އިދިކޮޅު ކޯލިޝަންގެ ވެރިކަމެއްގައި ރާއްޖެއިން ހިލޭ މަތީ ތައުލީމު ހާސިލް ކުރެވޭނެކަމަށް އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހް (އިބޫ) ވިދާޅުވެއްޖެއެވެ.
ސްރީލަންކާގައި ދިރިއުޅޭ އިދިކޮޅު ސަޕޯޓަރުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން އިބޫ މިއަދު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި ރާއްޖެއިން މަތީ ތައުލީމު ހާސިލުކުރާ ދަރިވަރުންނަށް ހިލޭ ކިޔެވުމުގެ ފުރުސަތު ދެއްވާނެ ކަމަށެވެ. އަދި ބޭރުގެ ބޭނުން ގައުމަކުން ކިޔެވުމަށް ލޯނުގެ ފުރުސަތުތައް ހުޅުވާލާނެ ކަމަށް އިބޫ ވިދާޅުވިއެވެ. މި ލޯނަކީ އިންޓްރެސްޓު ކުޑަ ދިގު މުއްދަތަކުން ދައްކާގޮތަށް ދޭ ލޯނެއްކަމަށްވެސް އިބޫ ވިދާޅުވިއެވެ.
މި ޖަލްސާގައި އިބޫ އިތުރަށް ވިދާޅުވީ އާސަންދައިގެ ހިދުމަތް ރާއްޖެއިން ބޭރުގައި ދިރިއުޅޭ ފަރާތްތަކަށްވެސް ފަސޭހަކަމާއެކު ތަފާތެއް ނެތި ލިބޭނެގޮތް ހަމަޖައްސަވާނެ ކަމަށެވެ. އަދި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދުމަށް ސަލާން ޖެހުން ހުއްޓުވާނެ ކަމަށްވެސް އިބޫ ވިދާޅުވިއެވެ.
މީގެ އިތުރުން އިދިކޮޅު ވެރިކަމެއްގައި ގަތަރާއި އީރާނާ އެކު އަލުން ގުޅުން ބަދަހިކޮށް ކޮމަންވެލްތާ އަލުން ގުޅުން ގާއިމް ކުރާނެކަމަށް ވެސް އިބޫ ވިދާޅުވިއެވެ. އިންޑިއާ ކަނޑަކީ ދުނިޔޭގެ ސުލްހައަށް މުހިންމު ދައުރެއް އަދާކުރާ ތަނަކަށް ވާއިރު، ރާއްޖޭގެ ހާރިޖީ ސިޔާސަތުތައް ވެސް ބައްޓަން ކުރަން ޖެހޭނީ އިންޑިއާގެ ކަނޑުގެ ސަލާމަތަށް ބިރު ބޮޑުނުވާ ގޮތަށް ކަމަށް އިބޫ ވިދާޅުވިއެވެ. އަދި ވިދާޅުވީ އިންޑިއާ އާއި ލަންކާއާއެކު އޮތް ގުޅުން މިހާރަށްވުރެ ރަނގަޅު ކޮށް އެދެގައުމުގައި ދިރިއުޅޭ ދިވެހީންނަށް ފަސޭހަގޮތްތައް ފަހިކޮށްދެއްވާނެ ކަމަށެވެ.