ކުންފުނިތަކުގެ ބޯޑުން 50 ޕަސެންޓް ޖާގަ އަންހެނުންނަށް ދޭނަން: ރައީސް

އޮގަސްޓް 15: ރައީސް ޔާމީން ތ. ދިޔަމިގިލީގެ ނަރުދަމާ ނިޒާމުގެ ޚިދުމަތް ފައްޓަވައި ދެއްވުމާއި ދިޔަމިގިލީގެ ރައްޔިތުންނާ ބައްދަލުކުރެއްވުން -- ފައިލް ފޮޓޯ/ ރައީސް އޮފީސް

އިތުރު ދައުރެއްގައި ވެރިކަން ކުރަން ލިބިއްޖެ ނަމަ ކުންފުނިތަކުގެ ބޯޑުން 50 ޕަސެންޓް ޖާގަ އަންހެނުންނަށް ދޭން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވައުދުވެވަޑައިގެންފި އެވެ.

މާޅޮސްމަޑުލު އުތުރުބުރިއަށް ރައީސް ޔާމީން ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހުޅުދުއްފާރަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އަންހެން ބޭފުޅުން އެކަހަލަ މަސައްކަތްތަކަށް ނުކުމެ ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ކުންފުނިތަކުގެ ބޯޑުގެ 50 ޕަސެންޓަކީ އަންހެނުން ކަމަށް އަޅުގަނޑު ކަށަވަރު ކުރާނަން." ރައީސް ޔާމީން ވިދާޅުވި އެވެ.

ދާއިރާތަކުގެ އަންހެނުން ހާލަތު ބަޔާންކޮށްދިނުމަށް އަންހެނުންގެ ހައްގުގައި ވަކާލާތު ކުރުމަށް އަންހެނުން ސިޔާސީ މައިދާނަށް ވެސް ނުކުންނަން ޖެހޭ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"އަންހެން ބޭފުޅުން އެބަޖެހޭ ހިތްވަރެއް ކޮށްލައްވައިގެން ދާއިރާތަކުން އަންހެނުންނާއި ކުޑަކުދިންގެ ހައްގުތައް އަޅުގަނޑުމެންގެ ކަންފަތްތަކާ ހަމައަށް ގެނައުމުގައި ބިލުތައް ފަރުމާ ކުރުމަށް ޓަކައި ބިލުތަކަށް ގެންނަން ބޭނުންވާ ބަދަލު ގެނައުމުގައި އަންހެނުންނާއި ކުޑަ ކުދިންގެ މައްސަލަތަކަށް އެޑްރެސް ކުރެވޭނެ ގޮތް ހަދަން އެބަޖެހޭ ނޫންތޯ." ރައީސް ޔާމީން ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގައި ވެސް އެކަށީގެންވާ އަދަދެއްގެ ގޮނޑިތަކެއްގައި އަންހެނުން ތަމްސީލު ކުރެއްވުމަކީ ކުރައްވާ އުންމީދެއް ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"އަޅުގަނޑު ދެކެން ބޭނުން ވަނީ އަންހެން ބޭފުޅުން ސިޔާސީ މައިދާނުގައި މަސައްކަތް ކުރައްވައި އަދި މަޖިލީސްތަކުން ނިންމާ ގާނޫނުތައް ހައްދަވާ އިރު އަންހެން ބޭފުޅުންގެ ހިޔާލުތަކާއި އަދި އަޅުގަނޑުމެންނަށް ދަތި ވެފައި ހުރި ކަންކަމުގެ ހައްލު އަންހެނުން ބޭފުޅުން ވިސްނަވާ ގޮތްތައް ވެސް މަޖިލީހުން ފާސްވެގެންދާ ބިލުތަކުގެ ތެރެއަށް އައިސް ނިމި ދިޔުން." ރައީސް ޔާމީން ވިދާޅުވި އެވެ.

comment ކޮމެންޓް