ލޯކަލް ޓޫރިޒަމް ކުރިއެރުވުމުގެ ބޭނުމުގައި ދި ޓްރެވަލް ގާއިޒްއިން އިންތިޒާމުކޮށްގެން 'ދިރާގު ރަށު އެކްސްޕޯ'ގެ ނަމުގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައި އިވެންޓެއް ކުރިޔަށް ގެންދިއުމަށް ނިންމައިފިއެވެ.
މި އެކްސްޕޯގެ ޓައިޓަލް ޕާޓްނަރަކީ ދިރާގެވެ.
ދިރާގުން ބުނީ، މި އެކްސްޕޯގެ މަގުސަދަކީ ލޯކަލް ޓޫރިޒަމް ޕްރޮމޯޓު ކުރުމަށް، ރަށު ކައުންސިލްތަކާއި ގެސްޓްހައުސް ހިންގާ ފަރާތްތައް އެއް ތަނަކަށް ގެނެސްދީ، މައުލޫމާތާއި ތަޖުރިބާ ހިއްސާކުރެވޭނެ ޚާއްސަ ޕްލެޓްފޯމެއް ގާއިމްކޮށްދިނުން ކަމަށެވެ. އަދި އެކިއެކި ރަށްރަށުގެ ތަފާތު ރީތިކަމާއި ސަގާފަތަށް ސަމާލުކަން ގެނެސްދީ، އެ ކަންކަން ދައްކައިލުމުގެ ފުރުސަތު ހޯދައިދީ، ޑޮމެސްޓިކް ޓޫރިޒަމް އިތުރަށް ފުޅާކުރުމަށް އެހީތެރިވެދިނުން ކަމަށެވެ.
މި ކަމާ ގުޅޭ ގޮތުން ދިރާގުގެ ޑިރެކްޓަރު، ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް، މުހައްމަދު މިރާޝް ހަސަން ވިދާޅުވި ގޮތުގައި، ރާއްޖޭގެ ލޯކަލް ޓޫރިޒަމް ވިޔަފާރިކުރާ ފަރާތްތަކަށް ޚާއްސަކޮށްގެން ބާއްވާ ފުރަތަމަ އެކްސްޕޯ ޓައިޓަލް ޕާޓްނަރުންނަށް ދިރާގުވުމަކީ ވަރަށް އުފާ ކުރާ ކަމެކެވެ.
މި އެކްސްޕޯގެ އެހީގައި ލޯކަލް ޓޫރިޒަމް ޕްރޮމޯޓުކުރުމަށް އެހީތެރިވެދީ، ރާއްޖޭގެ ރީތިކަމާއި ސަގާފަތް ދައްކައިލަން ފުރުސަތު ލިބި، ރަށްރަށުގައި ޓޫރިޒަމް ވިޔަފާރިކުރާ ފަރާތްތަކާ އާންމުންނާ ގުޅުވައިދެވިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ދިރާގު ރަށު އެކްސްޕޯ ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން ހޮނިހިރުގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.
ދިރާގަކީ ލޯކަލް ޓޫރިޒަމް ހިންގާ ފަރާތްތައް ބާރުވެރި ކުރުވުމަށް ހިންގާ ކަންކަމުގައި އަމަލީ ގޮތުން ބައިވެރިވެ، ރާއްޖެ އެތެރޭގެ ޓޫރިޒަމް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކުންފުންޏެކެވެ.