އިދިކޮޅު މީހުންގެ ވިސްނުމުގައި އަދިވެސް ހުރީ މީހުން ޖަލަށްލުން ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެއެވެ.
އަރިއަތޮޅާއި ދ. އަތޮޅަށް ރައީސް ޔާމީން ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު އދ. މަހިބަދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އަނިޔާވެރިކަމުގެ ވާހަކައަކީ އަބަދު ދައްކަންޖެހޭ ވާހަކައެއް ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ ބަޔަކު ޖަލަށްލާން އެމްޑީޕީ މީހުން ކުރިން މަސައްކަތް ކުރި ކަމަށެވެ. ގާނޫނެއް ޝަރީއަތެއް ނެތި ހުރިހާ ކަމަކުން ބޭރުން މީހުން ހިފާ ހައްޔަރުވެސް ކުރި ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
"މިއަދު ވިދާޅުވޭ ތިމަންނަމެން ޖަލަށްލާ ކޮންމެ މީހަކަށް ތިމަންނަމެން ދެ މީހުން ދޫކޮށްލާނަމޭ. އެހެންވީމަ އަދިވެސް އެބޭފުޅުންގެ ވިސްނުމުގައި ހުރީ މީހުން ޖަލަށް ލުން. ކީއްކުރަންތޯ މީހުން ޖަލަށް ލާ ވާހަކަ އަޅުގަނޑުމެން ދައްކަންވީ. އަޅުގަނޑުމެން އެއަށްވުރެ ރަނގަޅުވާނެ ދެއްތޯ ގާނޫނު ތަންފީޒުކުރާ ވާހަކަ ދައްކައިފިއްޔާ،" ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ ގާނޫނު ތަންފީޒުކުރާ ވާހަކައަކީ އިދިކޮޅު ފަރާތްތަކަށް ގަބޫލުކުރަން ފަސޭހަ ވާހަކައެއް ނޫން ކަމަށެވެ. އިދިކޮޅު ފަރާތްތަކުން ހިތްހަމަ ނުޖެހެނީވެސް ގާނޫނު ތަންފީޒު ކުރާތީ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޭނުންފުޅުވީ ސިޔާސީ މަޝްރަހުގައި މަސައްކަތް ކުރައްވާ ލީޑަރުން ބަންދު ކުރެއްވުމަށް ކަމަށާއި އެ ވާހަކަ ފާޅުގައި ވިދާޅުވަމުން ގެންދެވި ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި ވިދާޅުވީ "އެކަން އޭނާ ކާމިޔާބު ކުރައްވައިފި" ކަމަށެވެ.
"އޭނާގެ (ރައީސް ނަޝީދުގެ) ސަރުކާރުގައި އެކަން ނުވި ކަންނޭންގެ. އެކަމު އޭގެ ތެރެއިން ގިނަ މީހުންނަކީ އޭނާގެ ސަރުކާރުގައި ޖަލަށް ވަދެފައި ތިބި މީހުން." ރައީސް ޔާމީން ވިދާޅުވިއެވެ.
އިދިކޮޅު ފަރާތްތަކުން އަނިޔާގެ ވާހަަކަ ދައްކާއިރު އަނިޔާވެރިކަން އާންމުވެފައި އޮތް ނަމަ ރަށްރަށް އެރީމަ އަނިޔާ ލިބޭ ވާހަކަ ރައްޔިތުން ދައްކާނެ ކަމަށާއި އެކަމަކު އެކަހަލަ މަންޒަރެއް އަދި އަޑެެއްވެސް ނީވޭކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
"އަޅުގަނޑު މިދާ ކޮންމެ ރަށަކުން މަރުހަބާ ކިޔަނީ އަނިޔާވެރިކަން ތަހައްމަލު ކުރާ ބައެއް ނޫން. މޫނުމަތިން ހިނިތުންވުމެއް އަޅުގަނޑަކަށް ނުފެންނާނެ. ބައްދަލުކުރަން ސަލާންކުރާކަށް ބަޔަކު ނާންނާނެ ރަށެއްގައި ގައުމެއްގައި [އަނިޔާވެރިކަން] އާންމުވެފަ އޮތިއްޔަކާއެއް." ރައީސް ޔާމީން ވިދާޅުވިއެވެ.