ގޮނޑި ގެއްލުނުކަމަށް ބުނާ 12 މެމްބަރުންނާ އެކު މަޖިލީހުގެ ޖަލްސާއެއް ބާއްވައިފި

ގޮނޑި ގެއްލިފައިވާ ކަމަށް އީސީ އިން މީގެ ކުރިން ބުނެފައިވާ 12 މެމްބަރުން، އެ މެމްބަރުންގެ ގޮނޑި ނުގެއްލޭކަމަށް އީސީ އިން ވަނީ މިއަދު ނިންމާފައި --

އެއް އަހަރު ދުވަހަށް ފަހު، ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުނު ކަމަށް ބުނި 12 މެމްބަރުންނާ އެކު މަޖިލީހުގެ ޖަލްސާއެއް މިއަދު ބާއްވައިފިއެވެ.

މިއަދުގެ މަޖިލީހަށް އެޖެންޑާ ކުރީ އެންޓި ޑިފެކްޝަން ގާނޫނު އުވާލަން ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ހުށަހަޅުއްވާފައިވާ ބިލަށް ބަހުސް ކުރުމާއި، އޮޑިޓާ ޖެނެރަލް އޮފީހުގެ 2019 ވަނަ އަހަރުގެ ބަޖެޓަށް ވޯޓަށް އެހުމާއި، މަޖިލީހުގެ ގަވާއިދުގެ 71 ވަނަ މާއްދާގެ (ށ) އިސްލާހު ކުރުމަށް ހުށަހަޅުއްވާފައިވާ ހުށަހެޅުމަށް ވޯޓަށް އެހުމެވެ.

މިއަދުުގެ މަޖިލީހުގެ ޖަލްސާގައި ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި 12 މެމްބަރުން ބައިވެރިވެވަޑައިގެންނެވި އިރު އޭގެ ތެރެއިން ބައެއް ބޭފުޅުން އެންޓިޑިފެކްޝަން ގާނޫނު އުވާލުމުގެ ބިލަށް ވަނީ ބަހުސްކުރައްވާފައެވެ.

ބާރަ މެންބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ނިންމީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އެގޮތަށް އިލެކްޝަން ކޮމިޝަނުން ނިންމީ ސުޕްރީމް ކޯޓުން ފްލޯ ކްރޮސިންއާ ގުޅޭ ގޮތުން ނެރުނު ހުކުމަށް ރިއާއަތްކޮށެވެ.

މެމްބަރުންގެ ގޮނޑީގެ އަޑުއެހުންތައް ކުރިއަށް ނުގެންގޮސް އޮތުމަށް ފަހު އަޑުއެހުންތައް ސުޕްރީމް ކޯޓުގައި އަޑުއެހުންތައް ތާވަލުކޮށް، އެއް އަހަރާއި ތިން މަސް ފަހުން މިިދިޔަ ހޯމަ ދުވަހު ސުޕްރީމް ކޯޓުން ވަނީ 12 މެންބަރުންގެ ގޮނޑިތަކާ މެދު ފަހު ބަސް އިއްވާފައެވެ. އެއާ އެކު މަޖިލީހުގެ މެޖޯރިޓީ ލިބިފައި ވަނީ އިދިކޮޅަށެވެ.

comment ކޮމެންޓް