ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް، ރައްޔިތުންނަށް ދެއްކޭނެ އިތުުރު ބިރެއް ނޯންނާނެ ކަަމަށް އިދިކޮޅު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.
އިބޫ ގއ. އަދި ގދ. އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ކޮލަމާފުއްޓަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ވަނީ، ދާދި ފަހުން ކޮލަމާފުށިން ހައްޔަރުކުރި 18 މީހުންނަށް އިޝާރަތްކުރައްވައި އެ މީހުން ވަގުތުން ދޫކޮށްލުމަށް ގޮވާލައްވައިފައެވެ.
" އެއީ ކުއްވެރިންނެއް ނޫން. އެއީ ސިޔާސި ހަރަކާތް ހިންގި ބައެއް. ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އަޅުގަނޑުމެންގެ ހަރަކާތްތަކުގައި ބައިވެރިވެ ކަންތައްތައް ކުރަމުން ގެންދިޔަ ބައެއް. އެ ދުވަހުގެ އެ ހާދިސާ ހިނގަމުން ދިޔައިރުގައި މޫދުގައި ތިބި ބައެއް މީހުން އެބަތިބި ބަންދުކޮށްފައި،" އިބޫ ވިދާޅުވިއެވެ.
އިބޫ ވިދާޅުވީ ސަރުކާރުގައި ވަޒީފާތަކުގައި ތިބި މީހުންނަށް ބިރު ދައްކައިގެން މަސައްކަތް ހުއްޓުވުމަށް މަސައްކަތް ކުރަމުންގެންދާ ކަމަށާއި އެހެންނަމަވެސް އެކަން އެގޮތަށް ދެނެއް ނުކުރެވޭނެ ކަަމަށެވެ. އަދި އެކަން ވަރަށް ރީއްޗަށް ކޮލަމާފުށިން ފެނިގެންގޮސްފައިވާ ކަމަށްވެސް އިބޫ ވިދާޅުވިއެވެ.
" ކޮލަމާފުށީ ސްކޫލުގެ އެތައް ޓީޗަރުންނެއް އަދި ކުންފުނިތަކުގައި މަސައްކަތް ކުރާ އެތައް ބަޔަކު މިއަދު އެތިބީ އެ ބިރު ފަހަނައަޅާގޮސް ނިކުމެ. މި މަންޒަރު އަޅުގަނޑަށް ކުރިއަށް އޮތް ތަނުގައި ކެމްޕޭން ހަރަކާތްތަކުގައި ހުރިހާ ރަށަކުން ފެނިގެންދާނެކަމީ ޝައްކެއް އޮތް،" އިބޫ ވިދާޅުވިއެވެ.
ވަޒީފާއިން ކަނޑާލައިފައިނެތީ އޮތް ބިރާ މެދު ފަސްނުޖެހުމަށް އިލްތިމާސް ކުރައްވައި އިބޫ ވިދާޅުވީ ރައީސް ޔާމީނަށް ރާއްޖޭގެ ރައްޔިތުންނަށް ދެއްކޭނެ އިތުރު ބިރެއް ނޯންނާނެ ކަމަށެވެ.
" ވަގުތު މިވަނީީ ކުޑަތަންވެފައި. ބާކީ މިއޮތީ ދެން 21 އަކަށް ދުވަސް. އެއަށް ފަހު ޖެހިވަޑައިގެންނަވާނީ މަގާމު ދޫކުރައްވައި ގެއަށް ވަޑައިގަންނަވަން،" އިބޫ ވިދާޅުވިއެވެ.
އިބޫ ވިދާޅުވީ ސަރުކާރުން ބިރު ދައްކަމުންދަނީ ހަމައެކަނި ވަކިވަކި ފަރުދުންނަށް ނޫން ކަމަށާއި އަދި ކުންފުނިތަކާއި ވިޔަފާރިވެރިންނަށްވެސް މި ސަރުކާރުން ބިރު ދައްކަމުންގެންދާ ކަމަށެވެ.
ވިޔަފާރިވެރިޔާ އަދި ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޖާބިރަށް ވެސް ބިރުދެއްކުމުގެ ސަބަބުން އޭނާ ރާއްޖެ ދޫކޮށް ގޮސްފައިވާކަން އިބޫގެ ވާހަކަގައި ވަނީ ފާހަގަކުރައްވައިފައެވެ.
ރާއްޖޭގެ ޖަލުތަކުގައި ތިއްބެވި ސިޔާސީ ފަރާތްތަކާއި ބޭރުގައި ތިއްބެވި ހުރިހާ ފަރާތްތަކެއް އިބޫގެ ވެރިކަމުގައި މިނިވަންވެގެންދާނެ ކަމަށް އިބޫ ވިދާޅުވިއެވެ.