އީރާނާ ގުޅުން ކަނޑާލުމުގައި ސައުދީގެ ނުފޫޒެއް ނުވޭ: ދުންޔާ

ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާއި އިރާނުން ރާއްޖެ އަށް ކަނޑައެޅުއްވި ސަފީރު މުހައްމަދު ޒައެރީ އަމިރާނީ ބައްދަލުކުރައްވަނީ -- ފޮޓޯ/ފޮރިން މިނިސްޓްރީ

ރާއްޖެއިން އީރާންއާ އެކު ބާއްވަމުން އައި ސިޔާސީ ގުޅުން ކަނޑާލުމުގައި، ސައުދީ އަރަބިއްޔާގެ އެއްވެސް ނުފޫޒެއް ނެތް ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.

އީރާންއާ އެކު ސިޔާސީ ގުޅުން ކަނޑާލީ، ރާއްޖެ އިން ގާތް ގުޅުމެއް ބާއްވަމުން އަންނަ ސައުދީ އަރަބިއްޔާ އާއި އީރާންއާ ދެމެދު އުފެދިފައިވާ ސިޔާސީ މައްސަލައިގެ ސަބަބުން، ސައުދީއިން ރާއްޖެ އަށް ނުފޫޒު ފޯރުވައިގެން ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރަމުންދާ އިރު، ފޮރިން މިނިސްޓަރު ދުންޔާ މިއަދު ވިދާޅުވީ ރާއްޖެއަކީ މިނިވަން ގައުމެއް ކަމަށާއި ގުޅުން ކެނޑުމާއި ބަދަހި ކުރުމަކީ އެގައުމަކުން ނިންމާ އަމިއްލަ ނިންމުމެއް ކަމަށެވެ.

"ކޮންމެ ގައުމަކާ ގުޅުން ކަނޑާލުމާއި ބަދަހި ކުރުމަކީ އެގައުމަކުން ނަގާ ސޮވެރިން ޑިޒިޝަނެއް. ދިވެހި ސަރުކާރުން ނިންމި ނިންމުމެއް މިއީ،"

މިކަމުގައި ސައުދީ އަރަބިއްޔާގެ ނުފޫޒެއް ވޭތޯ "ސަން" އިން ސުވާލު ކުރުމުން، ދުންޔާ ވިދާޅުވީ "އެއްވެސް ކަހަލަ ނުފޫޒެއް ނެތް" ކަމަށެވެ.

ރައީސް ޔާމީން މީގެ ކުރިން ސައުދީއަށް ކުރެއްވި ދަތުރުފުޅެއްގައި، ސައުދީ ރަސްގެފާނު ސަލްމާންއާ އެކުގައި: ފޮޓޯ/ ރައީސް އޮފީސް

މީގެ އިތުރުން، ދުންޔާ ވިދާޅުވީ ރާއްޖެއަކީ ވެސް އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ މެމްބަރު ގައުމެއް ކަމަށާއި ރާއްޖެ އިން ގަބޫލުކުރާ ގޮތުގައި އިރާނުގެ އަމަލުތަކާއި ސިޔާސަތުތައް މިހާރު ހުރި ގޮތުން، އަރަބި ގަލްފު ސަރަހައްދުގައި ސުލްހަ ގާއިމުކުރުމުގެ މަސައްކަތަށް ގޮންޖެހުންތަކެއް އެބަ އޮތް ކަމަށެވެ.

"ގައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް އިރާނުން މެޑްލް ކުރޭ. މިކަމުގައި ސްޓޭންޑެއް ނެގުމުގެ ގޮތުން ދިވެހި ސަރުކާރުން ނިންމި ނިންމުމެއް މިއީ،" ދުންޔާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، އޯއައިސީގެ އެންމެ ފަހު ސަމިޓުގައި، އިރާނުން ވަކި ގޮތަކަށް އަމަލުތައް ބެހެއްޓުމަށް ގޮވާލާފައިވާނެ ކަމަށާއި، ސަރުކާރުން އިރާނާ ގުޅުން ކަނޑާލުމަށް ނިންމީ އެކަންކަން ރަނގަޅު ކުރުމާ ޖެހެންދެން ކަމަށެވެ.

އިރާންއާ އެކު އޮތް ޚާރިޖީ ގުޅުން ކަނޑާލަން ސަރުކާރުން ނިންމި ނިންމުމާ އެކު ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ޢަރަބި ގަލްފު ސަރަޙައްދުގެ ހަމަޖެހުމާއި ސުލްޙަ ދެމެހެއްޓުމަކީ، ރާއްޖޭގެ ސަލާމަތާއި ހަމަޖެހުމާ ވެސް ގުޅިފައިވާ ކަމަކަށްވާ އިރު، އެސަރަހައްދުގެ ސުލްހައަށް އިރާނުން ހުރަސް އަޅަމުންގެންދާ ދިއުމަކީ ރާއްޖެއިން ކުށްވެރިކުރާ ކަމެއް ކަމަށެވެ.

"މިދިޔަ އެޕްރީލް މަހު ތުރުކީގައި ބޭއްވި އިސްލާމިކް ސަމިޓުގައި، އިސްލާމީ ޤައުމުތަކުން ވަނީ 'އެހެން ގައުމުތަކުގެ ދާޚިލީ ކަންކަމަށް ނުފޫޒު ނުފޯރުވައި ގައުމުތަކުގެ މިނިވަންކަމާއި އިސްތިގްލާލަށް އިޙްތިރާމްކުރުމަށާއި ދެބަސްވުމާއި ޙިޔާލު ތަފާތުވުންތައް ނައްތާލުމުގައި އޯއައިސީ އާއިި ޔޫއެން ޗާޓަރާ އެއްގޮތަށް ސުލްޙަވެރި ގޮތްތައް އިހްތިޔާރުކުރުމަށް' އިރާނަށް ގޮވާލާފައެވެ،" އިރާނާ ގުޅުން ކަނޑާލުމުގެ ގޮތުން ސަރުކާރުން ނެރުނު ބަޔާނުގައި ވެ އެވެ.

ދުންޔާ މިއަދު ވިދާޅުވީ، އިރާނުން އިތުރު ހިތްވަރެއް ލުމަށްފަހު ކަންކަން ބަދަލުކޮށް، އިސްލާހު ކުރުމަށް ގޮވާލާ ކަމަށެވެ.

"އިރާނަށް ވާނީ އޯއައިސީގެ ސަމިޓުގައި ވަކި ގޮތަކަށް އަމާލުކުރުމަށް ބެހެއްޓުމަށް ގޮވާލާފައި. މިކަންކަން ރަނގަޅު ކުރުމާ ޖެހެންދެން ގުޅުން ކަނޑާލަން [ދިވެހި ސަރުކާރުން] ނިންމީ،" ދުންޔާ ވިދާޅުވި އެވެ.

އިރާން އާއި ސައުދީ އަރަބިއްޔާއާ މައްސަލަ ޖެހުނީ، ސައުދީގެ ޝީޢީ އިލްމުވެރިޔާ ނިމްރު ބާގިރު އަލް ނިމްރުގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރުމުންނެވެ. މި ހާދިސާއާ ގުޅިގެން އިރާނުގައި ހުންނަ ސައުދީ އެމްބަސީއަށް ހަމަލާ ދިނުމުގެ ހަރަކާތްތަކެއް ހިނގުމުގެ ސަބަބުން، މިއަހަރުގެ ޖެނުއަރީ ތިންވަނަ ދުވަހު ސައުދީއިން އިރާންއާ އޮތް ގުޅުން ކަނޑާލި އެވެ. އަދި ސައުދީއަށް ވާގިވެރިވާ ބައެއް ގައުމުތައް ކަމުގައިވާ ސޫދާން އަދި ބަހްރައިންއިން ވެސް އިރާންއާ ގުޅުން ކަނޑާލި އެވެ.

ޝައިޚް ނިމްރުގެ ޕޯސްޓަރެއް ކައިރީގައި އިރާނުގެ ދެ ޒުވާނަކު: އިރާނާ ސައުދީއާ ދެމެދު މައްސަލަ އުފެދުނީ ޝައިޚް ނިމްރު ގަތުލުކުރުމާ ގުޅިގެން --

އިރާންއާ ސައުދީއާ ގުޅުން ގޯސްވެފައިވާ އިރު، މި އަހަރު ހައްޖުވެރިން ސައުދީއަށް ނުފޮނުވުމަށް ވެސް އިރާނުން ވަނީ ނިންމައިފަ އެވެ.

ރާއްޖެއިން އިރާނާ އެކު އޮތް ސިޔާސީ ގުޅުން ކަނޑާލީ މެއި 17 ވަނަ ދުވަހު އެވެ. ނަމަވެސް އޭޕްރިލް 24 ވަނަ ދުވަހު އިރާނުން ރާއްޖެއަށާ ސްރީލަންކާއަށް ކަނޑައެޅުއްވި އާ ސަފީރު މުހައްމަދު ޒައެރީ އަމިރާނީ ވަނީ ރައީސް ޔާމީނަށް ސަފީރު ކަމުގެ ފަތްކޮޅު އަރުއްވައިފަ އެވެ. އަދި އެއަށް ފަހު، ރައީސް ޔާމީން ވަނީ، ސާފުކޮށްފައިވާ ތެޔޮ އިރާނުން ރާއްޖެއަށް އިމްޕޯޓު ކުރުމާ މެދު މަޝްވަރާ ކުރައްވައި، އެކަމުގެ އެހީތެރިކަމަށް އެދިވަޑައިގެންފަ އެވެ.

އިރާނުން ރާއްޖެއަށް މިދިޔަ މަހު ކަނޑައެޅުއްވި ސަފީރު މުހައްމަދު ޒައެރީ އަމިރާނީ ރައީސް ޔާމީނަށް ފަތްކޮޅު އަރުއްވަނީ -- ފޮޓޯ/ރައީސް އޮފީސް

ހަމަ އެ ދުވަހު އިރާނުގެ ސަފީރު މުހައްމަދު ޒައެރީ އަމިރާނީ ވަނީ ފޮރިން މިނިސްޓްރީގައި، ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާ ވަކިން ބައްދަލު ކުރައްވައިފަ އެވެ.

"ޚާރިޖީ ވަޒީރާ ވަނީ އިރާނުގެ އާ ސަފީރަށް މަރުހަބާ ދަންނަވައިފަ އެވެ. އަދި އިރާނާ ރާއްޖެއާ ދެމެދު އޮތް ޚާރިޖީ ގުޅުމާ މެދު ވާހަކަ ދައްކަވައި، އެ ގުޅުން އިތުރަށް ބަދަހި ކުރެވޭނެ ގޮތްތަކާ މެދު ޚާރިޖީ ވަޒީރާ މަޝްވަރާ ކުރެއްވި އެވެ،" ފޮރިން މިނިސްޓްރީއިން ބުނެފައި ވެ އެވެ.

އިރާނާއި ރާއްޖެ، ޚާރިޖީ ގޮތުން ގުޅުނީ 1975 ވަނަ އަހަރު އެވެ.

comment ކޮމެންޓް