ދައުލަތުގެ ދަރަންޏަށް ފަސް އަހަރު ތެރޭ 23 ބިލިއަން ރުފިޔާ އިތުރުވެއްޖެ

ސިނަމާލެ ބުރިޖު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރުގައި ވޭތުވެ ދިޔަ ފަސް އަހަރު ތެރޭގައި ދައުލަތުގެ ދަރަންޏަށް 23 ބިލިއަން ރުފިޔާ އިތުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީ އިން ބުނެފި އެވެ.

ދެހާސް ނަވާރަ ވަނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓުގެ ގޮތުގައި 29.6 ބިލިއަން ރުފިޔާގެ ބަޖެއްޓެއް މިއަދު ވަނީ މަޖިލީހަށް ހުށަހަޅައިފަ އެވެ. އެ ބަޖެޓު މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވީ މިހާރު ދައުލަތުގެ ދަރަނީގެ އަދަދަކީ ޖުމަލް 48.6 ބިލިއަން ރުފިޔާ ކަމަށެވެ.

ރައީސް ޔާމީންގެ ވެރިކަން ފެށުނު އިރު އެ އަދަދު ހުރީ 25.6 ބިލިއަން ރުފިޔާގައި ކަމަށް މުނައްވަރު ވިދާޅުވި އެވެ. އަދި އެ ވެރިކަމުގައި ޖުމްލަ 23 ބިލިއަން ރުފިޔާ ދަރަންޏަށް އިތުރުވެފައިވާ ކަމަށް ވެސް މުނައްވަރު ވިދާޅުވި އެވެ.

ވޭތުވެ ދިޔަ ފަސް އަހަރު ދަރަނި އިތުރުވާން ދިމާވީ ތަރައްގީގެ މަޝްރޫއުތައް ހިންގުމުގެ ސަބަބުން ކަމަށް މުނައްވަރު ވިދާޅުވި އެވެ.

"ދައުލަތުގެ ދަރަނި އިތުރުވެފައި ވަނީ ވަނީ ވޭތުވެ ދިޔަ ފަސް އަހަރުގެ ތެރޭގައި ނިންމާފައިވާ އަދި ހިނގަމުންދާ ތަރައްގީގެ ބިޔަ މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ހޯދަން." މުނައްވަރު ވިދާޅުވި އެވެ.

މުނައްވަރު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން ފަށާފައިވާ ތަރައްގީގެ ޕްރޮޖެކްޓްތައް ރޭވިފައިވާ ގޮތަށް ތަންފީޒު ކުރެއްވިއްޖެ ނަމަ ދައުލަތުގެ އާމްދަނީ އިތުރުކުރެވި ދަރަނި އަދާކުރުމުގެ ގާބިލްކަން އިތުރުވެގެންދާނެ ކަމަށެވެ.

ދަރަނި އަދާކުރުމުގެ ގާބިލުކަން އިތުރު ކުރުމުގެ ގޮތުން ރައީސް ޔާމީންގެ ސަރުކާރުން ކަންތައްތަކެއް ކޮށްފައިވާ ކަމަށް މުނައްވަރު ވިދާޅުވި އެވެ. އެގޮތުން ފައިސާ ރައްކާ ކުރުމަށް "ސްވޮރިން ޑިވަލޮޕްމެންޓް ފަންޑް"ގެ ނަމުގައި ދައުލަތުގެ ރިޒާވް ފަންޑެއް ގާއިމްކޮށްފައިވާނެ ކަމަށް މުނައްވަރު ވިދާޅުވި އެވެ.

"މިއަހަރުގެ ނިޔަލަށް މި ފަންޑުގައި 98 މިލިއަން ޑޮލަރު ނުވަތަ 1.5 ބިލިއަން ރުފިޔާ ވަނީ ރައްކާ ކުރެވިފައި." މުނައްވަރު ވިދާޅުވި އެވެ.

އެ ފަންޑަށް އިތުރަށް ފައިސާ ލިބޭނެ ގޮތްތަކަށް އެމްއެމްއޭގެ އެހީއާ އެކު އިންވެސްޓް ކުރެއްވިފައިވާ ކަމަށް ވެސް މުނައްވަރު ވިދާޅުވި އެވެ.

މި އަހަރު ދަރަނި އަދާ ކުރުމަށް 2.1 ބިލިއަން ރުފިޔާ ހަރަދު ކުރެވޭނެ ކަމަށް މުނައްވަރު ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ވެރިކަމުގެ ފަސް އަހަރުގައި ތަރައްގީގެ މަޝްރޫއުތަކަށް 25 ބިލިއަން ރުފިޔާ ހަރަދުކުރެވިފައިވާ ކަމަށް މުނައްވަރު ވިދާޅުވި އެވެ. އެވްރެޖްކޮށް ކޮންމެ އަތޮޅަކަށް ކޮންމެ އަހަރަކު 14 މަޝްރޫއު ހިންގާފައިވާ ކަމަށް ވެސް މުނައްވަރު ވިދާޅުވި އެވެ.

ދައުލަތުން ހަރަދުކޮށްގެން ރައީސް ޔާމީން ހިންގެވި މަޝްރޫއުތަކަކީ ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމާއި ދިރިއުޅުމުގެ ފެންވަރު މަތިކޮށް ދައުލަތުގެ އާމްދަނީ އިތުރުކޮށް ދަރަނި އަދާކުރުމުގެ ގާބިލުކަން އިތުރުކޮށްދޭ މަޝްރޫއުތަކެއް ކަމަށް ވެސް މުނައްވަރު ވަނީ ވިދާޅުވެފަ އެވެ.

މި އަހަރު ނިމޭއިރު ބަޖެޓް ޑެފިސިޓް 4.5 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ބެލެވޭ ކަމަށް މުނައްވަރު ވިދާޅުވި އެވެ. ބަޖެޓް ބޮޑު އަދަދަކުން ޑެފިސިޓްވި ސަބަބެއް ކަމަށް މުނައްވަރު ވިދާޅުވީ އަންދާޒާ ކުރިވަރަށް ވުރެ ބާރު ސްޕީޑްގައި ޕީއެސްއައިޕީގެ ޕްރޮޖެކްޓްތައް ހިންގުމުން ކަމަށެވެ.

"ވަކިން ހާއްސަކޮށް ބޭރުގެ ހިލޭ އެހީއާއި ލޯނާ އެކު ހިނގަމުންދާ މަޝްރޫއުތަކުގެ ޑިސްބާސްމަންޓްތައް ނުވަތަ ޕްރޮޖެކްޓަށް ފައިސާދޫކުރަމުންދާ މިންވަރު ބަޖެޓް ކުރިވަރަށް ވުރެ އިތުރުވެފައިވުން." މުނައްވަރު ވިދާޅުވި އެވެ.

ސަރުކާރުން ފަށާފައިވާ ޕްރޮޖެކްޓްތައް ހުއްޓާނުލާ ކުރިއަށް ގެންދިޔުމަށް މުނައްވަރު ވަނީ ތަކުރާރުކޮށް އެދިވަޑައިގެންފަ އެވެ.

comment ކޮމެންޓް