އިބޫގެ އުފަން ރަށުން ރައީސް ޔާމީނަށް ހޫނު މަރުހަބާއެއް!

ރައީސް ޔާމީން ހިންނަވަރަށް ވަޑައިގެން ސަޕޯޓަރުންނަށް ސަލާމް ކުރައްވަނީ --- ފޮޓޯ/ ރައީސް އޮފީސް

އިދިކޮޅު ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ އުފަން ރަށް، ޅ.ހިންނަވަރަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވަޑައިގަތުމުން، އެރަށުން އެމަނިކުފާނަށް ހޫނު މަރުހަބާ އެއް ދަންނަވައިފި އެވެ.

ފާދިއްޕޮޅަށް ރައީސް ޔާމީން ކުރައްމުން ގެންދަވާ ދަތުރުފުޅުގައި ހިންނަވަރަށް ވަޑައިގެންނެވި އިރު މަރުހަބާ ދެންނެވުމަށް ގިނަ އަދަދެއްގެ ބަޔަކު އެއްވެފައި ތިއްބެވެ. އަދި އެ މީހުންނަށް ސަލާމް ކުރެއްވުމަށް، ރައީސް ޔާމީން 45 މިނެޓު ވަރު ހޭދަކުރެއްވި އެވެ.

ހިންނަވަރު ކައުންސިލުގެ ރައީސް އަބްދުﷲ އިބްރާހިމް 'ސަން' އަށް ވިދާޅުވީ، އެ ރަށުން ރައީސް ޔާމީންއަށް މަރުހަބާ ދަންނަވަން އާބާދީގެ ބޮޑުބައެއް ނުކުތް ކަމަށެވެ. ހިންނަވަރަކީ އާބާދީގައި 4،800 މީހުން ދިރިއުޅޭ ރަށެކެވެ.

އަބްދުﷲ ވިދާޅުވީ މިހާރު އޮތް ގޮތަށް ބަދަލެއް ނައިސްފި ނަމަ ހިންނަވަރުން ރައީސް ޔާމީން އަށް 65 ޕަސެންޓް ވޯޓު ލިބިގެންދާނެ ކަމަށެވެ.

މިއަދު އެރަށުން މަރުހަބާ ދަންނަވަން ނުކުމެ ތިބީ ހަމަ އެކަނި އެރަށުގެ މީހުން ކަމަށާއި އިތުރު ރަށަކުން މީހަކު ނުގެންނަ ކަމަށް އަބްދުﷲ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، މިހާރު އޮތް ގޮތަށް ބަދަލެއް ނައިސްފި ނަމަ އެ ރަށުން ރައީސް ޔާމީނަށް އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގައި 65 ޕަސެންޓް ވޯޓު ލިބޭނެ ކަމަށެވެ.

ރައީސް ޔާމީން ހިންނަވަރަށް ވަޑައިގެންނެވީ ފާދިއްޕޮޅުގެ ބައެއް ރަށްރަށަށް ސަރުކާރުން ހިންގާފައިވާ މަޝްރޫއުތަކުގެ ނިމުން ފާހަގަ ކުރެއްވުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެރަށުގައި ތިބި އެމަނިކުފާނުގެ ސަޕޯޓަރުންނާ ބައްދަލުކުރެއްވުމަށެވެ.

ހިންނަވަރުގައި ރަސްމީ ޖަލްސާ އެއް، ރައީސް ޔާމީން ނުބާއްވަ އެވެ. ނަމަވެސް، ވަކިން ސަޕޯޓަރުންނާ ބައްދަލުކުރެއްވި އެވެ.

ނައިފަރުގައި ހުންނަވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ހިންނަވަރުގައި ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމަށް ކިހާވަރެއްގެ މަސައްކަތެއް ކޮށްލެވުނުތޯ ބަލާލަން ދާން ބޭނުންވާ ކަމަށެވެ.

"އަޅުގަނޑު އެދެނީ ފާދިއްޕޮޅަކީ ކެންޑިޑޭޓް ނަމްބަރު އެކަކަށް އަންނަ މަހުގެ 23 ވަނަ ދުވަހު ދޭ ވޯޓުގެ އެންމެ ބޮޑު އިންސައްތައެއް ހޯދައިދޭ އަތޮޅަކަށް ހައްދަވައިދެއްވުން. [މިއީ] އަޅުގަނޑު ތިބޭފުޅުން އަރިހުން އެދޭ އިލްތިމާސް." ނައިފަރުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވި އެވެ.

އިދިކޮޅު ކެންޑިޑޭޓް އިބޫގެ ރަނިންގް މޭޓް ފައިސަލް ނަސީމު ހިންނަވަރަށް ވަޑައިގެންނެވުމުން، އޭނާ އަށް ވެސް އެރަށުން ވަރަށް ހޫނު މަރުހަބާއެއް ކިއެވެ.

comment ކޮމެންޓް