ސައުދުﷲ ގެ ގޮނޑީގެ މައްސަލައިގެ އަޑުއެހުންތައް ވެސް ނިންމާލައިފި

ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ: އޭނާގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައި އަޅައި ދިނުމަށް ސުޕްރީމް ކޯޓުގައި ވަނީ އެދިފައި ---

ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ނިންމާފައިވާ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީގެ ގޮނޑިއާ ގުޅޭ ގޮތުން ހުށަހެޅި ދުސްތޫރީ މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި އެވެ.

ސައުދުﷲގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި އެ މައްސަލާގައި ބުނެފައިވަނީ ޕާޓީ ބަދަލުކުރުމުން މެންބަރުކަން ގެއްލޭ ގޮތަށް މިދިޔަ އަހަރުގެ ޖުލައި 13 ވަނަ ދުވަހު، އެންޓި ޑިފެކްޝަން ގާނޫނު ފާސްކުރުމުގެ ކުރިން އޭނާ ޕީޕީއެމުން ވަކި ވުމަށް އެދި ސިޓީ ފޮނުވާފައިވާނެ ކަމަށެވެ.

އެގޮތުން ޖުލައި 10 ވަނަ ދުވަހު ޕީޕީއެމަށް ސިޓީ ފޮނުވައި ޖެހިގެން އައި ދުވަހު އެކަން އިލެކްޝަނަށް އަންގައި ޕީޕީއެމްގެ ދަފްތަރުން އޭނާގެ ނަން އުނިކޮށް ދިނުމަށް އެދިފައިވާނެ ކަމަށެވެ. އަދި ޕާޓީން ވަކިވާން ސިޓީ ފޮނުވާ ދުވަހުން ފެށިގެން އެ މީހަކު ޕާޓީން ވަކިވާނެ ކަން ޕީޕީއެމްގެ އަސާސީ ގަވާއިދުގައި ވެސް ބުނެފައިވާ ކަމަށް ސައުދުﷲގެ ވަކީލް އިބްރާހިމް ރިއްފަތު ވިދާޅުވި އެވެ.

އެ މައްސަލައަށް ޖަވާބުދާރީ ވުމުން އީސީގެ ވަކީލް ރިއްފަތު އަބްދުﷲ ވިދާޅުވީ ސައުދުﷲ ޕީޕީއެމުން ވަކިކޮށް ދިނުމަށް ސިޓީ ފޮނުވުމުން އީސީން ޕީޕީއެމަށް އެކަން އެންގި ކަމަށާއި ނަމަވެސް ސުލީކީ މައްސަލަ އެއް ބަލަމުންދާތީ ޕާޓީން ވަކިކޮށް އެކަން އީސީއަށް އަންގާފައި ވަނީ އޮކްޓޯބަރ މަހުގެ 31 ގައި ކަމަށެވެ.

އެހެން ކަމުން ޕީޕީއެމްގެ ދަފްތަރުން ސައުދުﷲ ވަކިކޮށްފައިވަނީ 31 އޮކްޓޯބަރު ގައި ކަމަށްވާތީ އޭނާގެ ގޮނޑި ގެއްލިއްޖެ ކަމަށް އީސީން ނިންމާފައިވާ ކަމަށެވެ.

މިއަދުގެ އަޑު އެހުމުގައި ސައުދުﷲ ވިދާޅުވީ ޕާޓީން ވަކިވުމަށް އެދުމުން ދެން ބަލާނެ އިތުރު ސުލޫކީ މައްސަލައެއް ނޯންނާނެ ކަމަށެވެ. އަދި ސުލޫކީ މައްސަލައެއް ބެލުމަށްފަހު އެންމެ ބޮޑު އަދަބަކަށް ދެވޭނީ ވެސް ޕާޓީން ވަކި ކުރުން ކަމަށް ސައުދުﷲ ވިދާޅުވި އެވެ.

މަޖިލީހުގެ މެންބަރެއްގެ އިތުރުން އޭނާ އަކީ ދީނީ އަދި އިޖްތިމާއީ ގޮތުން ވެސް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ މީހެއް ކަމަށާއި އިލެކްޝަން ކޮމިޝަނުގެ އެ ނިންމުމުގެ ސަބަބުން އޭނާގެ ނަމަށް ބޮޑު ހުތުރުކަމެއް ލިބިފައިވާ ކަން ސައުދުﷲ ފާހަގަ ކުރެއްވި އެވެ. އަދި ވީ އެންމެ އަވަހަކަށް އެ މައްސަލާގައި ގޮތެއް ނިންމައިވައި ދެއްވުމަށް ވެސް ސައުދުﷲ ވަނީ އެދި ވަޑައިގެންފަ އެވެ.

ގޮނޑި ގެއްލިފައިވާ ކަމަށް އީސީން ބުނެފައިވާ 12 މެންބަރުންގެ ތެރެއިން ހަތަރު މެންބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ވަނީ ދާދި ފަހުން ހުކުމް ކޮށްފަ އެވެ. އެ މެންބަރުންނަނީ ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން އާއި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތާއި ދިއްދޫ ދާއިރާގެ މެންބަރު، އަބްދުލްލަތީފް މުހައްމަދާއި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑޭ)އެވެ.

comment ކޮމެންޓް