10 އަހަރު ތެރޭގައި ބެޑް ކެޕޭސިޓީގެ ބޮޑުބައި ހިއްސާކުރާނީ ގެސްޓްހައުސްތައް: ގިޔާސް

މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2018 ގެސްޓްހައުސް އެޑިޝަންގެ ހަފްލާގައި މަޓާޓޯގެ ރައީސް އަބްދުﷲ ގިޔާސް ރިޔާޒް ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ބެޑް ކެޕޭސިޓީގެ ދެބައިކުޅަ އެއްބައި އެނދު ހިއްސާކުރާނީ ރާއްޖޭގެ ގެސްޓްހައުސްތަކުން ކަމަށް ލަފާކުރެވޭ ކަމަށް މަޓާޓޯގެ ރައީސް އަބްދުﷲ ގިޔާސް ރިޔާޒު ވިދާޅުވެއްޖެ އެވެ.

ރޭ ހުޅުމާލޭގެ ފަރުކޮޅުފުށި ހެރިޓޭޖް އައިލެންޑުގައި ކުރިއަށް ދިޔަ މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2018 ގެސްޓްހައުސް އެޑިޝަންގެ އެވޯޑު ހަފްލާގައި ވާހަކަ ދައްކަވަމުން، ރާއްޖޭގެ ޓްރެވަލް އޭޖެންޓުންނާއި ޓުއާ އޮޕަރޭޓަރުންގެ ޖަމިއްޔާގެ ރައީސް ވިދާޅުވީ ރާއްޖޭގައި ޓޫރިސްޓުންނަށް ޚިދުމަތްދޭ 42،362 އެނދު ރެޖިސްޓްރީކޮށްފައި ހުރި އިރު، އޭގެ ތެރެއިން 8،099 އެނދު ހުރީ ގެސްޓްހައުސްތަކުގައި ކަމަށެވެ.

"ރާއްޖޭގެ ބެޑް ކެޕޭސިޓީގެ 19 ޕަސަންޓު ހިއްސާކުރަނީ ގެސްޓްހައުސްތަކުން. ހުޅުމާލޭގައި އެކަނި އެބަހުރި 1،750 އެނދާ އެކު 83 ގެސްޓްހައުސް. އެއީ ގެސްޓްހައުސްތަކުގެ ބެޑް ކެޕޭސިޓީގެ 22 ޕަސަންޓު،" ގިޔާސް ވިދާޅުވި އެވެ.

ބުރާސްފަތި ދުވަހުގެ ރޭ ހުޅުވި ސިނަމާލެ ބްރިޖާއި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ތަރައްގީއާ އެކު މި އަދަދުތައް އިތުރަށް މައްޗަށް ދާނެކަމަށް ގިޔާސް ވިދާޅުވި އެވެ.

މީގެ އިތުރުން ގެސްޓްހައުސް އިންޑަސްޓްރީގެ 13 ޕަސަންޓް ހިއްސާކުރާ 1،026 އެނދު، މާފުށީގައި ހިންގާ 44 ގެސްޓްހައުސެއްގައި އެބަ ހުރިކަމަށް ގިޔާސް ފާހަގަކުރެއްވި އެވެ.

"މިއީ ވަރަށް ޝައުގުވެރި ކުރުވަނިވި ހިސާބުތަކެއް. ގެސްޓްހައުސް އިންޑަސްޓްރީއަށް އަދި ކިރިޔާ 10 އަހަރު މި ވަނީ. އެކަމަކު މިއީ މިވަގުތު ރާއްޖޭގައި އެންމެ ހަލުއިކޮށް ކުރިއަރަމުންދާ ޓޫރިޒަމް ސެކްޓާ،" ގިޔާސް ވިދާޅުވި އެވެ.

"އަޅުގަނޑަށް ލަފާކުރެވޭ ގޮތުގައި ކުރިއަށް އޮތް 10 އަހަރު މުޅި ޓޫރިޒަމް އިންޑަސްޓްރީގެ ބެޑް ކެޕޭސިޓީގެ 50 ޕަސަންޓަށް ވުރެ ބޮޑު ބައި ހިއްސާކުރާނީ ރާއްޖޭގެ ގެސްޓްހައުސްތަކުން،"

ގިޔާސް ވިދާޅުވި ގޮތުގައި، މިއީ ގްލޯބަލް ޓްރެންޑެކެވެ.

އަވަށްޓެރި ސްރީލަންކާގެ މިސާލަށް ބަލަމުން އޭނާ ވިދާޅުވީ، އެގައުމަށް ދަތުރުކުރާ ޓޫރިސްޓުންގެ 60 ޕަސަންޓު މީހުން ތިބެނީ ގެސްޓްހައުސްތަކާއި ހޯމް ސްޓޭސްގަ އެވެ. އަދި އިންޑިއާ ކަނޑުގައި އޮންނަ ސީޝެލްސް ޖަޒީރާއަށް ދާ 40 ޕަސަންޓު ޓޫރިސްޓުން ވެސް ތިބެނީ އެފަދަ އެކޮމޮޑޭޝަންތަކުގައި ކަމަށް ވިދާޅުވި އެވެ.

"އާ ލޯ ކޮސްޓް އެއާލައިންތައް ތަފާތު ގިނަ މަންޒިލުތަކަށް ދަތުރުތައް ފަށާ ވަރަކަށް މި ދާއިރާއަށް އޮތް ޑިމާންޑު އެބަ ބޮޑުވޭ. މިއީ ދާއިރާއަށް އައި ބޮޑު ބަދަލެއް. މި ބަދަލު ދެމިއޮންނާނެ،" ގިޔާސް ވިދާޅުވި އެވެ.

މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2018ގެ ގެސްޓްހައުސް އެޑިޝަން ރޭ ބޭއްވި އިރު، ރާއްޖޭގެ ލީޑިންގް ގެސްޓްހައުސްގެ އެވޯޑު ލިބުނީ ލ. ގަމުގައި ހިންގާ ރިވެރީސް ޑައިވިންގް ވިލެޖަށެވެ.

comment ކޮމެންޓް