ކުރިއަށް އޮތް ފަސް އަހަރަށް ރާއްޖޭގެ ރައިސުލްޖުމްހޫރިއްޔާގެ މަގާމާއި ހަވާލުވުމަށް އިބްރާހިމް މުހައްމަދު ސޯލިހު ހުވާ ކުރައްވާ ރަސްމިއްޔާތުގައި މިހާރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ބައިވެރިވެ ވަޑައިނުގަންނަވާނެ ކަމަށް އެމަނިކުފާނުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ ވިދާޅުވެއްޖެ އެވެ.
މުއާޒު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިންތިހާބީ ރައީސް އިބޫ ހުވާ ކުރައްވާ ރަސްމިއްޔާތުގައި ރައީސް ޔާމީން ބައިވެރިވެވަޑައިނުގަންނަވަނީ އެމަނިކުފާނުގެ އެތައް ހާސް ސަޕޯޓަރުންގެ އެދިލެއްވުމަށް އިހްތިރާމް ކުރުމުގެ ގޮތުން ކަމަށެވެ.
ސަޕޯޓަރުންގެ އެދިލެއްވުމުގެ އިތުރުން އިބޫ ހުވާ ކުރައްވާ ރަސްމިއްޔާތުގައި ރައީސް ޔާމީން ބައިވެރިވެވަޑައިނުގަތުމަށް ނިންމެވީ ރައްޔިތުންގެ ބޮޑު ހައްގެއް ގެއްލި އިންސާފު ނުލިބިފައިވާ ކަމަށް ގަބޫލުފުޅު ކުރައްވާތީ ކަމަށް ވެސް މުއާޒު ވިދާޅުވިއެވެ.
ސެޕްޓެމްބަރު 23 ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާނު ކުރެއްވުމާ އެކު އެންމެ ފުރަތަމަ ރައީސް ޔާމީން ވަނީ ބަލި ގަބޫލުފުޅު ކުރައްވައި އިބޫއަށް މަރުހަބާ ދަންނަވާފަ އެވެ. ނަމަވެސް އޭގެ އެއް ދުވަސް ފަހުން ރައީސް ޔާމީން ވަނީ ރިޔާސީ އިންތިހާބްގައި މަކަރު ހަދައި ވޯޓު އޮޅުވާލާފައިވާ ކަމަށް ތުހުމަތު ކުރައްވާފަ އެވެ.
ރިޔާސީ އިންތިހާބުގެ ނަތީޖާ ބާތިލް ކުރުމަށް ރައީސް ޔާމީން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލަ ވެސް ނިމުނީ އެމަނިކުފާނާ ދެކޮޅަށެވެ.
އިބޫ ހުވާ ކުރުމުގެ ރަސްމިއްޔާތު މާދަމާ ހަވީރު 5:00 ގައި ގަލޮޅު ދަނޑުގައި ބާއްވަން ނިންމާފައިވާއިރު އެ ރަސްމިއްޔާތުގައި ބައިވެރިވާ ބޭރުގެ ބައެއް އިސް ބޭފުޅުން މިއަދު ވަނީ ރާއްޖެ ވަޑައިގެންފަ އެވެ. އަދި މާދަމާ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވެސް މާލެ ވަޑައިގަންނަވާނެ އެވެ.