ސިޔާމް-މައުރޫފް ސޮކަރ ކަޕް ފަށައިފި: ފުރަތަމަ މެޗު ލަނޑެއް ނުޖެހި އެއްވަރު

ސިޔާމް-މައުރޫފް ސޮކަރ ކަޕް 2018 ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރޭން-- ސަން ފޮޓޯ

ރާއްޖޭގައި ބޭއްވޭ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ، ސިޔާމް-މައުރޫފް ސޮކަަރ ކަޕް 2018ގެ ފުރަތަމަ މެޗު، ލަނޑެއް ނުޖެހި އެއްވަރުވެއްޖެއެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ވާދަކުރީ ގްރޫޕް "އޭ"ގެ ދެޓީމު ކަމަށްވާ ކެނދިކުޅުދޫ ފުޓްބޯޅަ ކްލަބާއި މާޅެންދޫ ފުޓްބޯޅަ ކްލަބެވެ.

މިއަދު ހަވީރު ނ. ކެނދިކުޅުދޫ ފުޓްބޯޅަ ދަނޑުގައި ފެށިގެން ދިޔަ ފޯރިގަދަ މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި މި މުބާރާތުގެ ދެ ބާނީން ކަމަށްވާ، ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދާއި، ނ. ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަލީ މައުރޫފުގެ އިތުރުން މުބާރާތް ޝަރަފްވެރިކޮށްދެއްވުމަށްޓަކައި ޚާއްސަ މެހެމާނެއްގެ ގޮތުން ކުޅިވަރާބެހޭ ވަޒީރު އަހްމަދު މަހްލޫފް ބައިވެރިވެވަޑައިގަތެވެ.

މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސިޔާމް ވިދާޅުވީ، މިއަހަރުގެ މުބާރާތަކީވެސް ކުރީގެ އަހަރުތަކެކޭ އެއްފަދައިން ފޯރިގަދަ މުބާރާތަކަށް ވާނޭކަމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި މި މުބާރާތް ބޭއްވުމުގެ މަގުޞަދަކީ، ޒުވާނުންގެ ތެރޭގައި ހުރި އިޖްތިމާއީ މައްސަލަތައް ހައްލުކުރުމާއި، ކުށުގެ ވެށީން ޒުވާނުން ނެރެ، އިޖްތިމާއީ ފޭރާން ރަނގަޅުކުރުމަށް ރައްޔިތުންނާ ގުޅިގެން ޚަރަކާތްތަކެއް ކުރިއަށް ގެންދިއުންކަމަށް ސިޔާމް ވިދާޅުވިއެވެ.

ސިޔާމް ވިދާޅުވީ، މިފަދަ މުބާރާތްތަކުގައި ޒުވާނުންނާއި، މުޅި ރައްޔިތުންގެ ބައިވެރިވުން ލިބުމަކީ، އޭގެ ފައިދާ ހުރިހާ ގޮތަކުންވެސް ރައްޔިތުންނަށް ކުރާނޭ ކަމެއް ކަމަށެވެ.

އެހެންކަމުން ރާއްޖޭގެ ތާރީޚުގައިވެސް މިހާތަނަށް ބޭއްވޭ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތުގައި ނ. އަތޮޅުގެ ރައްޔިތުންނާއި، އަތޮޅުން ބައިވެރިވާ ޓީމުތަކުން ފޯރިގަދަ މެޗުތަކެއް ދެއްކުމަށާއި މުބާރާތް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް ސިޔާމް އެދިލެއްވިއެވެ.

https://sun.mv/112050

އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ކުޅިވަރާބެހޭ ވަޒީރު މަހުލޫފު ވިދާޅުވީ، ސިޔާމް-މައުރޫފް ސޮކަރ ކަޕް 2018 ހުޅުވުމުގެ ރަސްމިއްޔާތަށް ދައުވަތު ލިބުމަކީ ވަރަށް އުފާކުރައްވާ ކަމެއް ކަމަށާއި، ކުޅިވަރުގެ ތެރެއަށް އޭނާ ސިޔާސީ ކަންކަން ނުވައްދަވާނޭ ކަމަށެވެ.

މިނިސްޓަރު މަހުލޫފު ވިދާޅުވީ، ނ. އަތޮޅުގައި ބާއްވާ މިފަދަ މުބާރާތަކަށް ދުނިޔޭގެ ފެންވަރުގެ ކުޅުންތެރީން ކަމަށްވާ، ކާލްސް ޕިޔޯލްއާއި ޑިޑިއޭ ޑްރޮގްބާ ފަދަ ކުޅުންތެރީން އައުމަކީ އާދައިގެ ކަމެއް ނޫން ކަމަށެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 600،000 ރުފިޔާގެ ފައިސާގެ އިނާމެއް ދޭވާކަ އިވުމުން ހައިރާންވި ކަމަށްވެސް މަހުލޫފު ވިދާޅުވިއެވެ.

"މިއަދު މި ރަށަށް އައި ދަތުރުމަތީގައި އަޅުގަނޑަށް އެނގުނީ މި މުބާރާތުގެ ޗެމްޕިއަނުންނަށް 600،000 ރުފިޔާ ދޭވާހަކަ. އެއީ ހަމަ ވަރަށް ބޮޑު އަދަދެއް އިނގޭތޯ. މިއީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ނިސްބަތުން ހަމަ ވަރަށް ވަރަށް ބޮޑުކޮށް ބޭއްވިގެންދާ މުބާރާތެއް،" އޭނާ ވިދާޅުވިއެވެ.

ކުރިއަށް އޮތް ތަނުގައި ކެނދިކުޅުދޫގައި ރަނގަޅުފެންވަރުގެ ޓާފެއް ސަރުކާރާއި ސިޔާމްގެ ޚަރަދުގައި އަޅައިދިނުމަށް މަސައްކަތްކުރާނޭ ކަމަށް ސިޔާމާއި މަހުލޫފުވެސް ވިދާޅުވިއެވެ.

ސިޔާމް-މައުރޫފް ސޮކަރ ކަޕްގެ ފަސްވަނަ މުބާރާތް މިއަދު ފެށިގެން ދިޔައިރު މި މުބާރާތުގައި މިފަހަރު ނ. އަތޮޅުގެ 11 ރަށަކުން ވާދަކުރެއެވެ. ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގެ ގްރޫޕް "އޭ"ގައި ހަ ޓީމު ހިމެނޭއިރު ގްރޫޕް "ބީ"ގައި ހިމެނެނީ ފަސް ޓީމެވެ. މުބާރާތް ކުރިއަށް ދާނީ ނޮވެމްބަރު 24 އިން ޑިސެމްބަރު 25އަށެވެ.

ގްރޫޕް އޭ

  • ކެނދިކުޅުދޫ
  • މާޅެންދޫ
  • ހެނބަދޫ
  • މަނަދޫ
  • މިލަދޫ (އެންމެ ފަހުގެ ޗެމްޕިއަން)
  • މަގޫދޫ

ގްރޫޕް ބީ

  • ވެލިދޫ
  • ލަންދޫ (އެންމެ ފަހުގެ ރަނަރަޕް)
  • މާފަރު
  • ހޮޅުދޫ
  • ކުޑަފަރި

ސިޔާމް-މައުރޫފް ސޮކަރ ކަޕަކީ ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދާއި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަލީ މައުރޫފްގެ އިސްނެންގެވުމާއެކު ނ. އަތޮޅުގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ.

comment ކޮމެންޓް