ޕީޕީއެމުން ވަކިވި 12 މެމްބަރުންގެ ބަހެއް އިދިކޮޅު އޮޑީގައި ނުވިކޭނެ: ރައީސް

26 އޮގަސްޓް 2018: ރައީސް ޔާމީން ތ. ގުރައިދޫއަށް ވަޑައިގަތުން -- ފޮޓޯ/ ރައީސް އޮފީސް

ޕީޕީއެމްގެ އޮޑިން ފުންމާލައިގެން ދިޔަ 12 މެމްބަރުން އިދިކޮޅު އޮޑީގައި ވެއްޖެ ކަމަށާއި އެ އޮޑީގައި އެމީހުން އުޅުނަސް އެމީހުންގެ ބަހެއް ނުވިކޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެ އެވެ.

މާޅޮސްމަޑުލު އުތުރުބުރިއަށް ރައީސް ޔާމީން ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު އިންނަމާދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ޕީޕީއެމުން މެމްބަރުން ބަލައިގަތް ގޮތަކަށް އެއްވެސް ޕާޓީއަކުން މެމްބަރުން ބަލައި ނުގަންނާނެ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ އޮޑިން ފުންމާލައިގެން އިދިކޮޅުގެ އޮޑިއަށް އެރި 12 މެމްބަރުންނަށް އިދިކޮޅު "އޮޑިން ދިޔަ ހިއްކާލަން ފައެއް ވެސް ދޭނެހެން ހީ ނުވޭ" ކަމަށެވެ.

"އޮޑީގައި އެމީހުން އުޅޭނެ އެމީހުންގެ ބަހެއް ނުވިކޭނެ." ރައީސް ޔާމީން ވިދާޅުވި އެވެ.

ބާރަ މެމްބަރުން ވަކިވެގެން ދިޔައީ އަސްލަށް އިންކާރުކޮށް އަސްލު ސިފަ ދޫކޮށްލާފައި ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. "އެހެންވީމާ އެމީހުން ޖެހޭނީ އެމީޙުންގެ ގޮނޑި ދޫކޮށްލަން" ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

އެމީހުން ވަކިވީމާ ދެން އެމީހުން އަނެއްކާ ވެސް ހޮވެން ޖެހޭނީ އަމިއްލަ ނަފްސަައިގެން ނުކުމެ މަސައްކަތެއް ކޮށްލައިގެން ކަމަށް ވިސްނި ކަމަށާއި އެމީހުންގެ ގޮނޑިތައް ހުއްޓަސް ގޮނޑިތަކުގައި އިށީންނާނެ މީހުންނެއް ނުވި ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ސިޔާސީ ލީޑަރުންގެ ވިސްނުމުގެ ފަހަތުގައި ވަނީ އެމީހުންގެ އަމިއްލަ އެދުން ކަމަށާއި އެއީ ގިނަ ސިޔާސީ ލީޑަރުންގެ ވިސްނުން ކަމަށެވެ. އެ އަމިއްލަ އެދުން ފުއްދުމަށް ޓަކައި އެ ފަހަރަކު ޖައްސަން ޖެހުނު ކުލައެއް ޖައްސަމުން ދާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"ވަރިހަމަ ދުވަހަކު ވެސް ރީނދޫ ކުލައާއި ރަތް ކުލައާ ނުގުޅުނަސް. ރީ ދޫ ކުލައާ ރަތް ކުލައާވެސް ގުޅޭނެ. މިކަހަލަ ކިތައް ސިޔާސީ ލީޑަރުންތޯ ވިދާޅުވީ މިއަދު އަޅުގަނޑުމެންނަށް އިވިގެން ދިޔަ ވާހަކަ. މުއުމިނެއްގެ ގަޔަކަށް އެއް ހޮރަކުން ދެފަހަރު ކައްޓެއް ނުޖެހޭނޭ. މިކަހަލަ ކިތައް މުއުމިނުންތޯ ސިޔާސީ ލީޑަރުންގެ ތެރޭގައި މިއަދު ތިބީ." ރައީސް ޔާމީން ވިދާޅުވި އެވެ.

އެއް ކައްޓަށް ވުރެ ގިނަ ކަށި އެ ހޮރުން ޖެހި ލީޑަރުން އަނެއްކާ ވެސް އެ ހޮރަށް ވަދެ ތިބި ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އެހެންވީމަ މިހާރު އެބަސް ބަދަލުވާން ވެއްޖެ ކަމަށް ވިދާޅުވި އެވެ.

"މުއުމިނެއްގެ ގަޔަކަށް ނޫން އެއް ހޮރަކުން އެއް ފަހަރަށްވުރެ ގިނަ ކަށި ނުޖެހެންވީކީ. ފުރިހަމަ މުއުމިނުން ގަޔަށް." ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތުން އިދިކޮޅު ކޯލިޝަނުގައި ތިބި އެހެން ސިޔާސީ ލީޑަރުންގެ ބަހެއް އެމްޑީޕީގެ މައްޗަކަށް ނުވިކޭނެ އެވެ.

ރައީސް ޔާމީންގެ ސަރުކާރުގައ ފައިސާތަކެއް ގެއްލިފައިވާ ކަމަށް ބުނެ އެފައިސާ ހޯދަން އެމްޑީޕީން ފާސްކުރި ގަރާރަށް ވެސް ރައީސް ޔާމީން ވަނީ ފާޑު ވިދާޅުވެފަ އެވެ. ވިދާޅުވީ އެ ފައިސާ ހޯދަން އެމީހުން ކުރަން ޖެހޭނެ މަސައްކަތެއް ނޯންނާނެ ކަމަށާއި "އެ ފައިސާތަކެއް ނުވެސް ހޯދޭނެ" ކަމާށެވެ.

"އެއީ އެންމެ ގިނަ ފައިސާ ގެއްލިފައި ހުރީ އެބޭފުޅުންނާ ގުޅިގެން. އެބޭފުޅުންގެ ސަރުކާރުގައި އެންމެ ގިނަ ފައިސާ ގެއްލިފައި ހުރީ. އެބޭފުޅުން އުފައްދާ ކޮންމެ ރައުސުލްމާލެއް އެބޭފުޅުންނަށް އެނގެނީ ވިއްކާލަން ކިއްޔަށް ދޭން." ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވަނީ ރިޔާސީ އިންތިހާބުގައި 23 ވަނަ ދުވަހު ބާއްވާ ވޯޓުގައި އެމަނިކުފާނަށް ވޯޓު ދެއްވުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.

comment ކޮމެންޓް