ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ޚިދުމަތަށް ކޫރުން އެޅޭފަދަ ވާހަކަ ނުދައްކަން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމު އިލްތިމާސް ކުރައްވައިފިއެވެ.
މިރޭ ރ. ދުވާފަރުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރައީސް މައުމޫނަކީ ރާއްޖެއަށް ޚިދުމަތްތެރި ބޭފުޅެއް ކަމަށެވެ.
"އަޅުގަނޑު އިންނަ ޖަލްސާއެއްގައި އަޅުގަނޑާއެކު ވަހަފުޅު ދައްކަވާ ހުރިހާ ބޭފުޅުންވެސް ރައީސް މައުމޫނުގެ ޚިދުމަތަށް އެއްވެސްކަހަލަ ކޫރުމެއް އެޅޭފަދަ އެއްވެސް ވާހަކައެއް ނުދެއްކެވުން،" ރައީސް ވިދާޅުވިއެވެ.
"ރައީސް މައުމޫނަކީ ރާއްޖެއަށް ޚިދުމަތްތެރި ބޭފުޅެއް. ރައީސް މައުމޫނަކީ ރާއްޖެ ތަރައްގީ ކުރެއްވި ބޭފުޅެއް. ރައީސް މައުމޫނަކީ ދުވާފަރުވެސް ތަރައްގީ ކުރެއްވި ބާނީ. ރައީސް މައުމޫނަކީ އިގްތިސާދީ ކުރިއެރުންވެސް އަދި އިޖްތިމާއީ ހަމަޖެހުންވެސް އަދި ތައުލީމީ ދާއިރާވެސް އަޅުގަނޑުމެން ހީނުކުރާ ހިސާބަށް ކުރިއަށް ގެންދެވި ބޭފުޅެއް. ހިދުމަތްތަކެއް ކުރެއްވި ބޭފުޅެއް،"
ސަރުކާރު ބަދަލުކުރަން މަސައްކަތް ކުރުމުގެ ތުހުމަތުގައި ފުލުހުންގެ ބަންދުގައި ހުންނެވި އެއްބަފާ ބޭބޭ ފުޅަށް އިޝާރާތްކުރައްވާ ރައީސް ވިދާޅުވިއެވެ.
ރައީސް މައުމޫނުގެ ސަރުކާރު 2008 ވަނަ އަހަރު ބަދަލުކުރީ ތަރައްގީ އަންނަ މިންވަރު އަވަސް ކުރަން ކަމަށާއި ނަމަވެސް އެކަން އެގޮތަށް ނުހިނގި ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ ތިން އަހަރުގެ ވެރިކަމަށް އިޝާރާތް ކުރައްވާ ރައީސް ޔާމީން ވިދާޅުވީ ރައީސް ނަޝީދު ވެރިކަން ދޫކޮށްލެއްވީ "މިއީ ތިމަންނަ އަށް އުޅެވޭ ވަރުގެ ރޭހެއް ނޫނޭ، ތިމަންނަގެ ކުރިން މި މަގާމު ފުރީ ހާދަ ފުންނާބު އުސްމީހެކޭ" ވިދާޅުވެ ކަމަށެވެ.
ރައީސް މައުމޫމަށް އިޝާރާތްކުރައްވާ މި ސަރުކާރަށް ތާޢީދު ކުރައްވާ ބައެއް ބޭފުޅުން "އިހާނަތި" ބަސްތައް ރައްދު ކުރާތީ އެކަން އެގޮތަށް ނުކުރެއްވުމަށް ރައީސް ވަނީ އެދިލައްވައިފައެވެ.
އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ރައީސް މައުމޫނުގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލައިފައެވެ.
މިހާރު އެމަނިކުފާނު ހުންނެވީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއްގައެވެ. އެއީ ފުލުހުންގެ ތަހުގީގަށް ފޯނު ނުދިން ކަމަށް ޝަރީއަތަށް ސާބިތުވުމުންނެވެ. އެ މައްސަލާގައި މައުމޫންގެ މައްޗަށް އުފުލީ އަދުލު އިންސާފު ގާއިމްކުރުމަށް ހުރަސްއެޅުމުގެ ދައުވާއެވެ.
ރައީސް މައުމޫންގެ ސިއްހީ ހާލަތު ގޯސްކަމަށް އެމަނިކުފާނުގެ ވަކީލުން ވިދާޅުވާއިރު މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފައިވަނީ މައުމޫނަށް ދޭންޖެހޭ ސިއްހީ ފަަރުވާ ފޯރުކޮށްދެމުންދާ ކަމަށެވެ.