ލާރި ހުރިތަން ހޯދަން، އިދިކޮޅުން އަދީބު ކައިރިއަށް ލޯޔަރުން ފޮނުވާ: ރައީސް

ރައީސް ޔާމީން ނައިފަރު ރައްޔިތުންނަށް ސަލާމް ކުރައްވަނީ --- ފޮޓޯ/ ރައީސް އޮފީސް

އިދިކޮޅު ފަރާތްތަކުން ކުރަމުންދާ ކަމަކީ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ކައިރިއަށް ލޯޔަރުން ފޮނުވައިގެން، ފައިސާ ހުރިތަނެއް ހޯދަން މަސައްކަތް ކުރުން ކަމަށް، ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

ފާދިއްޕޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ޅ. ނައިފަރަށް ވަޑައިގެން ރައީސް ޔާމީން ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން އަދީބު ކައިރިއަށް ލޯޔަރުން ފޮނުވައި "ބޭނުންވާ ހުރިހާ ލާރި" އެއް ހުރިތަނެއް ބުނަން އެދޭ ކަމަށެވެ.

"އަހުމަދު އަދީބު ކައިރީ އެބަ ވިދާޅުވޭ ލާރި ހުރިތަން ބުނާށޭ. ތިމަންނަ އިރާދަކުރެއްވިޔާ ހުރިހާ ލާރި އަހުމަދު އަދީބަށް ކޮންމެ ތާކު ހުއްޓަސް ގެނެސްދޭނަމޭ. ދެން އަޅުގަނޑު ވެސް ވަރަށް ރަނގަޅަށް ދަންނަ މީހެއް އަދީބު އެއީ. އަދީބު ޖަވާބަކީ ކޮބައިތޯ؟ ތިމަންނަ މިއީ އެއް އިރަކު ވެސް ލާރި ގެންގުޅުނު މީހެއް ނޫނޭ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ކުރަން އުޅޭ ކަމަކީ އަދީބު އަތުން ކެމްޕެއިނަށް ބޭނުންވާ ލާރި ހޯދުން ކަމަށާއި އެކަމަކު އެކަން އެމީހުންނަށް ނުވި ކަމަށެވެ.

"އެމީހުން [އިދިކޮޅު މީހުން] އަތަށް ކުނިއަޅާނެ ޑަސްބިނެއް ދިނަސް އަނެއްދުވަހު ޑަސްބިން ވީތަކެއް ނޭންގޭނެ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ނައިފަރަށް ވަޑައިގަތުމުން އެރަށުން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފަ އެވެ. އެ ހޫނު މަރުހަބާ ވޯޓަށް ބަދަލު ކޮށްދިނުމަށް ރައީސް ޔާމީން، ނައިފަރު ރައްޔިތުންގެ ކިބައިން އެދިވަޑައިގެންނެވި އެވެ.

އިދިކޮޅު ކޯލިޝަނަށް ކަންކަން ނުކޮށްދެވޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި "މިހާރު ކިޔަނީ ކޯލިޝަނެއް ނޫން ކޯޅޭޝަން" ކަމަށް ވިދާޅުވެ، އިދިކޮޅު ފަރާތްތަކަށް ރައީސް ޔާމީން ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

"[ކޯޅޭޝަނޭ ކިޔަނީ] އެއީ އަބަދު ކޯޅޭތީ، އަބަދު ކޯޅޭ މީހުން ކަމުގައި ވާތީ. އެބޭފުޅުން ވިދާޅުވޭ ތިމަންނަމެން ފަހުރުވެރި ވަމޭ. އެކަމު ކިހިނެތްތޯ ފަހުރުވެރި ވާނީ މިއީ އެއްބަޔަކު އަނެއްބަޔަކު ކަރު ހިފަން އިއްޔެއާ ޖެހެންދެން ތިބި ބައެއް. މިހާރު ވެސް ދޫކޮށްލައިފި ކަމަށްވަންޏާ ގާސިމް ބަނޑު މުސާރަ އަށް ބައްދާނެ ވެރިކަމަށް އައުމަށްޓަކައި،" ރައީސް ޔާމީން ވިދާޅުވި އެވެ.

އިދިކޮޅުން އަދީބު އަތުން ލާރި ހޯދަން މަސައްކަތް ކުރާ ކަމަށް ރައީސް ޔާމީން ވިދާޅުވި އިރު، އެމްއެމްޕީއާރުސީ ކޮރަޕްޝަނުގައި އެއްމެ އިސްކޮށް ހަރަކާތްތެރިވީ އަދީބު ކަމަށް ރައީސް ޔާމީން ވިދާޅުވެ އެވެ. ރައީސް ޔާމީން ވިދާޅުވާ ގޮތުން، އެ ކޮރަޕްޝަނުގެ ލާރިތައް ވެސް ހުރީ އަދީބު އަތުގަ އެވެ.

comment ކޮމެންޓް