ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ނިސްބަތްކޮށް ވަގަށް ގޮވަނީ އެއްވެސް ހެއްކެއް ނެތި ކަމަށާއި، އެގޮތަށް ގޮވާ މީހުންނާ ސުވާލު ކުރެވޭ ދުވަސް އަންނާނެ ކަމަށް، ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު މިއަދު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ މައި އޮފީސް ސަކީނާ މަންޒިލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުުވުމުގައި ނިހާން ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން "ވަރަށް ރީތި ކެމްޕޭނެއް ކުރާ" ކަމަށް މީޑިއާތަކުގައި ބުނެފައިވާ ކަމަށެވެ. އަދި އެންމެ ރީތި ކެމްޕޭނަކީ އެއްވެސް ހެއްކެއް ނެތި މީހުންނާ ދިމާއަށް ވަގަށް ގޮވުންތޯ ނިހާން ސުވާލު ކުރެއްވި އެވެ.
"ދުރޫސުލް އަހުލާގުގެ ގޮތުގައި މާރިއާ އާއި މުހައްމަދު ނަޝީދާއި، އިބްރާހިމް މުހައްމަދު ސޯލިހާއި، މި ބޭބޭފުޅުން ޒަމާނުއްސުރެ ދެކެވަޑައިގަންނަވާ ގޮތަކީ ސާބިތު އެއްވެސް ހަމައެއް ލަމައެއް ނެތި ހަމަ އިންސާނެއްގެ އަބުރު ކަތިލުމަށްޓަކައި ވަގަށް ގޮވުން ހެއްޔޭ؟" ނިހާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ އަބުރު ރައްކާތެރި ކުރުމުގެ ގާނޫނު، އިދިކޮޅު ފަރާތްތަކަށް ހަނދާން ކޮށްދޭން ބޭނުންވާ ކަމަށެވެ. އަދި ސާބިތު ހެއްކެ ނެތި ޕީޕީއެމާއި، ރައީސް ޔާމީނަށް ވަގަށް ގޮވާކަމުގެ ވީޑިއޯ، ފޮރުވާފައި ހުންނާނެ ކަަމަށާއި އެމައްސަލަތަކާއި ސުވާލު ކުރެވޭ ދުވަސް އަންނާނެ ކަމަށް ނިހާން ވިދާޅުވި އެވެ.
"ގަޑި ޖެހުނީމަ އެބޭފުޅުން ވިދާޅު ނުވާތި ތިއީ ކެމްޕެއިން ފޯރީގައި ތިމަންނާ ބުނެލި އެއްޗެކޭ،" ނިހާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ޕާޓީގައި ހިތްވަރުގަދަ ފަހުލަވާނުން އެބަތިބި ކަމަށާއި އިދިކޮޅު ފަރާތްތަކަށްވުރެ ބާރަށް އަޑު ގަދަކޮށް ވަގަށް ގޮވޭނެ މީހުން ވެސް ތިބި ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން ދައްކަމުން ދާ ވާހަކަތަކަކީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަން ސާބިތު ކޮށް ދިނުމަށް ތައްޔާރަށް ހުންނެވި ކަމަށް މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވެފައި ވާތީ އެކަމާ ގުޅޭގޮތުން ވެސް ނިހާން ވާހަކަ ދެއްކެވި އެވެ.
ނިހާން ވިދާޅުވީ، ފަލާހު އަދި ޕީޕީއެމްހެ ސެކެޓްރީ ޖެނެރަލް، ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ހަލީލު ވެސް ހުންނެވީ އިދިކޮޅު ފަރާތްތަކުން ބުނި ތަނަކަށް ގޮސް އެވާހަކަ ދައްކައި އެކަން ސާބިތުކޮށްދިނުމަށް ތައްޔާރަށް ކަމަށެވެ.