ރައީސް ޔާމީން އިންތިހާބު 80 ޕަސަންޓުން ކާމިޔާބު ކުރައްވާނެ: ނިހާން

ޕީޕީއެމް ޕީޖީ ލީޑަރ ނިހަން ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ/ މުހައްމަދު އަފްރާޙް

މިމަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ކާމިޔާބު ކުރައްވާނީ 80 ޕަސެންޓާއެކު ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން އަރިއަތޮޅާއި ދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ކުޑަހުވަދޫއަށް ވަޑައިގެން އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ނިހާން ވިދާޅުވީ ރައްޔިތުން ތިބި ފޯރިއާއި ޖޯޝު ފެނިފައި ރައީސް ޔާމީން ރިޔާސީ އިންތިހާބު 80 ޕަސެންޓުން ކާމިޔާބު ކުރައްވާނެކަން ޔަގީންވާ ކަމަށެވެ.

"އިރާދަކުރެއްވިޔާ ދިވެހިރާއްޖޭގެ ރައީސްކަމުގެ މަގާމުގެ ހުވާ ރައީސް ޔާމީން ދެވަނަ ބުރަށް ކުރައްވާނީ އާބާދީގެ 80 އިންސައްތަ ވޯޓާއެކު" ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ މިފަހަރު އޭނާ ކުރާ ފުރަތަމަ ކެމްޕެއިން ދަތުރުފުޅު ކަމަށެވެ. މި ދަތުރުން މަންޒަރު ހަމަލޮލަށް ފެނި ރައްޔިތުން ތިބި ފޯރިއާއި ޖޯޝުން ރައީސް ޔާމީނަށް ތާއީދު އޮތްވަރު އެނގިއްޖެކަމަށް ނިހާން ވިދާޅުވިއެވެ. ނިހާން ވިދާޅުވީ ރަށްތަކުގެ ސައިޒަށް ބެލުމެއް ނެތި ވެވަޑައިގެންނެވި މިންވަރަކުން ވަގުތު ހޯދަވައިގެން ރައްޔިތުންނަށް ހަދިޔާއާއެކު ވަޑައިގެންނެވި ރައީސަކު މީގެ ކުރިން ރާއްޖޭގައި ވެރިކަން ކޮށްފައި ނުވާނެ ކަމަށެވެ.

އެއްވެސް ރައީސެއްގެ ނަން ވިިދާޅުނުވެ ނިޙާން ވިދާޅުވީ "ދެވަނަ ބުރުވެސް، ފުރަތަމަ ބުރުވެސް ހޯދުމަށް ތަފާތު ވައުދުތަތައް ވެވަޑައިގެން ކަޑަތައް ޖަހަމުން އަންނަ ރައީސުންގެ ވާހަކަ މިހިސާބުން މަޒީކޮށްލުމަށް ފަހުގައި، ރާއްޖެ ފުރިހަމަ މިނިވަންކަމަކުން މިނިވަން ވާނެ ދުވަހަކީ 23 ސެޕްޓެމްބަރު،" ކަމަށެވެ.

އިދިކޮޅުން ބުނަމުން ދަނީ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ބޮޑުތަނުން ބަލި ކުރާނެ ކަމަށެވެ.

comment ކޮމެންޓް