މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގެ މުގައްރިރަކަށް މިފަހަރު ވެސް ރިޔާޒު

ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގެ ތެރެއިން --- އަހްމަދު އަވްޝަން

ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގެ އަގުލަބިއްޔަތު ސަރުކާރު ހިންގާ ކޮލިޝަނަށް އޮތް ނަމަވެސް އެ ކޮމެޓީގެ މުގައްރިރާއި ނައިބް މުގައްރިރަކަށް އިދިކޮޅު ދެ މެންބަރުން އިންތިހާބު ކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެން އެ މެންބަރުން ހިމަނައިގެން އަލުން ކޮމެޓީތައް އެކުލަވާލުމަށް ފަހު މިއަދު ބޭއްވި ބައްދަލުވުމުގައި މުގައްރިރަކަށް އިންތިހާބް ކޮށްފައި ވަނީ ކުރިން ވެސް އެ ކޮމެޓީގެ މުގައްރިރަކަށް އިންނެވި ވިލިފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު އެވެ. އަދި ނައިބް މުގައްރިރަކަށް ކޮމެޓީގެ އަގުލަބިއްޔަތުން އިންތިހާބް ކޮށްފައި ވަނީ ހޯރަފުށީ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލެވެ.

ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގެ މިއަދު ގެ ބައްދަލުވުމުގެ ތެރެއިން --- އަހްމަދު އަވްޝަން

އެ ކޮމެޓީގެ މުގައްރިރު ކަމަށް ސަރުކާރު ކޯލިޝަނުގައި ހިމެނޭ މައި ޕާޓީ އެމްޑީޕީގެ، މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް އާއި އެމްއާރުއެމްގެ އަދި މިވަގުތު މިނިވަން މެންބަރެއްގެ ގޮތުގައި ހުންނެވި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމްގެ ނަން ހުށަހެޅި ނަމަވެސް އެ ދެ ނަން ފާސް ވާވަރަކަށް ވޯޓެއް ނުލިބެ އެވެ.

އެ ކޮމެޓީގެ މުގައްރިރާއި ނައިބް މުގައްރިރުން އިންތިހާބް ކޮށްފައި ވަނީ މީޑީއާ ނުވައްދަ އެވެ. އެހެން ކަމުން މެންބަރުން ވޯޓު ދެއްވި ގޮތުގެ ތަފްސީލް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގެ މިއަދު ގެ ބައްދަލުވުމުގެ ތެރެއިން --- އަހްމަދު އަވްޝަން

ރިޔާޒު އާއި މުހައްމަދު އިސްމާއިލް އާއި އިބްރާހިމް ޝަރީފްގެ އަދި ވައްޑޭގެ އިތުރުން ދެން އެ ކޮމެޓީގައި ތިއްބަވަނީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާޙިދު އާއި ދާންދޫ ދާއިރާގެ މެންބަރު އަހްމަދު އައްސަދު އާއި މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީފދު އާއި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އާއި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހް އާއި މަތިވެރި ދާއިރާގެ މެންބަރު ހުސައިން މުހައްމަދު އާއި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިންނެވެ.

ދާއިމީ ކޮމެޓީތަކުގެ ތެރެއިން ހަތް ކޮމެޓީއެއްގެ އަގުލަބިއްޔަތު ސަރުކާރު ކޯލިޝަނަށް ލިބިފައިވާ އިރު ފަސް ކޮމެޓީއެއްގެ އަގުލަބިއްޔަތު ލިބެނީ އިދިކޮޅު ޕީޕީއެމަށެވެ.

comment ކޮމެންޓް