އިދިކޮޅުން ދައްކާ ކޮންމެ ވާހަކައަކަށް ރައްދު ދޭނަން: ރައީސް ޔާމީން

ރައީސް ޔާމީން އަރިއަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް

ޕީޕީއެމްގައި ތިބީ ސަމާސާ ބައެއް ކަމުގައި ނުނެންގެވުމަށާއި އިދިކޮޅު ކޯލިޝަނުން ދައްކާ ކޮންމެ ވާހަކައަކަށް ރައްދު ދޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން އަރިއަތޮޅާއި ދ. އަތޮޅަށް ރައީސް ޔާމީން ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު އއ ތޮއްޑޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އިދިކޮޅުން ދައްކާ ކޮންމެ ވާހަކައަށް ރައްދު ދެވެން އެބައޮތް ކަމަށެވެ. އިދިކޮޅު ފަރާތްތަކަށް ރާއްޖެއަށް ތަރައްގީ ގެނެސްދެވިފައި ނެތް ކަމަށްވެސް ރައީސް ޔާމީން ވިދާޅުވި އެވެ. އިސްލާމްދީނަށް އިދިކޮޅު ފަރާތްތަކުން ކަމޭ ނުހިތި ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"އެބޭފުޅުންނަކަށް [އިދިކޮޅު މީހުންނަށް] އަދުލު އިންސާފު ގާއިމްކޮށެއް ނުދެވުނު. އެބޭފުޅުންނަކަށް މީހުންގެ ހައްގުތަކަށް އަރައި ނުގަނެ ނުތިބެވުނު. އެބޭފުޅުންނަކަށް ޖަލުތައް ފުރާލުން ނޫން ކަމެއް ނުކުރެވުނު. އެބޭފުޅުންނަށް ތަންތަން އެންދުން ނޫން ކަމެއް ނުކުރެވުނު." ރައީސް ޔާމީން ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކުން ރިޔާސީ އިންތިހާބަށް ވަމުންދާ ވައުދުތަކަށް ރައީސް ޔާމީން ފާޑު ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ އެބޭފުޅުން ވައުދުވަމުން ދަނީ ސަރުކާރުން ކޮށްދީފައި ހުރިކަންކަން ކޮށްދިނުމަށް ކަމަށެވެ. އިދިކޮޅުގެ ތައުލީމީ ވައުދުތަކަށް ފާޑު ވިދާޅުވެ ރައީސް ޔާމީން ވިދާޅުވީ އެމްޑީޕީ ވެރިކަމުގައި މަތީ ތައުލީމާއި ޔުނިވަސިޓީ އެޅުމާވެސް ދެކޮޅު ހެދި ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވިގޮތުގައި މި ސަރުކާރަށްވުރެ ބޮޑަށް ތައުލީމީ ނިޒާމަށް ހިދުމަތް ކޮށްދިން ސަރުކާރެއް ފަސް އަހަރުގެ ނިސްބަތަށް ބަލާއިރު ނޯންނާނެއެވެ.

އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ރަށްރަށަށް ވަޑައިގަތުމުން ރީނދޫ ކުލައިގެ ޓީޝާޓު ލައްވާފައި ކުޑަކުދިން މަރުހަބާ ދަންނަވަން ނުކުމެވަޑައި ގަންނަވާކަން ރައީސް ޔާމީން ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ އެމަނިކުފާނު ވަޑައިގަންނަވާއިރު އެމަންޒަރު ނުފެންނާނެ ކަމަށެވެ.

" ދެ ނަމްބަރު ކެންޑިޑޭޓް އަޅުގަނޑުގެ ވާދަވެރި ކެންޑިޑޭޓް ވަޑައިގަތީމަ މި ފެންނަނީ ތުއްތު ކުދިން ރީނދޫ ޓީޝާތު ލައްވާފައި އިސްތިގުބާލުގައި. އަޅުގަނޑުމެން އެންމެންވެސް އެދޭ ކަމަކީ ސިޔާސީ މަސައްކަތްތައް ތުއްތު ކުދިންނަށް ނުބައްސާށޭ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ކުޑަކުދިން އެއްކޮށްފައި ވޯޓު ލީ ނަމަވެސް "އެމީހުން ޔާމިންބޭ ނޫން މީހަކު ނުދަންނާނެ" ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. ސަލާން ކުރަން ދާ ސަފުތަކުން ކުޑަކުދިން ގަނޑެއްގައި ކުރަހާލާފައި އެއާޕޯޓެއް އެމަނިކުފާނަށް ދެނީ އެހެންވެ ކަމަށް ވިދާޅުވި އެވެ.

އެމަނިކުފާނު ވެރިކަމަށް އައިސްފަ ކަންތައްތަކެއް ކޮށްދޭކަން ކުޑަކުދިންނަށްވެސް އެނގޭ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި މާލޭގައި ތިއްބަސް ރަށުގައި ތިއްބަސް ހިތްފަސޭހަ ކަމާއެކު އުޅޭނެ ތަންތަން މި ވެރިކަމުގައި އުފައްދައިފިކަން ކުޑަކުދިން ގަބޫލުކުރާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

comment ކޮމެންޓް