ފައިސަލް ވަކިކުރިޔަސް، އަބްދުއްރަހީމާއި ރައީސާ ދެމެދު ނުތަނަވަސްކަމެއް ނެތް: ފަލާހު

ރައީސް މުއިއްޒު ރިޔާސީ ބަޔާން އިއްވެވުމަށް މަޖިލީހަށް ވަޑައިގެންނެވިއިރު އަރިހުގައި މަޖިލިސް ރައީސް އަބްދުއްރަހީމް: ފަލާހު ވިދާޅުވީ ފައިސަލް ވަކިކުރިޔަސް، އަބްދުއްރަހީމާއި ރައީސާ މެދު ނުތަނަވަސްކަމެއް ނެތް ކަމަށް -- ފޮޓޯ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ ދަރިކަލުން އިބްރާހީމް ފައިސަލް ޓޫރިޒަމް މިނިސްޓަރުކަމުން ވަކިކުރި ނަމަވެސް، އެ މަނިކުފާނާއި ރައީސް ޑރ. މުހައްމަދު މުއިއްޒާ ދޭތެރޭ އެއްވެސް ނުތަނަވަސްކަމެއް ނެތް ކަމަށް ޕީއެންސީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ރިޔާސީ ބަޔާން އިއްވާފައިވާއިރު، އެ ކަމަށްޓަކައި ބޭއްވި ޖަލްސާއަށް ފަހު "ސަން"އާ ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ, ރައީސް މުއިއްޒު އަޅުއްވާ ކޮންމެ ފިޔަވަޅެއް ވެސް އަޅުއްވަނީ ވަރަށް ވިސްނަވާފައި ކަމަށެވެ. އެ މަނިކުފާނު އަޅުއްވާ ފިޔަވަޅުތަކުން ރައްޔިތުންނަށް މިއަދު ޔަގީންކަން އޮންނާނެ އެއް ކަމަކީ އެ މަނިކުފާނުގެ އަމިއްލަ ދަރިކަލަކު ގޯސްކަމެއް ކުރެެއްވިޔަސް އެ ކަމަކަށް ފިޔަވަޅު އަޅުއްވާނެ ވެރިއެއްކަން ކަމަށެވެ.

"ހަގީގަތުގަ ރައީސް މި އަޅުއްވާ ފިޔަވަޅުތަކުގައި ނުބައްލަވާނެ ވަކި އެއީ ކޮން ހިސާބެއްގެ ގާތްކަމެއް އޮތް [ކާކުކަމެއް]،" ފަލާހު ވިދާޅުވިއެވެ.

ރައީސް މުއިއްޒު ރިޔާސީ ބަޔާން އިއްވެވުމަށް މަޖިލީހަށް ވަޑައިގެން ޕީޖީ ލީޑަރު ފަލާހުއާ ސަލާމްކުރައްވަނީ -- ފޮޓޯ

ރައްޔިތުންގެ މުދާ ރައްކާތެރިކުރުމަށް އެ މަނިކުފާނު އެކިއެކި ވުޒާރާތަކަށް ބަދަލު ގެންނަވައި، އެކިއެކި ބޭފުޅުންނާ ކަންކަން ހަވާލުކުރައްވަމުން ގެންދަވާއިރު، ތަކުރާރުކޮށް ވިދާޅުވަނީ ގޯސްކޮށް ކަމެއް ކުރައްވައިފިނަމަ އެ ބޭފުޅަކާ ދޭތެރޭ ފިޔަވަޅު އަޅުއްވާނެކަން ކަމަށް ފަލާހު ވިދާޅުވިއެވެ. އެހެންނަމަވެސް ސީދާ ފައިސަލް ގޯސްކޮށް ކަންތައް ކުރެއްވިއެކޭ ފަލާހު ވިދާޅެއްނުވެއެވެ.

"ދަންނަވާލަން ބޭނުންވަނީ ހަގީގަތުގައި އެ ފިޔަވަޅުގެ ސަބަބުންނެއް އަޅުގަނޑުމެންގެ އިއްޒަތްތެރި ރައީސުލްޖުމްޙޫރިއްޔާއާއި ރައްޔިތުންގެ މަޖިލީހުގެ ރައީސާ ދޭތެރެއަކު މާ ބޮޑު ނުތަނަވަސްކަމެއް އުފެދިފަކައެއް ނެތް. ދެން އެ ދަރިކަލަކު ކަމަށް ވީމާ، އެ ވަގުތު އެއޮތީ ކޮންމެ ވެސް ވަރެއްގެ ބަސްދީގަތުމެއް ދެއްވިފައި،" ފަލާހު ވިދާޅުވިއެވެ.

ފަލާހު އެފަދައިން ވިދާޅުވިއިރު، ފައިސަލް މަގާމުން ވަކިކުރި ދުވަހު އަބްދުއްރަހީމް މެލޭޝިއާގައި ހުންނަވާ ނޫހަކަށް ދެއްކި އިންޓަވިއުއެއްގައި ވަނީ ރައީސް މުއިއްޒާ އެކު އޮތް ގުޅުން ރަނގަޅު ނަމަ އެގޮތަށް ކަންތައް ނުކުރެއްވީސް ކަމަށް ވިދާޅުވެފައެވެ. ނަމަވެސް، އެ ފަހުން އަބްދުއްރަހީމް އެކަމާ ގުޅިގެން އެއްވެސް ވާހަކަފުޅެއް ނުދައްކަވައެވެ. އަދި، މިއަދު ރިޔާސީ ބަޔާން އިއްވެވިއިރު އެ މަނިކުފާނު ވަނީ ރައީސް މުއިއްޒާ ވަރަށް ގާތްކޮށް، ވާހަކަދައްކަވައި ޖަލްސާ ކުރިއަށް ގެންދަވާފައެވެ.

"މިހާރު އަޅުގަނޑުމެންގެ ތެރޭގައި ރައީސުލްޖުމްޙޫރިއްޔާގެ ވެސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ވެސް ގުޅުން ވަރަށް ރަނގަޅު. އަޅުގަނޑަކީ އެންމެ ކައިރިން އެ ތަން ފެންނާނެ އެކަކު،" ފަލާހު ވިދާޅުވިއެވެ.

ރައީސް މުއިއްޒު ރިޔާސީ ބަޔާން އިއްވެވުމަށް މަޖިލީހަށް ވަޑައިގެންނެވިއިރު އަރިހުގައި މަޖިލިސް ރައީސް އަބްދުއްރަހީމް -- ފޮޓޯ

ފަލާހު ވިދާޅުވީ، މީޑިއާތަކުގައި ދެކެވެނީ އެއްވެސް ކަހަލަ ހަގީގަތެއް އެކުލެވޭ ވާހަކަތަކެއް ނޫން ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ދުރުކުރަން ރައީސް އަންގަވައިފިއޭ. އިސްތިއުފާ ދޭން ވިދާޅުވެއްޖޭ. އެކަހަލަ އެއްވެސް ކަމެއް ނުހިނގާ އިނގޭތޯ. އަޅުގަނޑުމެން ޕާލިމެންޓްރީ ގްރޫޕްގެ ތެރެއިން ވެސް މަޖިލީހުގެ ރައީސް ވަކިކުރުމުގެ އެއްވެސް ކަމެއް، މެންބަރުންގެ ތެރެއިން ސޮއި ހޯދާ، އެފަދަ އެއްވެސް ކަމެއް ނުހިނގާ،" ފަލާހު ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ޕީއެންސީން، ރައްޔިތުންގެ މަޖިލީހުގައި އިއްޔެ އެ ޕާޓީގެ ޕާލިމަންޓަރީ ގްރޫޕުގެ ބައްދަލުވުމެއް ކުރިއަށް ގެންދިޔައިރު، އެ ޕާޓީގެ ޗެއާޕާސަންކަމުގައި ވެސް ހުންނަވާ އަބްދުއްރަހީމް ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ. "ސަން"އަށް އެނގިފައިވާ ގޮތުގައި މާލޭގައި އަބްދުއްރަހީމް ހުންނަވާނަމަ ޕީޖީ ބައްދަލުވުމުގެ ރިޔާސަތު އަބަދު ވެސް ބަލަހައްޓަވަނީ އަބްދުއްރަހީމެވެ. އަދި، ހުރިހާ ބައްދަލުވުމަކަށް ވެސް އެ މަނިކުފާނު ހާޒިރުވެވަޑައިގަންނަައެވެ.

ޕީއެންސީގެ މަސައްކަތްތަކާ އަބްދުއްރަހީމް ދުރުން އުޅުއްވާ މަންޒަރު ފެންނައިރު އެ މަނިކުފާނާއި، ރައީސް ޑރ. މުޙައްމަދު މުއިއްޒާ ދެމެދު ސިޔާސީ ގޮތުން މައްސަލަ ޖެހި، ގުޅުން ގޯސްވެފައިވާކަމުގެ އަޑު އަންނަނީ ފެތުރެމުންނެވެ. އެ ވާހަކަތައް ދެކެވެން ފެށުނީ ފައިސަލް މަގާމުން ވަކިކުރުމާ އެކުއެވެ.

ފައިސަލް ވަކިކުރިތާ ގިނަ ދުވަސްނުވެ، އަބްދުއްރަހީމްގެ ދަނބިދަރިކަލުން، ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު ހިޝާމް ވަޖީހުގެ ބައްޕަ، މުހައްމަދު ވަޖީހު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މެނޭޖިން ޑިރެކްޓަރުކަމުން ވެސް ވަނީ ވަކިކޮށްފައެވެ.

އަބްދުއްރަހީމަކީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ރައީސް މުއިއްޒަށް ޓިކެޓު ލިބިވަޑައިގެން ފަހުން އެ މަނިކުފާނާ އެންމެ އަރިސްކޮށް ހުންނެވި ބޭފުޅާއެވެ.

comment ކޮމެންޓް