އިބޫގެ ބޮޑެތި ވައުދުތަކެއް މަސްވެރިންނަށް

ތިނަދުއަށް ވަޑައިގެން އެރަށުގައި ބޭއްވި ބޮޑު ޖަލްސާގައި އިބޫ ވާހަކަފުޅު ދައްކަވަނީ --- ފޮޓޯ/ އެމްޑީޕީ

ރާއްޖޭގެ ކަނޑުތަކަކީ ހަމައެކަނި ދިވެހިންނަށް މަސްވެރިކަން ކުރެވޭ ތަނެއްގެ ގޮތުގައި ހަމައްޖައްސާނެ ކަމަށް ވިދާޅުވެ މަސްވެރިންނަށް، އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ބޮޑެތި ވައުދުތަކެއް ވެވަޑައިގެންފި އެވެ.

ގދ. އަށް ކުރައްވަމުން ގެންދަވާ ކެމްޕޭން ދަތުރުގައި އިބޫ ތިނަދު އަށް ވަޑައިގެން އެރަށުގައި ބޭއްވި ބޮޑު ޖަލްސާގައި ވިދާޅުވީ، މިހާރު ވެސް ލައިސަންސް ލިބިގެން 40 ވުރެ ގިނަ ބޭރުގެ ބޯޓު ރާއްޖޭގެ މަސްކަނޑު ތަކުގައި ދާ އަޅަމުން ގެންދާ ކަމަށެވެ.

އަދި ލައިސަންސް ނެތި 100 އަށްވުރެ ގިނަ އުޅަނދު ފަހަރު ރާއްޖޭގެ މަސް ކަނޑުތަކުގައި ހަރަކާތްތެރި ވަމުންދާ ކަމަށް އިބޫ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ވެރިކަމުގައި އިރާދަކުރެއްވިއްޔާ ރާއްޖޭގެ މަސް ކަނޑުތައް ރައްކާ ކުރެއްވިގެން ދާނެ. ރާއްޖޭގެ މަސް ކަނޑުތަކަކީ، އިކޮނޮމިކް ޒޯނަކީ ހަމައެކަނި ދިވެހިންނަށް މަސްވެރިކަން ކުރެވޭނެ ތަނެއްގެ ގޮތުގައި ހަމަޖެހިގެންދާނެ،" އިބޫ ވިދާޅުވި އެވެ.

ރާއްޖޭގެ މަސްވެރިކަން އިތުރަށް ކުރިއަރުވައި "ސެކަންޑް ޖެނެރޭޝަނަކަށް" ގެންދާނެ ކަމަށްވެސް އިބޫ ވިދާޅުވި އެވެ. އެގޮތުން ބޮޑެތި ދޯނި ފަހަރު ބަނދެ ފްރީޒް ކުރެވެނެ ވަސީލަތްތައް ދޯނިފަހަރުގައި ހަރުކުރަން ބޭނުންވާނެ ފައިސާ، ލުއިލޯނުގެ ގޮތުގައި މަސްވެރިންނަށް ލިބޭނެ ގޮތް ހަމަޖައްސައިދޭނެ ކަމަށް އިބޫ ވިދާޅުވި އެވެ.

ބާނާ މަސް ފަސޭހައިން ކިރޭނެ ގޮތްތައް ރާއްޖޭގެ އެކި ހިސާބުގައި ހަމަޖައްސައިދޭނެ ކަމަށް ވިދާޅުވެ، އިބޫ ވަނީ މަސްވެރިންނަށް ގިނަ ވައުދުތަކެއް ވެ ވަޑައިގެންފަ އެވެ.

"ޑީސަލް އަގުހެޔޮވެގެންދާނެ. އަޅުގަނޑުމެންގެ ވެރިކަމުގައި އިރާދަކުރެއްވިޔާ ޑީސަލްގެ އިމްޕޯޓު ޑިއުޓީ މުޅިން ކަނޑާލެވިގެންދާނެ،" އިބޫ ވިދާޅުވި އެވެ.

އަދި ހުނަރު ޕްރޮގްރާމުގެ ތެރެއިން މަސްވެރިކަމުގެ ސިނާއަތަށް ބޭނުންވާ ހުނަރުވެރިން ތަމްރީނު ކުރާނެ ކަމަށް އިބޫ ވިދާޅިވި އެވެ. އޭގެ ތެރޭގައި މަސްވެރިކަމަށް ބޭނުންވާނެ އިންޖިނިއަރުންނާއި ޓެކްނޮލޮޖީ ބޭނުންކުރާނެ ފަރާތްތައް ހިމެނޭނެ ކަމަށް އިބޫ ވިދާޅުވި އެވެ.

މަސްވެރިކަމުގެ ސިނާއަތަށް ކޮށްދޭނެ ކަންކަމުގެ ތެރޭގައި އެން ދިރުވައި، ރައްކާ ކުރާނެ ގޮތް ހަމަޖައްސައި ދިނުމާއި މަސްވެރިންނަށް ބޭންކްތަކުން ދޫކުރާ ލޯނާއި ކްރެޑިޓް ސްކީމް ތަކުގައި ބައިވެރިވެވޭނެ ގޮތް ހަމަޖައްސައިދޭނެ ކަމަށް އިބޫ ވިދާޅުވި އެވެ.

comment ކޮމެންޓް