ކުރީގެ ރައީސުން ބްރިޖު ހުޅުވިތަނަށް ނުދިޔައީ ތަރައްގީގައި ބައިވެރިވާން ލަދުވެތިވާތީ: ރައީސް

ރައީސް ޔާމީން ޅ. ކުރެންދޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް

ސިނަމާލެ ބުރިޖު ހުޅުވި ރަސްމިއްޔާތަށް ކުރީގެ ރައީސުންނަށް ދައުވަތު ދިން ކަމަށާއި އެތަނަށް އެބޭފުޅުން ވަޑައިނުގަތީ އެ ތަރައްގީގައި ބައިވެރިވާން ލަދުވެތިވާތީ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެއެވެ.

ފާދިއްޕޮޅަށް ރައީސް ޔާމީން ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ކުރެންދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރައްޔިތުންގެ ހާލަތު އުނދަގޫވީމަ ފިލައިގެން ދާ މީހުންނަކީ ރައްޔިތުން ގޮވައިގެން އުޅެވޭނެ ބައެއް ނޫން ކަމަށެވެ.

"އޭގެ މީހުން މިހާރުވެސް ބޭރުގައި އެ ތިއްބަވަނީ. އޭގެ މީހުން މިހާރު ބޭރުގައި ގޮނޑިވެސް އެދުއްވަނީ. މިހާރު އަޅުގަނޑު ދައުވަތު ދީފިން ބުރިޖުގައި ގޮނޑި ދުއްވާލަން ވަޑައިގަންވަންވެސް އެބޭފުޅުންނަށް. ކީއްވެގެންތޯ ކުރީގެ ރައީސުން ވަޑައިނުގަތީ ބުރިޖު ހުޅުވި ތަނަށް. އަޅުގަނޑުގެ ދައުވަތު އޮތޭ އެބޭފުޅުންނަށް. އެއީ ނުކެރޭނެ. އެ ތަރައްގީގައި ބައިވެރިވާން އެބޭފުޅުން ލަދުވެތިވާތީ އެއީ،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ޅ. ކުރެންދޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް

ޕީޕީއެމްގެ ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމު ޕީޕީއެމް ދޫކޮށްލި ނަމަވެސް އެ ޕާޓީގެ ފިކުރެއް އޮޔާ ނުދާނެކަމަށް ރައީސް ޔާމީން މިއަދު ވަނީ ވިދާޅުވެފައެވެ. ރައީސް ޔާމީން ވިދާޅުވީ ޕީޕީއެމްގެ ފިކުރު އޮތީ އޮޔާ ނުދާ ވަރަށް ނަގިލި ލައި، "އެންކާ" ކުރެވިފައި ކަމަށެވެ.

"އަދި މިހާރު ނަގިލި ހިފަހައްޓަން އެބައޮތް އިރުދެކުނު ފަރާތުގައި ބޮޑު ބުރިޖެއްވެސް. އެހެންވީމަ އެނގޭ މި ފިކުރެއް އޮޔާ ނުދާނެކަން. ވާދޫ ކަނޑުން ނުނިކުންނާނެ ފިކުރެއް މިއީ،" ރައީސް ޔާމީން ވިދާޅުވިއެވެ.

އޭރުވެސް މިއަދުވެސް އެމްޑީޕީއާ ދެކޮޅު ފިކުރުގައި ސާބިތުވެ ހުންނެވީ އެމަނިކުފާނު ކަމަށް ރައީސް ޔާމީން ތަކުރާރުކޮށް ވިދާޅުވިއެވެ. އެހެން ހުރިހާ ސިޔާސީ ލީޑަރުން މިއަދު އެމްޑީޕީގެ ފިކުރަށް ތާއީދުކޮށްގެން ތިބި އިރު، އެ މީހުންނަށް އެމްޑީޕީ މީހުންގެ ހިތްހެޔޮވާނެތޯ ސުވާލު އުފެދޭކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް މައުމޫނުގެ ނަމުގެ ކުރިއަށްވެސް ލަގަބެއް ލާފައި ނޫނީ އަދިވެސް އެމްޑީޕީ މީހުން ނުކިޔާނެކަަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ޅ. ކުރެންދޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް

"އޭރުވެސް މި ފިކުރު ތަމްސީލުކޮށްދިނީ މިހާރުވެސް މި ފިކުރު ތަމްސީލުކޮށްދެނީ ޕާޓީ ބަދަލުވި ނަމަވެސް ފިކުރަކަށް ބަދަލެއް ނައިސް ފިކުރުގެ މަތީގައި ހުރި ހަމައެކަނި ސިޔާސީ ލީޑަރަކީ އަޅުގަނޑު ދަންނަވާނީ ހަމަ އުފަލާ ޝަރަފުވެރިކަމާއެކީ ދަންނަވާނީ އަޅުގަނޑޭ،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ދަޅުގައި ބަންދުކުރާ މަސް ބަންދުކޮށްގެން ޔޫރަޕަށް އެކްސްޕޯޓު ކުރާއިރު ދަތިތަކާ ކުރިމަތިލާން ޖެހޭ ކަމަށެވެ. އެހެން ދިމާވަނީ އިދިކޮޅު ފަރާތްތަކުން ބޭރު ދުނިޔޭގައި ރާއްޖެއާ ބެހޭ ގޮތުން ދައްކާ ވާހަކަތަކުގެ ސަބަބުން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

"ހަމަ ރާއްޖެއާ ބެހޭ ތަފާތު އެކި ބަދުނާމު، ތަފާތު އެކި ނުބައި ވާހަކަ ދައްކަވާ ދައްކަވާ ގޮސް އެންމެ ފަހުން އަޅުގަނޑުމެންނާ ދޭތެރޭ ފިޔަވަޅު އެޅުމުގެ އިންޒާރު ދެމުން އެދިޔައީ." ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ޅ. ކުރެންދޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް

ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ މަސްވެރިންނަށް ހެޔޮއެދޭނަމަ މަސްވެރިންނަށް ދަތިވާގޮތަށް ރާއްޖެ ބަދުނާމުވާ ކަހަލަ ވާހަކަ ނުދައްކާނެ ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން މަސްވެރިންނަށް ހެޔޮއެދޭނަމަ "މިކަހަލަ ވާހަކަ ދެއްކުން ހުއްޓާލަން ޖެހޭ" ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އަދި ޓުއަރިޒަމްއަށްވެސް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އިދިކޮޅު ފަރާތްތަކުން ރާއްޖެ ބަދުނާމުކޮށް ދައްކާ ވާހަކަތައް ކަމަށްވެސް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި ވިދާޅުވީ އެމްޑީޕީ ނޫން ބަޔަކު އެވާހަކަ ނުދައްކާނެ ކަމަށެވެ.

"ފިކުރަކަށް ވެދާނެ އެމްޑީޕީއަކީ. އެކަމު ގަބޫލުނުކުރެވޭ ފިކުރަކީ ރައްޔިތުންނަށް ލިބެން ހުންނަ މަންފާއަށް ހުރަސް އެޅުމަށް ރައްޔިތުންނަށް ލިބެން ހުންނަ ކުރިއެރުމަށް ގެއްލުން ދިނުމަށް މިކުރާ މަސައްކަތަކީ ފިކުރުގެ ތެރެއިން ބަަލައި ގަނެވޭނެ ކަމެއް ނޫން." ރައީސް ޔާމީން ވިދާޅުވިއެވެ.

comment ކޮމެންޓް