ސިޔާމް މައުރޫފް ސޮކާ ކަޕްގެ ފައިނަލުގައި ލަންދޫ ބަލިކޮށް، މިލަދޫން ޗެމްޕިއަންކަން ހޯދައިފިއެވެ.
މާޅެންދޫ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު އެ މެޗުގައި ލަންދޫ އަތުން މިލަދޫ މޮޅުވެފައިވަނީ 1-0 ލަނޑުގެ ނަތީޖާއަކުންނެވެ. އެ މެޗު ބެލުމަށް ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ކުޅިބަލަން ދަނޑަށް ވަދެފައެވެ.
އެ މެޗުގެ ހާއްސަ މެހެމާނެއްގެ ގޮތުގައި ބައިވެރިވެފައިވަނީ ޗެލްސީ އަދި އައިވަރީ ކޯސްޓްގެ ފުޓްބޯޅަ ލެޖެންޑް ޑިޑިއާ ޑްރޮގްބާއެވެ. އޭނާގެ އިތުރުން މުބާރާތުގެ ދެ ބާނީން، ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދާއި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަލީ މައުރޫފް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އެ މެޗުގެ ފުރަތަމަ ހާފު ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވަނީ މިލަދޫއެވެ. އެގޮތުން އެ ޓީމުން ވަނީ ލަންދޫގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. ލަންދުއަށް ވެސް މި ހާފުގައި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ވަނީ ލިބިފައެވެ. ނަމަވެސް މިލަދޫގެ ޑިފެންޑަރުން ވަނީ ލަންދޫގެ ހަމަލާތަކުގެ ހުރަހަކަށް ވެފައެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ.
ދެވަނަ ހާފު ފެށިގެން މާގިނައިރުތަކެއް ނުވެ މިލަދޫން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މެޗުގެ 47 ވަނަ މިނެޓުގައި މިލަދޫގެ ލަނޑު ޖަހައިދިނީ މުޙައްމަދު ލިޔާހުއެވެ.
މުބާރާތުގެ ބެސްޓް ސަޕޯޓަރުންގެ ޓީމަކަށް ހޮވުނީ ޗެމްޕިއަން ނ. މިލަދޫ ޓީމުގެ ސަޕޯޓަރުންނެވެ. އެ ޓީމަށް ލިބޭ 10،000ރ. ގެ ފައިސާގެ އިނާމު ހަވާލުކޮށްދެއްވީ މާޅެންދޫ ކައުންސިލްގެ ރައީސްއެވެ. މުބާރާތުގެ ފެއަރ ޕްލޭ ޓީމް މާޅެންދޫ ފުޓްބޯޅަ ޓީމަށް 25،000ރ. ގެ ފައިސާގެ އިނާމް ހަވާލުކޮށްދެއްވީ މުހައްމަދު މާޖިދެވެ.
މުބާރާތުގެ 21 އަހަރުންދަށުގެ އެންމެ މޮޅު ތިން ކުޅުންތެރިންނަށް ހޮވިފައިވަނީ ވެލިދޫގެ އިބްރާހިމް ޒިޔާނާއި، ވެލިދޫގެ ސައިފް މުހައްމަދު އަދި ހެނބަދޫގެ މުހައްމަދު ވަހީދެވެ. އެ ތިން ކުޅުންތެރިންނަށް އިނާމު ހަވާލުކޮށްދެއްވީ ޑިރެކްޓަރ އޮފް ސަން ސިޔާމް ގްރޫޕް. ޑރ. އައިޝަތު ރަފިއްޔާއެވެ.
މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް އިނާމު ހަވާލުކޮށްދެނީ ފައިނަލް މެޗުގެ ހާއްސަ މެހެމާން ޑިޑިއާ ޑްރޮގްބާއެވެ. އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވިފައިވަނީ ލަންދޫގެ ހުސައިން ޖަވާދާއި، މިލަދޫގެ މުހައްމަދު މައުރޫފާއި، މިލަދޫގެ ހަސަން އަބްދުލް ސަމަދާއި، ވެލިދޫގެ ހަސަން ނިޝާން އަދި މިލަދޫގެ އަލީ ފަރީދެވެ.
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ މިލަދޫގެ މުހައްމަދު ލިޔާހުއެވެ. އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވިފައިވަނީ މިލަދޫގެ ހަސަން އަބްދުލް ހަކީމެވެ. އަދި އެންމެ މޮޅު ކޯޗަކަށް ހޮވަފައިވަނީ ހޮވިފައިވަނީ މިލަދޫ ޓީމުގެ ކޯޗު އިބްރާހިމް ހަލީމެވެ.
މުބާރާތުގެ ރަނަރަޕް ލަންދުއަށް 100،000 ރުފިޔާގެ ފައިސާގެ އިނާމާއި މެޑެލް ހަވާލުކޮށްދެއްވީ ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރާއި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޒުހޫރެވެ.
މުބާރާތުގެ ޗެމްޕިއަން މިލަދުއަށް 500،000 ރުފިޔާގެ ފައިސާގެ އިނާމާއި ތަށްޓާއި މެޑެލް ހަވާލުކޮށްދިނީ ފައިނަލް މެޗުގެ ހާއްސަ މެހެމާން ޑްރޮގްބާއެވެ.
މީގެ އިތުރުން ފައިނަލް މެޗުގެ ހާއްސަ މެހެމާން ޑްރޮގްބާއަށް މުބާރާތުގެ އެއް ބާނީ، ޑރ. އަހްމަދު ސިޔާމް މުހައްމަދު ވަނީ ހާއްސަ ހަދިޔާއެއް އަރުވާފައެވެ.
ސިޔާމް މައުރޫފް ކަޕަކީ ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދާއި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަލީ މައުރޫފްގެ އިސްނެންގެވުމާއެކު ނ. އަތޮޅުގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ. މިއަހަރުގެ މުބާރާތުގައި ނ. އަތޮޅުގެ 12 ރަށަކުން ވާދަކުރިއެވެ.