ނުލިބެއެވެ. މުޅި ދިވެހިރާއްޖޭގެ އާބާދީއަށް ފުދޭ ވަރަށް މާލޭގައި ގެދޮރު އަޅާނީ ހެއްޔެވެ؟ ގެދޮރުގެ މަޝްރޫއުތައް ހިންގާނީ ހަމައެކަނި ދިވެހިރާއްޖޭގެ ކުންފުނިތަކުން ހެއްޔެވެ؟ ރާއްޖެއިން ބޭރުގެ ކުންފުނިތަކަށް ވެސް އެ ފުރުސަތު ހުޅުވައިލާނީ ހެއްޔެވެ؟ ރާއްޖެއިން ބޭރުގެ ކުންފުންޏަކުން ގެދޮރުގެ މަޝްރޫއެއް ފެށުމަށް ފަހު ނުވަތަ ހިންގުމަށް ފަހު ބޮޑު މައްސަލައެއް ދިމާ ވެގެން އެ ކުންފުނި ޒިންމާދާރު ކުރުވާން ނުވަތަ ޖަވާބުދާރު ކުރުވާން ޖެހިއްޖެ ހިނދެއްގައި އެކަން ކުރެވޭނެ ނިޒާމެއް އެބައޮތް ހެއްޔެވެ؟ ރިއަލް އެސްޓޭޓް ވިޔަފާރީގެ ސިނާއަތެއްގެ ބިންގާ އެޅި އެ ސިނާއަތު ތަރައްގީ ވަމުން އަންނަ އިރު، އެ ސިނާއަތު ތަންޒީމު ކޮށް، ރިއަލް އެސްޓޭޓް ކުންފުނިތަކެކޭ އެއްފަދައިން، އެމީހުންގެ އަތުން ގެދޮރު ގަންނަ ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކޮށްދޭން އެކަށީގެން ވާ ގާނޫނީ އޮނިގަނޑެއް އެބައޮތް ހެއްޔެވެ؟

މިހާރު ފެންނަ މަންޒަރަކީ މި ދެންނެވި ސުވާލުތަކަށް އެކަށޭނަ ޖަވާބުތަކެއް ނުހޯދައި، އެއިރަކު ކަންކަން ކުރާން ތިބި ބަޔަކު ހިތަށް އެރި ގޮތަކަށް ކަންކަން ކުރަމުން ދާ މަންޒަރެވެ. ކޮންމެ ސިޔާސީ ޕާޓީއަކުން ވެސް އަދި ކޮންމެ ސަރުކާރަކުން ވެސް ގެދޮރުވެރި ކުރުވުމުގެ ކަންކަން ކުރަނީ ސިޔާސީ ގޮތުން ބާރު ހޯދުމަށާއި، މަގުބޫލުކަން ހޯދުމަށާއި، އަމިއްލަ ފައިދާތައް ހޯދުމުގެ ގޮތުން ކުޅޭ ކުޅިގަނޑެއްގެ ގޮތުގައޭ ދެންނެވިދާނެއެވެ. ވެއަތު ވެދިޔަ 10 ވަރަކަށް އަހަރުގެ ތަޖުރިބާޔަށް ފަހު، އަޅުގަނޑު ދެކޭ ގޮތުގައި ދިވެހި ދައުލަތުގެ ގެދޮރުވެރި ކުރުވުމުގެ ސިޔާސަތުތައް ކަނޑައެޅޭ ގޮތް މުޅީން ބަދަލު ކުރާން ޖެހެއެވެ. އެގޮތުން ވިސްނުން ހިންގާން ޖެހޭ ކަމަށް އަޅުގަނޑަށް ފެންނަ ކަންކަން ދަންނަވައިލާނަމެވެ.

އެންމެ ފުރަތަމަ ކަމަކަށް، ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނަށް މާލެޔާއި ހުޅުމާލެޔާއި ވިލިމާލެއިން ގެދޮރު ދިނުމަކީ ގައުމީ ތަރައްގީއަށް ބަލާއިރު ދެމެހެއްޓެނިވި ގޮތެއްގައި ހިންގޭނެ ރަނގަޅު ސިޔާސަތެއް ނޫނެވެ. ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭން ޖެހޭ ހަމައެކަނި ތަންތަނަކީ މި ދެންނެވި ތިން ތަނެއް ނޫނެވެ. ކޮންމެ އަތޮޅެއްގައި ވެސް ހުޅުމާލެ ފަރުމާ ކުރި ގޮތަށް، ދުރު މުސްތަގުބަލަކަށް ވިސްނައިގެން ފަރުމާ ކުރެވިފައި އޮންނަ މަދު ވެގެން އެއް ރަށް އޮންނާން ޖެހެއެވެ. މިހާރު ވެސް އެގޮތުން ކޮންމެ އަތޮޅެއްގައި "ސިޓީ" އެއް ނުވަތަ ޝަހަރެއްގެ ގޮތުގައި ތަރައްގީ ކުރެވޭނެ ރަށް ކަނޑައަޅާން ޖެހެއެވެ. އަދި ކޮންމެ އަތޮޅެއްގައި ވެސް މިހާރު ތިބި ރައްޔިތުން އެ ޝަހަރަކަށް އެއްފަސް ކުރެވޭނެ ގޮތެއްގެ މަތީން، އަދި ދުރު މުސްތަގުބަލަށް ބަލައި ލައްކައެއް ދެ ލައްކައެއް ހައި މީހުން އެ ޝަހަރު އުޅޭ ދުވަހެއް އަޔަސް ދަތި ނުވާނޭ ފަދަ ގޮތަކަށް ފަރުމާ ކޮށްގެން އެ ޝަހަރެއް ބިނާ ކުރުމުގެ މަސައްކަތް މިއަދު ވެސް ފަށާން ޖެހެއެވެ. ކޮންމެ އަތޮޅެއްގައި ވެސް ތަރައްގީ ކުރެވޭ ޝަހަރުގައި ރަނގަޅު ފެންވަރުގެ ހަސްފަތާލާއި މަދަރުސާ އަޅައި، އަސާސީ އެހެނިހެން ޚިދުމަތްތަކުގެ އުމްރާނީ އޮނިގަނޑުތައް ބިނާ ކޮށް، އަތޮޅުގެ ކުދިކުދި ރަށްރަށުގެ މީހުން އެ ޝަހަރަށް ބަދަލު ކުރުމުގެ މަސައްކަތް ވެސް އަވަހަށް ފަށާން ޖެހެއެވެ. އެއިރުން ވަޒީފާގެ ބޭނުމުގައި، ނުވަތަ ތައުލީމީ އަދި ސިއްހީ މުހުތާދުތަކާއިގެން އަތޮޅުތަކުން މާލެޔަށް ބަދަލު ވާ ރައްޔިތުންގެ އަދަދު ވެސް މަދު ކުރެވޭނެއެވެ. މާލޭގައި ދިރިއުޅޭ އެތައް ހާސް ރައްޔިތުންނެއް އެނބުރި އަމިއްލަ އަތޮޅުގައި ބިނާ ކުރެވޭ ޝަހަރަށް ބަދަލު ވުމުގެ ފުރުސަތު އުފެއްދޭނެއެވެ. އަތޮޅުތަކުގެ އިގުތިސާދީ އަދި އިޖުތިމާއީ ތަރައްގީގެ ދެމެހެއްޓެނިވި އަސާސްތައް ވެސް ގާއިމު ކުރެވެން ފަށާނެއެވެ. ޝަހަރުތައް ޕްލޭން ކުރާ އިރު، ފުޅާ މަގުތަކާއި، އަތްނުލައި ބާއްވާ ފެހި ސަރަހައްދުތަކާއި، ޕާކުތައް ގިނަ ކޮށް، "ބަގީޗާ ޝަހަރުތަކެއް" ބިނާ ކުރުމުގެ ވިސްނުން ކުރިޔަށް ނެރޭން ޖެހެއެވެ. ދައުލަތުގެ މުހިއްމު ތަންތަނުގެ ތެރެއިން ވެރިކަން ކުރާ ރަށުގައި ހުރުން މުހިއްމު ތަންތަން ފިޔަވައި އެހެން ބައެއް ތަންތަން އަތޮޅުތަކުގައި ބިނާ ކުރާ ޝަހަރުތަކަށް ބަދަލު ކުރާ ގޮތަށް ވެސް ޕްލޭން ކުރެވިދާނެއެވެ. އެގޮތުން، ކީރިތި ޤުރްއާނާ ބެހޭ ގައުމީ މަރުކަޒު ފުވައްމުލަކަށް، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ އައްޑުއަށް، އަދި ދިވެހި ސިފައިންގެ ތަމްރީނުގެ މައި މަރުކަޒު ތިލަދުންމައްޗަށް ބަދަލު ކުރެވޭ ދުވަސް ދުށުމަކީ އަޅުގަނޑުގެ ހުވަފެނެކެވެ.

މި ދެންނެވި ގޮތަށް މުޅި ގައުމުގެ ތަރައްގީގެ ޕްލޭނެއް ހެދުމަށް ފަހު، މާލެޔާއި ހުޅުމާލެޔާއި ވިލިމާލެއިން ގޯތި ދިނުމާއި، ކޮންޑޮމީނިއަމްތައް އަޅައި އެ ތަންތަނުން އެޕާޓްމަންޓުތައް ދޫ ކުރުމުގައި ވެސް އެ ޕްލޭނާ އެއްގޮތަށް އަމަލު ކުރުން އެއީ ކަން ކުރާން ވީ ގޮތެވެ. އެންމެ މުހިއްމު އެއް ކަމަކީ، ޝަހަރުތަކާއި ރަށްތައް ޕްލޭން ކުރާ އިރު ވެސް އިޖުތިމާއީ އަދި އިގުތިސާދީ އަދާލަތު ގާއިމު ކުރުމަށް ޓަކައި ވިސްނުން ހިންގާން ޖެހޭ ކަންކަން ހުންނަ ކަން ހަނދާން ނައްތައިނުލުމެވެ.

ދެވަނަ ކަމަކީ ރައްޔިތުން ގެދޮރުވެރި ކުރުވުމުގެ މަޝްރޫއުތައް ހިންގާ އިރު، ގައުމީ ފެންވަރުގައި ހެދޭ "ހައުސިންގ ނީޑްސް އެސެސްމަންޓް" އަކަށް ބަލައި، ގެދޮރު ކޮންމެހެން ބޭނުން ވާ ފަރާތްތަކަށް ގެދޮރު ހޯދައިދިނުން އެއީ ކަމާބެހޭ ސިޔާސަތުގެ ނާރެސް ކަމުގައި ހެދުމެވެ. މިހާރު އަޅުގަނޑުމެންނަށް މެދުކެނޑުމެއް ނެތި އިވޭ އަޑަކީ، މާލޭގައި އަމިއްލަ ގެދޮރު ނުވަތަ ބިންތައް ލިބިފައި ވާ މީހުންނަށް، މާލެ ސަރަހައްދުން ގޯއްޗާއި އެޕާޓްމަންޓްތައް ލިބޭ އިރު، ލިބޭހައި އެއްޗެއް ކުއްޔަށް ދީގެން މާލޭގައި އުޅޭ ރައްޔިތުން، ކޮންމެ މަޝްރޫއަކަށް ފޯމެއް، ކޮންމެ މަޝްރޫއަކަށް ފޯމެއް ލައިގެން އަވާމެންދުރަކަށް ނަޒަރު ހުއްޓައިލައިގެން ތިބޭން ޖެހޭ ކަމުގެ ޝަކުވާގެ އަޑެވެ. އަޅުގަނޑު ވެސް އެއް ބަހެވެ. ދިވެހި ރައްޔިތަކަށް އޭނާގެ މާލީ ގާބިލުކަން ހުރި ވަރަކުން ދެ ފްލެޓް ނުވަތަ ތިން ފްލެޓް ވެސް ގަތުމުގެ މިނިވަންކަން އޮންނާން ވާނެއެވެ. އެކަމަކު ގެދޮރު ނެތިގެން ސަލާން ޖަހާން ޖެހޭ ރައްޔިތުން އަތްގޮށި ދިއްކޮށްގެން ތިއްބައި، ދައުލަތުން ރައްޔިތުން ގެދޮރުވެރި ކުރުވާން ހިންގާ މަޝްރޫއަކުން ގެދޮރު ހުރި ހަމަ އެކަކަށް ވެސް ދެވަނަ ނުވަތަ ތިންވަނަ ފްލެޓެއް ދިނުމަކީ މުޅި ގައުމު ސިހޭން ޖެހޭ ވަރުގެ ބޮޑު އަނިޔާއެކެވެ. ބޮޑު ބޭއިންސާފެކެވެ.

މުޅި ގައުމުގެ އާބާދީގެ ހައުސިންގ ނީޑްސް އެސެސްމަންޓެއް ހަދާން ޖެހެޔޭ މި ދަންނަވަނީ އެހެންވެގެންނެވެ. މިއީ ދުވަހަކުވެސް ރާއްޖޭގައި ކުރެވުނު ކަމެއް ނޫނެވެ. އަބަދުވެސް މި އޮންނަނީ ސަރުކާރުން ދޫ ކުރާ ގޯތިތަކަކަށް ނުވަތަ ތަރައްގީ ކުރާ ފްލެޓްތަކަކަށް އެދި ފޯމު ލާ ފަރާތްތަކުގެ ތެރެއިން އެއިރަކު ކަން ކުރާން ތިބި ބަޔަކަށް ފެނުނު ގޮތަކަށް އެ ބަޔަކު ކަނޑައަޅާ މިންގަނޑަކުން ޕޮއިންޓު ދީފައި، ދެން ކުރާ ކަމެއްގެ އެއްބައި ސިއްރުން ކޮށްފައި، ފްލެޓްތައް ބަހައި ނިންމައިލާ އުސޫލެވެ. މި ކަންކަން ރަނގަޅު ކުރުމަށް ޓަކައި، ހައުސިންގ ނީޑްސް އެސެސްމަންޓެއް ހައްދަވައި، އެ އެސެސްމަންޓުގެ ނަތީޖާ ދިރާސާ ކުރައްވައިގެން، ގެދޮރުވެރިކަމަށް ބޭނުން ވެފައި ވާ މިންވަރަށް ބަލައި ރައްޔިތުން ކެޓަގަރީތަކަކަށް ބަހައިލައްވާށެވެ. އެއަށްފަހު، ގެދޮރުވެރި ކުރުވުމުގެ މަޝްރޫއުތަކުގެ އެންމެ ފުރަތަމަ ފިޔަވަހީގައި، ގެދޮރަށް އެންމެ ބޮޑަށް ބޭނުން ޖެހިފައި ވާ ރައްޔިތުންނަށް އިސްކަން ދެއްވާށެވެ. އަދި މިގޮތުން ގެދޮރު ދެއްވާ އިރު، ކޮންމެހެން މާލެ ސަރަހައްދުން ދިނުން ވެސް ލާޒިމެއް ނޫނެވެ. މާލެއިން ގެދޮރު ދޭން ވީ، މާލޭގެ ރައްޔިތުންނާއި، އަތޮޅުތަކުގެ ރައްޔިތުންގެ ތެރެއިން އަދާ ކުރާ ވަޒީފާގެ ގޮތުން ނުވަތަ އެހެން ވެސް ސަބަބަކާ ހުރެ މާލޭގައި ދިރިއުޅޭން މަޖުބޫރު ވެގެން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށެވެ. އެ ނޫން ރައްޔިތުންނަށް ދައުލަތުގެ މަޝްރޫއުތަކުން ގެދޮރު ދޭން ވާނީ އެ ބަޔަކު ނިސްބަތް ވާ އަތޮޅެއްގައި ތަރައްގީ ކުރެވޭ ޝަހަރުންނެވެ. އެ ޝަހަރުގައި ގައުމީ ފެންވަރުގެ ހަސްފަތާލާއި މަދަރުސާތައް ތަރައްގީ ކުރުމުން، ރައްޔިތުންގެ ޝަކުވާއެއް ވެސް އެކަމުގައި ނޯންނާނެއެވެ.

ދެން އޮތް ކަމަކީ، ރިއަލް އެސްޓޭޓް ވިޔަފާރީގެ ތެރެއިން، ސަރުކާރުގެ ކުންފުނިތަކުން ވިޔަސް އަދި އަމިއްލަ ކުންފުނިތަކުން ވިޔަސް ކޮންޑޮމީނިޔަމްތައް ހަދައިގެން އެ ތަންތަނުން ރައްޔިތުންނަށް އެޕާޓްމަންޓްތައް ވިއްކުމުގެ ކަންކަން ހަރުދަނާ ގާނޫނުތަކެއްގެ ތެރެއިން ތަންޒީމު ކުރުމުގެ މައްސަލައެވެ. މިހާރު ދިވެހިރާއްޖޭގައި ސަރުކާރުގެ ކުންފުނިތަކުންނާއި ރާއްޖެޔާއި ރާއްޖެއިން ބޭރުގެ އަމިއްލަ ފަރާތްތަކުން މި މަސައްކަތް ކުރަނީ ކޮންމެވެސް ގަވާއިދުތަކަކާ އެއްގޮތަށް ކަމުގައި ވިޔަސް، މި ސިނާއަތް ތަންޒީމު ކުރާ ފުރިހަމަ ގާނޫނެއް ނެތެވެ. އެފަދަ ގާނޫނެއް ނެތުމުގެ އުނިކަން މި ވަގުތު މާ ބޮޑަށް އިހުސާސް ނުކުރެވިދާނެއެވެ. ނަމަވެސް ކުރިޔަށް އޮތް އަހަރުތަކުގައި ރިއަލް އެސްޓޭޓާ ބެހޭ ގާނޫނީ އޮނިގަނޑު ބަލިކަށި ވުމުގެ ސަބަބުން އެތައް މައްސަލަތަކެއް ނުކުމެ، އެތައް ޚުސޫމަތުތަކެއް އުފެދި، އެތައް ބަޔެއްގެ ބޮޑެތި ހައްގުތައް ގެއްލި، އެތައް އާއިލާތަކަކަށް ނުހަނު ބޮޑު އަނިޔާ އާއި ތަކުލީފުތައް ކުރިމަތި ވެގެން އަތުވެދާނެކަން އަޅުގަނޑުމެންގެ ސަމާލުކަމުން ދުރަށް ދިޔަނުދެމާތޯއެވެ؟ ދެތިން މިސާލެއް ނަގަމާ ހިންގަވާށެވެ. އެނގިވަޑައިގަންނަވާނެ ފަދައިން، މިހާރު ދިވެހިރާއްޖޭގައި ކޮންޑޮމީނިއަމްތައް އަޅައި ފްލެޓް ވިއްކާ ކުންފުނިތަކުގެ ތެރޭގައި ރާއްޖެއިން ބޭރުގެ ކުންފުނިތައް ވެސް ހިމެނެއެވެ. މައްސަލައެއް ޖެހިގެން އެ ކުންފުނި ޖަވާބުދާރީ ކުރުވާން ބަލާ އިރު، ގާނޫނީ އޮނިގަނޑުގެ ބަލިކަށިކަމުން، ޒިންމާއިން ރެކިގަނެގެން ބޭރު ވެގަނެވޭ ފަދަ ބާގަނޑުތައް ގާނޫނުގައި ހުރުމުގެ ނަތީޖާއެއްގެ ގޮތުން، އެ ކުންފުންޏަކުން ފްލެޓު ގަނެގެން ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ލިބޭ ގެއްލުމަކަށް ފަރުވާ ހޯދާނީ ކިހިނެއްތޯއެވެ؟ ހަމަ އެހެންމެ، ކުންފުންޏަކުން ތަރައްގީ ކުރާ ކޮންޑޮމީނިއަމެއް ހަދައި ނިންމުމަށް ފަހު، އެ ތަންތަނުގައި ހިމެނޭ ފްލެޓުތައް ރައްޔިތުންނަށް ވިއްކައި ނިންމާ ވެސް ފަހުން، ތަން ހަލާކު ވެގެން އެ ތަނުން ފްލެޓް ގަތް ރައްޔިތުން މަގުމަތި ވެއްޖެ ނަމަ، ދެން ހަދާނީ ކިހިނެއްތޯއެވެ؟ އެފަދަ ހާލަތުގައި، އިންސާފުވެރި ގޮތެއްގެ މަތީން ތަން ތަރައްގީ ކުރި ކުންފުންޏާއި، އަދި ފްލެޓް ގަތް ރައްޔިތުންގެ ހައްގުތައް ރައްކައުތެރި ކުރެވޭނެ ގޮތްތަކެއް ކަނޑަނާޅައި ބޭއްވުމަކީ ކިހައި ބޮޑު މޮޔަކަމެއްތޯއެވެ؟

އަޅުގަނޑުމެން ސަމާލުކަން ދޭން ޖެހޭ އަނެއް ކަމަކީ، މިހާރު އަޅާ ކޮންޑޮމީނިއަމްތަކުގެ ފްލެޓްތަކާއި، އަދި ދޭ ގޯތިތަކުގެ ބޮޑުމިނުގެ މައްސަލައެވެ. މި ދޭތެރެއިން ސަރުކާރުން އިއުލާން ކުރެއްވީ 1000 އަކަފޫޓުގެ ގޯތިތަކެއް ދޫ ކުރައްވާ ވާހަކައެވެ. ގިނަ ވާހަކަތަކަކަށް ނުގޮސް، ކުރުކޮށް ދަންނަވައިލާނަމެވެ. 1000 އަކަފޫޓަކީ އާއިލާޔަކަށް ގެދޮރު ބިނާ ކުރުމަށް ޓަކައި ފުދޭ ވަރުގެ ޖާގައެއް ނޫނެވެ. ގޯއްޗެއް ދޭ ނަމަ، އެ ގޯއްޗަކީ އެންމެ ކުޑަ ވެގެން ވެސް ތިން ކޮޓަރިޔާއި ބޮޑުކޮޓަރިޔާއި ބަދިގެ ހިމެނޭ ގެޔަކާ އެކު، ހަތަރު ފަރާތުން ވެސް ކޮންމެ ފަރާތަކުން މަދު ވެގެން ދިހަ ވަރަކަށް ފޫޓުގެ ހުސް ޖާގަ ބޭއްވޭ ވަރުގެ ބިމަކަށް ވާން ޖެހޭ ކަމަށް އަޅުގަނޑު ދެކެމެވެ. އެއީ ހިސާބަކަށް ބަގީޗާ ހައްދައިލުމާއި، ކުޑަކުދީން ގޭތެރެއިން ނުކުމެލައި ކުޅެލައި ހެދުމާއި، އަލިފާނުގެ ހާދިސާއެއް ފަދަ ކަމެއް ހިނގައިގެން ދާ ވަގުތު ކުރާން ޖެހޭ ކަންކަން ކުރުން ފަދަ ބޭނުންތަކަށް ވިސްނައިގެންނެވެ.

ކޮންޑޮމީނިއަމްތަކުގައި ހުންނަ އެޕާޓްމަންޓްތަކުގައި ވެސް މި ދެންނެވި އުސޫލުން އެކަށީގެން ވާ ޖާގަ ހުރުން މުހިއްމެވެ. އެއް ކޮޓަރީގެ އެޕާޓްމަންޓާއި ދެ ކޮޓަރީގެ އެޕާޓްމަންޓްތައް ވެސް ބައެއް އާއިލާތަކަށް ބޭނުން ވާނެއެވެ. ނަމަވެސް އާއްމު މިންގަނޑެއްގެ ގޮތުގައި، ދެމަފިރިންނަށް އެއް ކޮޓަރި، ފިރިހެން ކުދީންނަށް އެއް ކޮޓަރި، އަންހެން ކުދީންނަށް އެެއް ކޮޓަރި ހުންނާނޭ ގޮތަށް، މަދު ވެގެން ތިން ކޮޓަރިޔާއި ބޮޑުކޮޓަރިޔާއި ބަދިގެއެއް އެއީ ކޮންމެ އާއިލާޔަކަށް ވެސް ބޭނުން ވާ އަސާސީ މިންވަރު ކަމަށް ގަބޫލު ކުރެވެއެވެ. ވީމާ ބިނާ ކުރެވޭ ކޮންޑޮމީނިއަމްތަކުން 70 އިންސައްތަ ނުވަތަ 80 އިންސައްތަޔަކީ ތިން ކޮޓަރީގެ އެޕާޓްމަންޓްތައް ކަމުގައި ހެދުން އެއީ ކަމާބެހޭ ގާނޫނުތަކުން ލާޒިމު ކުރެވޭން ޖެހޭ ކަމެކެވެ. ހަމައެހެންމެ، ކޮޓަރިއެއްގައި 10 ފޫޓު 10 ފޫޓުގެ ޖާގައެއް ހުރުން ވެސް އެއީ ބަލައިނުގަނެވޭ ކަމެކެވެ. ތުންތުންމަތީން އިވޭ ވާހަކަތަކަށް ބަލާ އިރު، ތިން ކޮޓަރި ހުންނަ ގޮތަށް ފަރުމާ ކުރެވިފައި ހުރި އެޕާޓްމަންޓްތައް ވެސް "ފްލެޓް ދިން އަދަދު ގިނަ ކުރުމުގެ ގޮތުން" ދެ ކޮޓަރިޔަށް ބަދަލު ކޮށް، ކޮޓަރިތައް އިންތިހާޔަށް ކުޑަ ކުރުން ވެސް އެއީ ބަޔަކު ކޮށްފައި އޮތް ކަމެކެވެ. އެފަދަ ކަންކަން ނުކުރަމާތޯއެވެ؟ އަޅުގަނޑު ދެކޭ ގޮތުގައި، ރައްޔިތުން ގެދޮރުވެރި ކުރުވުމުގެ މަޝްރޫއުތަކުން ދެވޭ އެޕާޓްމަންޓްތަކުގައި ކޮޓަރިތައް ހުންނާން ވީ މިންގަނޑު ވެސް ގާނޫނާއި ގަވާއިދުގައި ކަނޑައަޅާން ވީއެވެ.

ފަސްވަނަ ކަމަކީ، ކޮންޑޮމީނިއަމްތަކުގައި ހުންނަ ފެސިލިޓީތަކުގެ ވާހަކައެވެ. ކޮންމެ ކޮންޑޮމީނިއަމެއްގައި ވެސް ކަނޑައެޅޭ ވަކި ސަރަހައްދެއް ބޮޑެތި ގަސްގަހާއި ބަގީޗާ ހައްދައި ފެހި ކޮށްފައި އޮތުމަކީ އަޅުގަނޑުގެ ނަޒަރުގައި ކޮންމެހެން ވެސް ކުރާން ޖެހޭ ކަމެކެވެ. ހަމައެހެންމެ، ފަތާފެންގަނޑާއި، ކުޑަކުދީން ކުޅޭނެ ޖާގަޔާއި، ޕާކު ކުރާނެ ޖާގަޔަކީ މި ޒަމާނުގައި ކޮންޑޮމީނިއަމްތަކުގައި އާއްމުކޮށް ހިމެނޭ ޚިދުމަތްތަކެވެ. މިއިން ކަމެއް ހުރި ކޮންމެ ތަނެއް އެއީ "ލަގްޒަރީ" އެޕާޓްމަންޓަށް ވެ، އެ ތަނެއްގެ އަގު އިތުރު އެތައް ލައްކަޔަކުން ބޮޑު ކުރުމަކީ ވެސް އަޅުގަނޑުމެންގެ ތެރޭގައި އެއްވެސް ކޮންޓްރޯލެއް ނެތި، އަނގަ ތަންމިނަށް ހުޅުވައިގެން މުޅި މުޖުތަމައު ކާން އުޅޭ "ކޯރޕޮރޭޓް ގްރީޑް" ގެ އުސޫލެވެ.

މި މައުޒޫގައި ދައްކާ ވާހަކައެއް، އެޕާޓްމަންޓްތަކަށް ދައްކާން ޖެހޭ ބޮޑު އަގުގެ ވާހަކަޔާ ނުލައި ފުރިހަމައެއް ނުވާނެއެވެ. ވީމާ އެ ވާހަކަ ވެސް ދައްކަމާ ހިންގަވާށެވެ.

މި ދޭތެރެއިން ހުޅުމާލޭގައި ގިނަ ކޮންޑޮމީނިއަމްތަކެއްގެ މަސައްކަތް ފެށި، އެ ތަންތަން ހަދާ ކުންފުނިތަކާއި، އެޕާޓްމަންޓް ގަތުމަށް ޓަކައި ލޯނު ދޭ ބޭންކުތައް ބައިވެރި ވާ ގޮތަށް ބޭއްވުނު މައުރަޒުތަކަށް ވަދެލައި ޚަބަރު ބަލައިލި އިރު، އެޕާޓްމަންޓެއް ގަތުމަށް ޓަކައި ބޭންކަކުން ފައިސާ ހަމަޖައްސާ ނަމަ، އެޕާޓްމަންޓުގެ އަގަށް ވުރެ ބޮޑު އަދަދެއް ބޭންކަށް ދައްކާން ނުޖެހޭ ހަމަ އެއްގޮތެއް ވެސް ނޯވެއެވެ. މިސާލަކަށްދެ މިލިއަން ރުފިޔާގެ އެޕާޓްމަންޓެއް ގަނެގެން، ބޭންކަށް 20 ވަރަކަށް އަހަރުން ފައިސާ ދައްކާ ނަމަ، އަގު އޮންނަނީ ހަތަރު މިލިއަނަށް ވުރެ މައްޗަށް ގޮސްފައެވެ. އެ ލޯނު ހަމަޖެހެނީ ހަތަރު ނުވަތަ ފަސް ލައްކައެއްހައި ރުފިޔާ އަމިއްލަޔަށް ހަމަޖައްސައިގެންނެވެ.

ގެދޮރު ހުރި މީހަކު، ދެވަނަ ނުވަތަ ތިންވަނަ ނުވަތަ ހަތަރުވަނަ އެޕާޓްމަންޓް ގަންނަ ހާލަތުގައި، އެ ގޮތް ވެސް ގޯހެއް ނޫނެވެ. އެކަމަކު ގެދޮރު ނެތް ރައްޔިތަކު، ތިމާޔާއި ތިމާގެ އާއިލާ ވަންނާނެ ބޯހިޔަލެއް ހޯދުމަށް ޓަކައި އުޅޭ އިރު، މިފަދަ ބަރު އަދަދުތަކުގެ ދަށުގައި އޭނާގެ މުޅި ދިރިއުޅުން ހަފުސް ކޮށްލުމަކީ ބަރުބަރިއްޔަތު ފިޔަވައި އެހެން އެއްޗެއް ނޫނެވެ. އެހެންކަމުން މި މައްސަލަ ހައްލު ކުރެވޭން ޖެހެއެވެ. އެއް ގޮތަކީ ގެދޮރު ނެތް ރައްޔިތަކު އަލަށް ގެދޮރު އަޅާ ނަމަ ނުވަތަ އަލަށް ފްލެޓެއް ހޯދާ ނަމަ، ދައުލަތުން އޭނާޔަށް އެކަށޭނަ މާލީ އެހީއެއް ދިނުމެވެ. އެކަން ކުރެވިދާނެ ކިތަންމެ ގޮތެއް އޮންނާނެއެވެ. އެއް ގޮތަކީ، ބޯހިޔާވަހިކަން ނެތް ރައްޔިތުން ގެދޮރުވެރި ކުރުވުމަށް ޓަކައި ޚަރަދު ކުރާނެ ފަންޑެއް ހަދައި، އެ ފަންޑަށް ކޮންމެ އަހަރަކު ވެސް ދައުލަތުގެ ބަޖެޓުން ކޮންމެވެސް މިންވަރެއް، އަދި ވަކި މިންވަރަކަށް ވުރެ ބޮޑު ފައިދާއެއް އަހަރަކު ލިބޭ ކުންފުނިތަކުން ކޯރޕޮރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީގެ އުސޫލުތަކުގެ ދަށުން ވަކި މިންވަރެއް ނެގުމެވެ. މި އުސޫލުން އެކުލަވައިލެވޭ ފަންޑުން އެއްކަލަ އެޕާޓްމަންޓުގެ އަގު އެއްފަހަރާ ދައްކައިދިނުމަށް ފަހު، ފްލެޓް ގަތް މީހާ އެ އަގުގެ ކޮންމެވެސް މިންވަރެއް ނުވަތަ މުޅި އަގު ނަމަވެސް އިތުރު އިންޓްރެސްޓަކާ ނުލައި ދިގު މުއްދަތަކުން އެއްކަލަ ފަންޑަށް ދައްކައިނިންމޭ ގޮތަށް ވެސް ބޭއްވިދާނެއެވެ.

މި ދެންނެވީ މި ކަމާ ގުޅޭ މުހިއްމު ބައެއް ކަންކަމުގެ ވާހަކައެވެ.

ނިންމައިލުމުގެ ކުރީން އަދި އެއް ވާހަކަ ދަންނަވައިލާނަމެވެ. ގެދޮރުވެރި ކުރުވުމަށް ޓަކައި އެއްވެސް ސަރުކާރަކުން ރަނގަޅު ސިޔާސަތެއް ހަދައި ތަންފީޒު ކުރެވޭނެ ކަމުގެ އިތުބާރު، ރައްޔިތެއްގެ ހައިސިއްޔަތުން އަޅުގަނޑަކަށް ނެތެވެ. ސަރުކާރުތައް ކޮންޓްރޯލު ކުރަނީ ސިޔާސީ ޕާޓީތަކުން ކަމުގައި ވާތީ، އެއްވެސް ސަރުކާރަކުން އެ ސަރުކާރެއްގެ ޕާޓީ ސަޕޯޓް ބޭހުގެ މަސްލަހަތު ދޫ ކޮށްލައި ގައުމާއި ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރާނެ ކަމަށް ނުބެލެވޭތީއެވެ. އަދި އެއް ސަރުކާރަކުން ގެންގުޅޭ ސިޔާސަތު، އަނެއް ސަރުކާރު އައިސް އެފުށް މިފުށަށް ނުޖަހާނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނޯންނާނެތޯއެވެ. މިހާރުގެ ހާލަތު ހުރި ގޮތުން، ކޮރަޕްޝަން ފަދަ ކަންކަމާއި ކޯރޕޮރޭޓް ގްރީޑްގެ ބަނަ އަނދިރިކަމުގެ ހިޔަނި ނޭޅި މި މަސައްކަތް ކުރެވިދާނެ ކަން ވެސް ގަބޫލު ނުކުރެވޭތީއެވެ. އެހެންކަމުން، އަޅުގަނޑުގެ ޚިޔާލަކީ ކުރިޔަށް އޮތް ވިއްސަކަށް އަހަރަށް ހަދާ ޕްލޭނެއްގެ ގޮތުގައި، ގައުމީ ގެދޮރުވެރި ކުރުވުމުގެ ސިޔާސަތަކާއި އެ ސިޔާސަތުގެ އަމަލީ ޕްލޭނެއް، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ޓެކްނޯކްރޭޓުން ހިމެނޭ ކޮމިޓީއަކާ ހަވާލު ކޮށްގެން، ހުރިހާ ސިޔާސީ ޕާޓީތަކެއްގެ ޚިޔާލާއި މަޝްވަރާ ވެސް ހިމަނައިގެން، އެކުލަވައިލުމެވެ. އެ ކޮމިޓީގައި އެންމެ އިސްކޮށް ހަރަކާތްތެރި ވެވަޑައިގަންނަވާން ވާނެ ކަމަށް އަޅުގަނޑަށް ފެންނަނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ އާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ އާއި، ގައުމީ ދިފާއީ ބާރުގެ އިސް ބޭފުޅުންގެ ތެރެއިން ހޮވައިލެވޭ ބޭފުޅުންކޮޅަކާއި، ދައުލަތަށް ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވުމަށް ފަހު ރިޓަޔަރ ކުރައްވައިފައި ތިއްބެވި ބޭފުޅުންގެ ތެރެއިން ހޮވައިލެވޭ ބޭފުޅުންކޮޅެކެވެ. އޭގެ އިތުރުން، ރައްޔިތުންގެ މަޖިލިހުގައި ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވުމަށް ފަހު މިހާރު ރިޓަޔަރ ކުރައްވައިގެން ތިއްބެވި ބޭފުޅުންގެ ތެރެއިން ބޭފުޅުންކޮޅަކާއި، އެއިރަކު ހުންނެވި ހައުސިންގ މިނިސްޓަރ ވެސް އެ ކޮމިޓީގައި ހިމެނޭން ވާނެއެވެ. އެ ކޮމިޓީން ހަދާ ޕްލޭނާ ނުކުޅެ، އެއަށް ގޮތްގޮތް ނުހަދައި، ސިޔާސީ މަގުސަދުތަކަށް ބޭނުން ކުރާ ހަތިޔާރަކަށް އެ ޕްލޭން ނުހަދައި، ކޮންމެ ސަރުކާރެއް އަޔަސް އެ ޕްލޭން ތަންފީޒު ކުރުމުގެ ކަންކަން އެއް ގޮތެއްގައި ކުރިޔަށް ގެންދެވޭނެ ނިޒާމެއް ގާއިމު ކުރެވިއްޖެ ނަމަ، ގެދޮރުވެރި ކުރުވުމުގެ ކަންކަން ރަނގަޅަށް ގެންދެވިދާނެ ކަމަށް ފެނެއެވެ.

comment ކޮމެންޓް