ކެންޑިޑޭޓް ނަމްބަރު އެކަކަށް ވޯޓުދީ، ހުރިހާ ކަމަކުން އެއްވަނަ ލިބޭނެ: ރައީސް ޔާމީން

ރައީސް ޔާމީން އަރިއަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް

މިމަހުގެ 23 ވަނަ ދުވަހު ލާ ވޯޓަކީ ކެންޑިޑޭޓު ނަމްބަރު އެކަކަށް ދޭ ވޯޓަކަށް ހައްދަވައިފިނަމަ ހުރިހާ ކަމަކުން އެއްވަނަ ލިބޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެއެވެ.

އަރިއަތޮޅާއި ދ. އަތޮޅަށް ރައީސް ޔާމީން ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ކުޑަހުވަދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ ދ. އަތޮޅު އަދި ކުޑަހުވަދޫގެ ރައްޔިތުންވެސް އެމަނިކުފާނަށް ވޯޓު ދިނުމަށް އެދިވަޑައިގެންފައެވެ.

ރައީސް ވިދާޅުވީ ކުޑަހުވަދޫއަކީ އެމްޑީއޭގެ މެމްބަރުންވެސް ތިބިތަނެއް ކަމަށާއި އެކަމަކު އެއަށްވުރެ ބޮޑަށް ރައީސް ޔާމީނަށް ތާއީދުކުރާ މެމްބަރުން ތިބި ތަނެއް ކަމަށެވެ.

ޕީޕީއެމް އެމްޑީއޭ އަދި ޑީއާރުޕީ ގުޅިގެން ކުރާ މަސައްކަތެއް ކަމަށްވިޔަސް ރައްޔިތުން ވޯޓު ދެނީ ތަރައްގީއަށް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

"23 ވަނަ ދުވަހު ދެއްވާ ވޯޓަކީ އެއް ނަމްބަރަށް ދެއްވާ ވޯޓެއް ކަމަށް ވަންޏާ ހުރިހާ ކަމަކުންވެސް އެއް ނަމްބަރު ތިބޭފުޅުންނަށް ލިބިގެންދާނެ." ރައީސް ޔާމީން ވިދާޅުވިއެވެ.

އުންމީދީ ހުރިހާ ހުވަފެނެއް ފެންނަނީ ފިޔާތޮށި ކުލައިން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

"ފިރިހެނަކު ފެނުނަސް ފިޔާތޮށި ކުލައިން. ކަނބަލަކު ފެނުނަސް ފިޔާތޮށި ކުލައިން. ކުކުޅު ބިހެއް ފެނުނަސް ފިޔާތޮށި ކުލައިން. ދޮންކެޔޮވަކެއް ފެނުނަސް ފިޔާތޮށި ކުލައިން. އެހެންވީމަ ދެން އަޅުގަނޑުމެން ކީއްކުރަންތޯ އެހެން ކުލައަކަށް ޖާގަ ދޭންވީ،" ރައީސް ޔާމީން ވިދާޅުވިއެވެ.

އިދިކޮޅުގެ ރިޔާސީ ވައުދެއްގެ ގޮތުގައި މަދަރުސާއަށް ދާ ކޮންމެ ކުއްޖަކަށް ހެދުނުގެ ނާސްތާ ދޭނެ ކަމަށް ބުނެފައިވާތީ ރައީސް ޔާމީން ވަނީ އެކަމަށް ފާޑު ވިދާޅުވެފައެވެ. ވިދާޅުވީ ރައީސް ނަޝީދުގެ ސަރުކާރުގައިވެސް ކޮންމެ ކުއްޖަކަށް ކިރުތައްޓަކާއި ދޮންކެޔޮވަކެއް ދޭން ވައުދުވީ ކަމަށެވެ.

"މިއަދު އަނެއްކާ މި ވައުދު ތަކުރާރު ވޭ. މަދަރުސާއަށް ދާ ކޮންމެ ކުއްޖަކަށް ކުކުޅު ބިހެއް ދޭނަމޭ. ދެން މީތޯ އަޅުގަނޑުމެންގެ ވިސްނުން ހުނަންވީ ހިސާބަކީ. އަޅުގަނޑުމެންގެ ވިސްނުން ހުންނަންވީ މަދަރުސާއަށް ދާ ކޮންމެ ކުއްޖަކަށް ދޮންކެޔޮވަކެއް ދޭންތޯ. ކުކުޅު ބިހެއް ދޭންތޯ. ބަލަ އަޅުގަނޑު މިއޮތީ މަދަރުސާއަށް ދާ ކޮންމެ ކުއްޖެއްގެ އަތަށް ޓެބްލެޓެއް ލައިދީފައި." ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ތަރައްގީއަކީ ކުކުޅު ބިހެއް ނޫން ކަމަށާއި ތަރައްގީއަކީ ޓެބްލެޓް ކަމަށެވެ. އަދި "ދޮންކެޔޮވަކަކީ އަދި އަމުދުން ތަރައްގީއެއް ނޫން" ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވަނީ ކުޑަހުވަދީގައި ވިޔަފާރީގެ ސަރަހައްދީ ބަނދަރެއް އަޅުއްވައި ދެއްވާނެ ކަމަށް މިއަދު ވައުދުވެ ވަޑައިގެންފައެވެ.

comment ކޮމެންޓް