އެންމެ ދެރަވީ އީރާނާ ގުޅުން ކަނޑާލުމުން: ދުންޔާ

ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން -- ސަން ފައިލް ފޮޓޯ

ފޮރިން މިނިސްޓަރުކަމުގެ މަގާމުގައި މަސައްކަތް ކުރެއްވި އިރު އެންމެ ދެރަވާ އެއް ކަމަކީ ރާއްޖެއިން އީރާނާ ގުޅުން ކަނޑައިލުންކަމަށް ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގެ ފުރަތަމަ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

ރާއްޖެއާއި އީރާންއާ ޚާރިޖީ ގުޅުން ގާއިމުކުރީ 1975 ވަނަ އަހަރުއެވެ. އެ ގުޅުން ރާއްޖެއިން ކަނޑާލީ 2016 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ.

"އަވަސް" ނޫހަށް ދެއްވި އިންޓަވިއުއެއްގައި އީރާނާ ގުޅުން ކަނޑާލި ހާދިސާއަށް ބައްލަވައިލައްވަމުން ދުންޔާ ވިދާޅުވީ، ރާއްޖެއިން ޚާރިޖީ ގުޅުން ގާއިމުކޮށްފައިވާ ގައުމަކާ އެންމެ ފުރަތަމަ ފަހަރަށް އެ ގުޅުން ކަނޑާލީ އޭނާ ފޮރިން މިނިސްޓަރުކަމުގައި ހުންނަވަނިކޮށް ކަމަށެވެ.

"މިކަންވެސް އެވޮއިޑުކުރަން މަސައްކަތް ކުރިން. އެނގިވަޑައިގަންނަވާނެ އެހެން ގައުމެއްގެ ނުފޫޒުގެ ދަށުން ކަހަލަ ގޮތަކަށް [މިކަން] ދިޔައީ،" ދުންޔާ ވިދާޅުވިއެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި އަޅުގަނޑުމެންނަކީ އަމިއްލަ ނިންމުންތައް ނިންމޭން ޖެހޭނެ މިނިވަން ގައުމަކަށް ވީހިނދު، އެވަރުގެ ކެރުންތެރިކަން ހުންނަންޖެހޭ. އެކަމަކީ އަޅުގަނޑު ހިތާމަކުރާ ކަމެއް"

އޭނާ ވިދާޅުވީ ޚާރިޖީ މަސައްކަތްތަކުގެ ބޭނުމަކީ ވީހާވެސް ގިނަ ގައުމުތަކަކާ ގުޅުން ބަދަހިކޮށް އެ ގުޅުން ދެމެހެއްޓުން ކަމަށެވެ.

މީގެ އިތުރުން، ޚާރިޖީ ސިޔާސަތު ތަންފީޒުކޮށް ހިންގުމަކީ ގާނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ދޭ ވަރަށް ބޮޑު ބާރެއް ކަން އޭނާ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުގެ މަސައްކަތް ގެންދަން ޖެހޭނީ، ގެންދިޔައީވެސް ސީދާ ރައީސްގެ އިރުޝާދުގެ ދަށުން. އެއީ މާ ބޮޑަކަށް އަޅުގަނޑަށް ގޮތްތަކެއް ނިންމުމަށް ބާރު ލިބިފައި އޮތް މަގާމެއް ނޫން. އަޅުގަނޑަށް ލަފާ އެރުވޭނީ މިވެނި ގޮތަކަށް ކަންކަން ގެންދަން،" ދުންޔާ ވިދާޅުވިއެވެ.

ނުފޫޒެއް ނެތްކަމަށް މީގެ ކުރިން ވިދާޅުވި

ދެހާސް ސޯޅަވަނަ އަހަރުގެ މެއި މަހު އީރާންއާ ގުޅުން ކަނޑާލުމާ ގުޅިގެން "ސަން"އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ދުންޔާ އޭރު ވިދާޅުވީ ރާއްޖެއަކީ މިނިވަން ގައުމެއް ކަމަށާއި ގުޅުން ކެނޑުމާއި ބަދަހި ކުރުމަކީ އެގައުމަކުން ނިންމާ އަމިއްލަ ނިންމުމެއް ކަމަށެވެ.

"ކޮންމެ ގައުމަކާ ގުޅުން ކަނޑާލުމާއި ބަދަހި ކުރުމަކީ އެގައުމަކުން ނަގާ ސޮވެރައިން ޑިޒިޝަނެއް. ދިވެހި ސަރުކާރުން ނިންމި ނިންމުމެއް މިއީ،"

މިކަމުގައި ސައުދީ އަރަބިއްޔާގެ ނުފޫޒެއް ވޭތޯ "ސަން" އިން ސުވާލު ކުރުމުން، ދުންޔާ ވިދާޅުވީ "އެއްވެސް ކަހަލަ ނުފޫޒެއް ނެތް" ކަމަށެވެ.

"ގައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް އީރާނުން މެޑްލް ކުރޭ. މިކަމުގައި ސްޓޭންޑެއް ނެގުމުގެ ގޮތުން ދިވެހި ސަރުކާރުން ނިންމި ނިންމުމެއް މިއީ،" ދުންޔާ ވިދާޅުވިއެވެ.

ސައުދީއާއި އީރާނާ ޖެހުނު މައްސަލަ

އީރާންއާއި ސައުދީ އަރަބިއްޔާއާ މައްސަލަ ޖެހުނީ، ސައުދީގެ ޝީޢީ އިލްމުވެރިޔާ ނިމްރު ބާގިރު އަލް ނިމްރުގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރުމުންނެވެ. އެއީ 2016 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ދެވަނަ ދުވަހުއެވެ.

މި ހާދިސާއާ ގުޅިގެން އީރާނުގެ ވެރިރަށް ތެހެރާނުގައި ހުންނަ ސައުދީ އެމްބަސީއަށް، އީރާނުގެ ރައްޔިތުން ހަމަލާ ދިނެވެ.

އެ އަހަރުގެ ޖެނުއަރީ ތިންވަނަ ދުވަހު ސައުދީއިން އީރާންއާ އޮތް ގުޅުން ކަނޑާލިއެވެ. ސަބަބެއްގެ ގޮތުގައި އެގައުމުން ބުނީ ސައުދީ އެމްބަސީއަށް ދިން ހަމަލާއެވެ.

އަދި ސައުދީއަށް ވާގިވެރިވާ ބައެއް ގައުމުތައް ކަމުގައިވާ ސޫދާން އަދި ބަހްރައިންއިން ވެސް އީރާންއާ ގުޅުން ކަނޑާލިއެވެ. ދިވެހިރާއްޖެއިން ވެސްް އީރާންއާ ގުޅުން ކަނޑާލީ މި ދަނޑިވަޅުގައެވެ.

comment ކޮމެންޓް