ސުޕްރީމްކޯޓުގެ އަމުރަށް ބޯލަނބަން ޕާޓީތަކަށް އީސީ އިން އިލްތިމާސްކޮށްފި

ގޮނޑިގެއްލުނުކަމަށް ބުނާ ބައެއް މެމްބަރުން ސުޕްރީމްކޯޓަށް ވަޑައިގެންނަވަނީ--ސަންފޮޓޯ/ ފަޔާޒު މޫސާ

ރައްޔިތުންގެ މަޖިލީހުގެ 12 ގޮނޑިއެއްގެ ބައި އިލެކްޝަން ބޭއްވުމާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަނުން އިއްޔެ ނިންމި ނިންމުން ރޭ ސުޕްރީމު ކޯޓުން ބާތިލްކޮށްފައި ވާތީ، ސުޕްރީމު ކޯޓުގެ ނިންމުމަށް ބޯލަނބަން ހުރިހާ ސިޔާސީ ޕާޓީތަކަކަށް އިލެކްޝަންސް ކޮމިޝަނުން އިލްތިމާސްކޮށްފި އެވެ.

ސުޕްރީމު ކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން ރައްޔިތުންގެ މަޖިލީހުގެ 12 ދާއިރާއެއްގެ ބައި އިލެކްޝަން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ނިންމާފައިވާ ނިންމުން ބާތިލުކޮށްފައިވާ ކަމަށް އިލެކްޝަންސް އިން ކަނޑައަޅާފައި ވަނީ އިއްޔެ އެވެ.

އެ ނިންމުމާ ގުޅިގެން ރޭ ސުޕްރީމްކޯޓުން ނިންމި ނިންމުމުގައި ބުނެފައި ވަނީ މެންބަރުން ރައްޔިތުންގެ މަޖިލީހުގައި ތަމްސީލުކުރަމުން ދިޔަ ދާއިރާތަކުގެ ގޮނޑިތައް ހުސްވެއްޖެކަމާ މެދު ހިލާފު އުފެދިފައިވާ ކަމަށް ބުނެ އެ ފަރާތްތަކުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލަތައް ކޯޓުން ބަލައި ފައިސަލާކޮށް ގޮތެއް ނިންމުމުގެ ކުރިން އެ ދާއިރާތަކުގެ ގޮނޑިތަކާ މެދު ބަހުސްކޮށް ވަކިގޮތެއް ނިންމުމަކީ، އިލެކްޝަން ކޮމިޝަނަށް ނުވަތަ ދައުލަތުގެ އެހެން އެއްވެސް އިދާރާއަކަށް ވިޔަސް ގާނޫނުއަސާސީއިން ލިބިދީފައިވާ ބާރަކާއި އިހްތިސޯސެއް ނޫންކަން ކަމަށެވެ.

ސުޕްރީމު ކޯޓުގެ ނިންމުމާ ގުޅިގެން ރޭ އިލެކްޝަންސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޯޓުން ނެރުނު އަމުރުގައިވާ އެންމެހާ ކަންކަމަށް ފުރިހަމައަށް ބޯލަނބައި، އެ ކަންކަން އެމަގުން ހިންގުމުގައި އިލެކްޝަންސް ކޮމިޝަނުގެ ފުރިހަމަ ތާއީދާއި އެއްބާރުލުން ސުޕްރީމް ކޯޓަށާއި ކަމާ ބެހޭ އެންމެހާ މުއައްސަސާތަކަށް ފުރިހަމައަށް ދޭނެ ކަމަށެވެ.

ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތުގެ ހައިޞިއްޔަތުން، ހުރިހާ ސިޔާސީ ޕާޓީތަކުންނާއި ރައްޔިތުންގެ މަޖިލީހުގެމެންބަރުން އެ ޢަމުރަށް ބޯލަނބައި، ޢަމުރާ އެއްގޮތަށް ޢަމަލުކުރުމަށް އިލްތިމާސްކުރާކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

comment ކޮމެންޓް