ސިޔާމް-މައުރޫފް ސޮކަރކަޕް: އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތް މާދަމާ ފަށަނީ!

ސިޔާމް މައުރޫފް ސޮކަރ ކަޕް 2017ގެ ޗެމްޕިއަން ޓީމު މިލަދޫ މުބާރާތުގެ ތަށި އުފުލައިލަނީ. މިއަހަރުގެ މުބާރާތް މާދަމާ ފަށާނެ. -- ސަން ފައިލް ފޮޓޯ/ ޝާން

ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ "ސިޔާމް-މައުރޫފް ސޮކަރ ކަޕް 2018" މާދަމާ ފަށާނެއެވެ. މުބާރާތް ކުރިއަށް ދާނީ ނޮވެމްބަރު 24 އިން ޑިސެމްބަރު 25އަށެވެ. ހަމައެކަނި މުބާރާތުގެ އެކި ވަނަތަކަށް ހުށަހަޅާފައިވާ ފައިސާގެ އިނާމަށް ބެލިނަމަވެސް މި މުބާރާތުގެ އަގު 740000 ރުފިޔާއަށް އަރައެވެ. މިއީ ނ. އަތޮޅުގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ބާއްވާ އަތޮޅު ފެންވަރުގެ ވަރުގަދަ މުބާރާތެކެވެ.

ޗެމްޕިއަން ޓީމަށް 600،000 ރުފިޔާގެ ބޮޑު ފައިސާގެ އިނާމެއް ހުށަހަޅާފައިވާ މިމުބާރާތުގެ ފުރަތަމަ މެޗުގައި ވާދަކުރާނީ، މިފަހަރު މުބާރާތް ބާއްވާ ރަށް، ނ. ކެނދިކުޅުދޫއާއި ނ. މާޅެންދޫއެވެ. މި ދެޓީމަކީވެސް ގްރޫޕް "އޭ"އަށް ނިސްބަތްވާ ދެޓީމެވެ. މީގެ އިތުރުން މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުން ކަމަށްވާ މިލަދޫވެސް ލައްވާލީ މި ގްރޫޕަށެވެ.

ނ. އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށް އޮންނަ އިރު، މިދިޔަ އަހަރު ސިޔާމް-މައުރޫފް ސޮކަރ ކަޕްގައި އެ އަތޮޅުގެ 12 ރަށަކުން ވާދަކުރިއެވެ. ނަމަވެސް މިއަހަރު ވާދަކުރަނީ 11 ރަށަކުންނެވެ. ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގެ ގްރޫޕް "އޭ"ގައި ހަ ޓީމު ހިމެނޭއިރު ގްރޫޕް "ބީ"ގައި ހިމެނެނީ ފަސް ޓީމެވެ.

ގްރޫޕް އޭ

  • ކެނދިކުޅުދޫ
  • މާޅެންދޫ
  • ހެނބަދޫ
  • މަނަދޫ
  • މިލަދޫ (އެންމެ ފަހުގެ ޗެމްޕިއަން)
  • މަގޫދޫ

ގްރޫޕް ބީ

  • ވެލިދޫ
  • ލަންދޫ (އެންމެ ފަހުގެ ރަނަރަޕް)
  • މާފަރު
  • ހޮޅުދޫ
  • ކުޑަފަރި

މިއީ ސިޔާމް-މައުރޫފް ސޮކަރ ކަޕް ބާއްވާ ފަސް ވަނަ ފަހަރެވެ. މި މުބާރާތުގެ މިދިޔަ އަހަރުގެ ފައިނަލްގައި ވާދަކުރީ މިލަދޫއާއި ލަންދޫއެވެ. މާޅެންދޫ ފުޓްބޯޅަ ދަނޑުގައި ކުޅުނު ފޯރިގަދަ ފައިނަލް މެޗުގައި ލަންދޫ އަތުން މިލަދޫ މޮޅުވީ 1-0ގެ ނަތީޖާއަކުންނެވެ.

https://sun.mv/98479

ނ. އަތޮޅަކީ ރާއްޖޭގެ ފުޓްބޯޅައަށް ވަރަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދީފައިވާ ތަރީންތަކެއް ނިސްބަތްވާ އަތޮޅެކެވެ. އެގޮތުން "ސިޔާމް މައުރޫފް ސޮކަރ ކަޕް" އިންތިޒާމް ކުރުމުގައި އެންމެ އިސްކޮށް ޚަރަކާތްތެރިވަނީ، ރާއްޖެއަށް ފުރަތަމަ ފަހަރާށް ފުޓްބޯޅައިން ރަންމެޑަލް ހޯދައިދިން، ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އައްސަދު ޢަބްދުލްޣަނީއެވެ.

މުބާރާތުގެ އެންމެ ފަހުގެ ތައްޔާރީތަކާ ގުޅޭގޮތުން އައްސަދު ބުނީ، މިފަހަރުގެ މުބާރާތަކީވެސް ކުރީގެ އަހަރުތަކެކޭ އެއްފަދައިން ވަރަށް ފުރިހަމަ، އަދި އެހާމެ ފޯރިގަދަ މުބާރާތަކަށް ވާނޭކަމަށެވެ. އަދި މިހާރު މުބާރާތް ފެށުމަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށް އޭނާ ބުންޏެވެ.

"ދިވެހި ފުޓްބޯޅައިގައި ސަޕޯޓަރުންވެސް ވަރަށް ހީނަރުކޮށް ފެންނަ ދުވަސްވަރެއްގައި އަތޮޅު ތެރޭގައި އެންމެ ފޯރިގަދަކޮށް ބޭއްވޭ މުބާރާތް މިއީ. މި މުބާރާތް އިތުރަށް ފޯރިގަދަވެގެން ދަނީ ސަޕޯޓަރުންގެ ފޯރި އިތުރުކުރުމަށް އެންމެ ރަނގަޅަށް ސަޕޯޓުކުރާ ޓީމަކަށްވެސް މިވަނީ ފައިސާގެ އިނާމެއް ހުށަހެޅިފައި،" އައްސަދު ބުންޏެވެ.

އޭނާ ބުނީ، އަތޮޅުތެރޭގައި ބޭއްވޭ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް، އަދި އަގުގެ ގޮތުން ބަލާއިރު މުޅި ރާއްޖޭގައިވެސް ބޭއްވޭ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކުރިއަށް ގެންދިއުމުގައި ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާއާއި، އަދި ޚާއްސަކޮށް ނ. އަތޮޅުގެ ރައްޔިތުންގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބޭ ކަމަށެވެ.

ސިޔާމް-މައުރޫފް ސޮކަރ ކަޕަކީ ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދާއި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަލީ މައުރޫފްގެ އިސްނެންގެވުމާއެކު ނ. އަތޮޅުގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ.

comment ކޮމެންޓް