އަޅުގަނޑުގެ ދެފައި ނުބަނދެ އިންތިހާބަކާ ހަމައަށް ދިއުމަކީ އިދިކޮޅުން ކުރި މޮޔަކަމެއް: ރައީސް

ރައީސުލްޖުމްހޫރިއްޔާ ރ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް

ފައިސާގެ މައްސަލައެއް އޮތް ނަމަ އެކަމުގައި ޖަވާބު ދާރީ ނުކުރުވައި "ދެފައި ނުބަނދެ" އިންތިހާބަކާ ހަމައަށް އައުމަކީ އިދިކޮޅު ފަރާތްތަކުން ކުރި މޮޔަކަމެއް ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެ އެވެ.

މާޅޮސްމަޑޮލު އުތުރުބުރިއަށް ރައީސް ޔާމީން ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު އިނގުރައިދުއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އިންތިހާބަކަށް ދިއުމުގެ ކުރިން އެމަނިކުފާނު ޖަވާބު ދާރީ ކުރުވަން އިދިކޮޅުން މަސައްކަތް ކުރަން އެނގިވަޑައިގަންނަވަން ވާނެ ކަމަށެވެ.

"އެނގިވަޑައިގަންނަވާނެ އަޅުގަނޑާއެކީ މި ވޯޓު ކަރުދާސް ކޮޅާ ހަމައަށް އަންނަ އިރު ރައްޔިތުންގެ ވިސްނުމުގެ ތަރާދުން ކިރާނީ އެމީހުންނަށް ކަންތައްތައް ކޮށްދީފައި ހުރީ ކާކުތޯ." ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ ތަހުތަށް އިންތިޒާރު ކުރައްވާ ހުރިހާ ބޭފުޅުންގެ ވިސްނުން ފުޅުގައި ހުރީ ވޯޓާ ހަމައަށް އެމަނިކުފާނު އަޔަ ނުދިނުން ކަމަށެވެ.

ރައްޔިތުންނާ ހަމައަށް އަންނަން އެމަނިކުފާނު ދޫކޮށްލަން ނުވާނެކަން އިދިކޮޅު ފަރާތްތަކަށް އެނގިވަޑައިގަންނަވާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"ކުރި ހުރިހާ މަސައްކަތެއް ކުރީ މިދެންނެވި ކަންކަމުގައި އަޅުގަނޑަށް ހުރަސް އަޅަން. އެއް ފަހަރަށް ވުރެ ގިނަ ފަހަރު އެބޭފުޅުންގެ ޕްލޭންތައް ކާމިޔާބުވި ނަމަ އަޅުގަނޑު ވެރިކަމަކު ނުހުރީސް." ރައީސް ޔާމީން ވިދާޅުވި އެވެ.

ޕްލޭންތައް ހަދައިގެން އިދިކޮޅި ރައީސް މަގާމުން ދުރުކުރަން މަސައްކަތް ކުރީ ދައުރު ހަމަވަންދެން އެމަނިކުފާނު ވެރިކަމުގައި ބަހައްޓައިފި ނަމަ އެހެން ސިޔާސީ މީހަކަށް ފުރުސަތު ނެތްކަން އެނގޭތީ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީނު ވިދާޅުވީ "ރައްޔިތުން ޖަޒުބާތުގައި ޖައްސަން" ނިންމަވައިގެން އިދިކޮޅުން ނުކުމެ ތިބި ކަމަށާއި އެމީހުން މެނިފެސްޓޯއެއް ނޯންނާނެ ކަމަށެވެ.

"ތޭވީހުގެ ވޯޓަށް ވަޑައިގަންނަވާ އިރު އަޅުގަނޑު ދަންވާލަން ބޭނުންވަނީ ޖަޒުބާތުތަކުގައި ޖެހިވަޑައި ނުގަންނަވާށޭ. އެދައްކަވާ ވާހަކައިގެ މަސްތުގައި ޖެހިވަޑައި ނުގަންނަވާށޭ." ރައީސް ޔާމީން ވިދާޅުވި އެވެ.

ޖަޒުބާތު އުފެއްދުމަށްޓަކައި އެމްޑީޕީން ދައްކާ ވާހަކަ ވަރަށް ގިނަ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

އޭގެ ތެރޭގައި ގެއްލިފައި ހުރި ފައިސާގެ ވާހަކަ ދައްކާ ކަމަށާއި ހާއްސަކޮށް މި ސަރުކާރަށް އަމާޒުކޮށްގެން އެވާހަކަ ދައްކާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި ވިދާޅުވީ "އެއަށް ވުރެ އުފާވާނެ ކަމެއް ނޯންނެ" ކަމަށެވެ.

"ކުރީގައި ވެސް އެބޭފުޅުން އެކަހަލަ ވާހަކަ ދެއްކެވި. އެބޭފުޅުންނަށް ވެރިކަން ލިބިވަޑައިގެންނެވި އެކަމަކު އެބޭފުޅުންނަށް އެކަމެއް ހަގީގަތަކަށް ނުހެއްދެވުނު. މިހާރު ވެސް އެވާހަކަ ދައްކަވާނެ. އެއީ ރައްޔިތުންނަށް އެބޭފުޅުންގެ ޖަޒުބާތު ކައްކާލަން ދައްކާ ވާހަކަ." ރައީސް ޔާމީން ވިދާޅުވި އެވެ.

comment ކޮމެންޓް