ވޯޓުގެ ކުރިން ވީއައިއޭގައި އޭ380ގެ ބޯޓު ޖައްސަންފަށާނެ: ރައީސް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމަށް ހިންގާ އެއް ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫގެ އެންމެ ފަހުގެ މަސައްކަތްތައް: ރަންވޭގެ މަސައްކަތް ނިންމާ މި މަހު ޓެސްޓު ފްލައިޓުތައް ޖައްސާނެ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިމަހުގެ 23 ވަނަ ދުވަހު ނަގާ ވޯޓުގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ގާއިމްކުރާ އާ ރަންވޭގައި އޭ380ގެ ބޯޓު ޖައްސާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެއެވެ.

އދ. މާމިގިލީ ނަރުދަމާގެ ނިޒާމު އިފްތިތާހުކޮށްދެއްވުމަށްފަހު، އެރަށު ރައްޔިތުންނާ މުޚާތަބު ކުރައްވާ ރައީސް ވިދާޅުވީ މީގެ ކުރިން ރާއްޖޭގައި އޮތީ އެންމެ ދެތިން އެއާޕޯޓުކަމަށެވެ.

"މިއަދު މިދައްކަނީ އިރާދަކުރެއްވިއްޔާ 23ގެ ވޯޓުގެ ކުރިން އަޅުގަނޑުމެންގެ ބައިނަލްއަގުވާމީ އެއާޕޯޓުގަ ދުނިޔޭގަ އުދުއްސާ އެންމެ ބޮޑު މަތިންދާބޯޓު އޭ380 ޖައްސާ ވާހަކަ. މިއީ ކުޑަކުޑަ ގައުމަކުން ރޮކެޓް ހަދައިގެން ހަނދަށް ދިއުން ކަހަލަ ކަމެއް ދިވެހިން މީގެ ކުރިން ތިބި ވިސްނުމުގައި ތިބި ނަމަ،" ރައީސް ވިދާޅުވިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ގާއިމްކުރާ އާ ރަންވޭގައި މި މަހު ޓެސްޓު ފްލައިޓު ޖައްސަން ފަށާނެކަމަށް އެމްއޭސީއެލް އިންވެސް ވަނީ ބުނެފައެވެ. 400 މިލިއަން ޑޮލަރު ހަރަދުވާ ރަންވޭ ޕްރޮޖެކްޓާ ގުޅޭގޮތުން އެމްއޭސީއެލްއިން މީގެ ކުރިން ބުނެފައިވަނީ އާ ރަންވޭގެ އަމަލީ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި މިހާރު ކުރިއަށް ދަނީ މާކިންއާއި ނެވިގޭޝަން ހަރުކުރުން ފަދަ މަސައްކަތްތަކުގެ ފައިނަލް މަސައްކަތްތައް ކަމަށެވެ.

އާ ރަންވޭއަކީ 3.4 ކިލޯ މީޓަރު ދިގު، އަދި 60 މީޓަރު ފުޅާ ރަންވޭއެކެވެ. މިއީ ދުނިޔޭގައި ބޭނުންކުރާ އެންމެ ބޮޑެތި A380 ވައިޑް ބޮޑީ އެއާކްރާފްޓުތަކަށް އެއްވެސް ދަތިކަމެއް ނެތި ޖެއްސޭނެހެން ތަރައްގީކުރާ ރަންވޭއެކެވެ. ރަންވޭ އެޅުމުގެ މަސައްކަތް ކުރަނީ ޗައިނާގެ ބެއިޖިންގް އާބަން ކޮންސްޓްރަކްޝަން ގްރޫޕު (ބީޔޫސީޖީ) އިންނެވެ.

comment ކޮމެންޓް