މި ސަރުކާރުން ޓޫރިޒަމް ތަރައްގީ ކުރުމުގެ ނަމުގައި ގިނަ ފަޅުރަށްތަކެއް ވަނީ ނުއަގުގައި ވިއްކައި ހުސްކޮށްލާފައި ކަމަށް އިދިކޮޅު ކޯލުޝަނުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް(އިބޫ) ވިދާޅުވެއްޖެ އެވެ.
ހުވަދު އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު މެންދުރު ގދ. ނަޑެއްލާ ރައްޔިތުންނާ ބައްދަލުކުރައްވައި އިބޫ ވިދާޅުވީ އިދިކޮޅު އިއްތިހާދުގެ ވެރިކަމެއްގައި ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް ޓުއަރިޒަމް ތައާރަފް ކުރުމަކީ އަމާޒެއް ކަމަށެވެ.
"ރައީސް ޔާމީންގެ ސަރުކާރުގައި ޓުއަރިޒަމް ތަރައްގީ ކުރުމުގެ ނަމުގައި ރާއްޖޭގެ ގިނަ އަތޮޅުތަކެއްގެ ގިނަ ރައްތަކެއް މިވަނީ ނު އަގުގައި ވިއްކާ ކުއްޔައް ދީފައި،"
އަދި ރަށްތައް ކުއްޔަށް ދީގެން ލިބުނު ފައިސާއަށްވީ ގޮތެއް ނޭނގޭ ކަމަށް އިބޫ ވިދާޅުވި އެވެ.
ނަމަވެސް ހުވަދު އަތޮޅުގައި ގިނަ ރައްތަކެއް ވިއްކައި ނުލައި 'ސަލާމަތުން' ހުރިކަން އިބޫ ފާހަގަ ކުރެއްވި އެވެ. އަދި ވިދާޅުވީ، އިއްތިހާދުގެ ސަރުކާރެއްގައި ހުވަދު އަތޮޅުގައި ޓުއަރިޒަމް އިތުރަށް ފުޅާ ކުރައްވާނެ ކަމަށެވެ.
"މި އަތޮޅުގެ ރަށްތައް ޓުއަރިސްޓް ރިސޯޓްތަކެއްގެ ގޮތުގައި ތަރައްގީ ކުރެވިގެން ދާނެ. ބަލާލި ކޮންމެ ދިމާއަކުން އަޅުގަނޑުމެނަށް މި ފެންނަނީ އެކަމަށް ހަމަ ފައްކާ ރީތި މަންޒަރެއް. އިރާދަކުރެއްވިއްޔާ މި ރަށާއި ކައިރީގައި ވެސް ރިސޯޓްތައް ހުޅުވިގެން ދާނެ،" އިބޫ ވިދާޅުވި އެވެ.
ޓުއަރިޒަމްގެ ސަބަބުން އަމިއްލަ ރަށުގައި ހުރެ ވަޒީފާ އަދާކޮށް އާމްދަނީ ހޯދުމުގެ މަގު ފަހިވެގެންދާނެ ކަން އިބޫ ފާހަގަކުރެއްވި އެވެ. ޓުއަރިޒަމް އިތުރުން ވެސް އިބޫ ވަނީ ނަޑެއްލާގެ ތަރައްގީއަށް ގިނަ ކަންތައްތަކެއް ކޮށްދެއްވުމަށް ވައުދުވެވަޑައިގެންފަ އެވެ.
އިންތިހާބަށް ދެން އޮތީ މަދު ދުވަސްކޮޅެއްކަން ފާހަގަކޮށް އިބޫ ވިދާޅުވީ މިއަދުގެ ސަރުކާރުން ކުރާ ކަންކަމާ ދެކޮޅަށް އަޑުއުފުލި ހުރިހާ ލީޑަރުން ވެސް މި ވަގުތު ތިއްބެވީ ޖަލުގެ ކުޑަގޮޅީގައި ކަމަށެވެ. އަދި އެ ފަރާތްތައް އާއިލާތަކާ ހަމައަށް ގެންސްދެއްވުމަށް މި މަހުގެ 23ގައި ނުކުމެ ވޯޓު ދެއްވުމަށް އިބޫ ވަނީ އެދި ވަޑައިގެންފަ އެވެ.
"ތިޔަ ބޭފުޅުން ތިޔަ ބޭނުންވާ ބަދަލު ގެނައުމަށް ޓަކައި ވޯޓު ދެއްވާ. އިރާދަކުރެއްވިއްޔާ ތިޔަ ބޭފުޅުން ތިޔަ ނިންމަވާ ނިންމެވުން ތަންފީޒުކުރެވިގެން ދާނެ،" އިބޫ ވިދާޅުވި އެވެ.