މެންޓާ އެއާއަށް އޭޓީއާރު މަރުކާގެ ދެ ބޯޓު ގަނެފި

މެންޓާ އެއާގެ އޭޓީއާރު މަރުކާގެ މަތިންދާބޯޓު --- ފޮޓޯ/ މެންޓާ އެއާ

ރާއްޖޭގެ ޑޮމެސްޓިކް ދަތުރުތަކަށް ހާއްސަކޮށްގެން ފަށަން ތައްޔާރުވެފައިވާ މެންޓާ އެއާއިން އޭޓީއާރު 600-70 މަރުކާގެ ދެ މަތިންދާބޯޓު ގަނެފިއެވެ.

ދުނިޔޭގެ އޭވިއޭޝަނާ ބެހޭ ހަބަރުތައް ގެނެސްދޭ "އެޗްއެމްޖީ އެރޯސްޕޭސް"އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މެންޓާ އެއާއިން ގަނެފައިވާ އޭޓީއާރު މަރުކާގެ ދެ ބޯޓުވެސް، މި އަހަރު ނިމުމުގެ ކުރިން ޑެލިވާކުރާނެއެވެ.

އެ ވެބްސައިޓުގައި ބުނި ގޮތުގައި، ފުރަތަމަ ބޯޓު މެންޓާ އެއާއަށް ޑެލިވާކުރާނީ މި ފެށޭ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އަދި ދެވަނަ ބޯޓު މި އަހަރު ނިމުމުގެ ކުރިން މެންޓާ އެއާގެ ފްލީޓާ ގުޅޭނެއެވެ.

މެންޓާ އެއާގެ ސީއޯއޯ އެޑްވަޑް އެލްސްފޯޑް ވިދާޅުވި ގޮތުގައި، މެންޓާ އެއާގެ މަގްސަދަކީ އެންމެ ރައްކާތެރި ސްޓޭންޑަޑްތަކުން ރާއްޖޭގެ އެތެރޭގެ އުދުހުންތައް އޮޕަރޭޓުކޮށް، ފަސިންޖަރުންނަށް ވައިގެ ދަތުރުފަތުރުގެ ހެޔޮ ތަޖުރިބާއެއް ފޯރުކޮށްދިނުމެވެ.

"އަޅުގަނޑުމެން ރާއްޖެ މި ގެންނަނީ އޭޓީއާރު 600-70 މަރުކާގެ މުޅިން އާ ދެ ބޯޓު. މިއިންވެސް ހާމަކޮށްދެނީ އަޅުގަނޑުމެން އެންމެ ހައި ސްޓެންޑަޑްތަކަށް ދޭ އަހަންމިއްޔަތުކަން. މި އެއާކްރާފްޓުތަކުގެ ކެބިންތަކުގައި ތިބެން ފަސިންޖަރުންނަށް ފަސޭހަވާނެ. މެންޓާ އެއާގެ މި ބޯޓުތަކުގައި އިކޮނޮމީ އަދި ބިޒްނަސް ކްލާހުގައިވެސް އެއް ގޮނޑިބަރި ނަގައި، ފަސިންޖަރުންނަށް އިތުރު ލެގްރޫމްވެސް ދީފައި ވާނެ،" އެ އެއާލައިނުގެ ސީއޯއޯ ވިދާޅުވިއެވެ.

މެންޓާ އެއާގެ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ މާލޭގެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖޭގެ ޑޮމެސްޓިކް ތިން އެއާޕޯޓަކަށެވެ. އެއީ ދ. ކުޑަހުވަދޫގައި ހުންނަ ދާލު އެއަޕޯޓު، ބ. ދަރަވަންދޫ ޑޮމެސްޓިކް އެއާޕޯޓު އަދި ތ. ތިމަރަފުށީ އެއާޕޯޓެވެ.

މެންޓާ އެއާއަކީ ރާއްޖޭގެ ފުޅާ ދާއިރާއެއްގައި ފަތުރުވެރިކަމުގެ ވިޔަފާރިކުރާ، އަދި ގިނަ ރިސޯޓުތަކެއް ހިންގާ ޔުނިވާސަލް އެންޓަޕްރައިސެސްގެ ބައެއް ހިއްސާދާރުންނާއި، ދ. ކުޑަހުވަދޫގެ ދާލު އެއާޕޯޓު ތަރައްގީކޮށް ހިންގާ ރިއޯލޯ އިންވެސްޓްމެންޓް ގުޅިގެން އުފައްދާފައިވާ ކުންފުންޏެވެ.

comment ކޮމެންޓް