ސާފް ސުޒުކީ ކަޕަކީ އިންޑިއާގެ ޒުވާން ކުޅުންތެރިންނަށް ތަޖުރިބާ ހޯދަން ރަނގަޅު ފުރުސަތެއް ކަމަށް އެ ގައުމުގެ ކޯޗް ސްޓެފަން ކޮންސްޓެންޓީން ބުނެފި އެވެ. އިންޑިއާއިން މި އަހަރުގެ ސާފް ސުޒުކީ ކަޕަށް ނެރެނީ އެގައުމުގެ 23 އަހަރުން ދަށުގެ ގައުމީ ޓީމެވެ.
މި އަހަރުގެ މުބާރާތުގައި އިންޑިއާ ކުޅޭ ފުރަތަމަ މެޗަށް ސްރީލަންކާއާ ދެކޮޅަށް މިއަދު ނުކުންނަ އިރު، މެޗުތަކުގެ ކުރިން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި އިނގިރޭސިވިލާތަށް ނިސްބަތްވާ، ކޮންސްޓަންޓީން ބުނީ އިންޑިއާގެ ޒުވާން ކުޅުންތެރިން ބައިނަލްއަގްވާމީ މެޗުތަކުގެ ކުޅޭތަން ނުފެންނަ ނަމަ އެ ކުޅުންތެރިންގެ ފެންވަރު ނޭނގޭނެ ކަމަށެވެ.
"ކުޅުންތެރިންނަށް ބައިނަލްއަގްވާމީ މެޗުތަކުގެ ތަޖުރިބާ ނުލިބޭ ނަމަ، އެ މީހުންނަށް ކުރިމަތިވާ ޗެލެންޖުތަކާއި ޕްރެޝަރާއި ކުރިމަތިލާ ގޮތް އަހަރެމެންނަކަށް ނޭނގޭނެ. ޔަގީނުންވެސް މި ކުދިންގެ އަޒުމަކަށް ވާނީ ސީނިއާ ޓީމުގައި ކުޅުން. އެމީހުންނަށް މިފަދަ ފުރުސަތުތައް ނުދޭނަމަ ކިހިނެއް އެމީހުންގެ ފެންވަރު އެނގޭނީ؟" ކޮންސްޓެންޓިީން ބުންޏެވެ.
ލަންކާގެ ކޯޗު ބުނީ ގްރޫޕް ބީ ގައި ހިމެނޭ އިންޑިއާ އާއި ރާއްޖެ އަކީ ވަރުގަދަ ދެ ޓީމު ކަމަށެވެ. ނަމަވެސް މެޗުގެ ނަތީޖާ ނެރެނީ ދަނޑުމަތީގައި ކަން އޭނާ ފާހަގަ ކުރި އެވެ.
އިންޑިއާގެ ގައުމީ ޓީމުގެ ކޯޗްކަން 2015 ވަނަ އަހަރުން ފަށައިންގެ ކުރަމުން އަންނަނީ ކޮންސްޓަންޓީން އެވެ. އޭނާ ވަނީ ދެހާހުގެ ކުރީ ކޮޅުގައި ވެސް އިންޑިއާގެ ކޯޗުކަންގެ ގޮތުގައި ރަނގަޅު ނަތީޖާ ތަކެއް ނެރެދީފަ އެވެ.
އެގޮތުން، 2003 ވަނަ އަހަރު އިންޑިއާގައި ބޭއްވި އެފްރޯ-އޭޝިއަން ގޭމްސްގެ ފައިނަލަށް އިންޑިއާ ގެންގޮސްދިނެވެ. އަދި 2015 ވަނަ އަހަރު ސާފް ސުޒުކީ ކަޕުގެ ޗެމްޕިއަން ކަން އިންޑިއާ އިން ހޯދީވެސް އޭނާގެ ކޯޗުކަމުގެ ދަށުންނެވެ.
މީގެ ކުރިންވެސް އިންޑިއާއިން ވަނީ 23 އަހަރުން ދަށުގެ ގައުމީ ޓީމު ނެރެގެން މުބާރާތް ކާމިޔާބު ކޮށްފަ އެވެ. އެފަހަރު އިންޑިއާ އިން ފައިނަލުގައި ރާއްޖޭގެ މައްޗަށް ކުރި ހޯދީ ޕެނަލްޓީ ޖަހައިގެންނެވެ.
އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އަކީ މުބާރާތުގެ އެންމެ ކާމިޔާބު ގައުމެވެ. އެ ގައުމު ވަނީ ހަތް ފަހަރު މުބާރާތް ކާމިޔާބުކޮށްފަ އެވެ. ލަންކާއަށް މުބާރާތް ކާމިޔާބު ކުރެވުނީ އެންމެ ފަހަރަކު އެވެ. އެއީ 1995 ވަނަ އަހަރު އެވެ.