އިތުރު ފުރުސަތެއް އެމްޑީޕީއަށް ދޭން ޖެހޭ ސަބަބެއް ނުވިސްނޭ: ރައީސް ޔާމީން

ރ. އަތޮޅަށް ރައީސް ޔާމީން ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އަލިފުށީގައި --- ފޮޓޯ/ ރައީސް އޮފީސް

އިދިކޮޅު ފަރާތްތަކަށް އަދި އެމްޑީޕީއަށް އިތުރު ފުރުސަތެއް ރައްޔިތުން ދޭން ޖެހޭ ސަބަބެއް ނުވިސްނޭ ކަމަށް ރައީށް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެ އެވެ.

މާޅޮސްމަޑުލު އުތުރުބުރިއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު އަލިފުއްޓަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމްޑީޕީން މީގެ ކުރިން ދައްކާފައި ހުރި ވާހަކަތަކާއި އަމަލުކޮށްފައި ހުރި ގޮތާއި ކޮށްދިން ކަމަކާއި ކޮށް ނުދޭ ކަމެއް ލޯމަތިން ފެންނަން ހުރި ކަމަށެވެ.

"އެހެންވީމާ އަޅުގަނޑަކަށް ނުވިސްނޭ އެމީހުން އައިސް އިތުރު ޖާދުލެއްގައި ޖައްސާކަށް ތިޔަ ބޭފުޅުން ފުރުސަތު ދެއްވަން ޖެހޭ ސަބަބެއް އަޅުގަނޑަށް ހަމަ އެއްގޮތަކަށް ވެސް ނުވިސްނޭ." ރައީސް ޔާމީން ވިދާޅުވި އެވެ.

ރ. އަތޮޅަށް ރައީސް ޔާމީން ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އަލިފުށީގައި --- ފޮޓޯ/ ރައީސް އޮފީސް

އެމްޑީޕީން މިގައުމުގެ ވެރިކަމުން ފޭބި އިރު އިގްތިސާދު ދަށްވެ ގައުމު އޮތީ ބޮޑުތަނުން ދަރަނިވެރިވެފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އެހެންވީމާ މިއަދު އިގްތިސާދުގެ ވާހަކަ ދައްކަން އެމްޑީޕީ މީހުން ލަދު ގަންނަން ޖެހޭ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

އަދި އެމްޑީޕީ ވެރިކަމުގައި ޖަލު ގޮޅިތަކުން ޒުވާނުން ހޯދި ޖާގަ ފިޔަވައި ޒުވާނުންނަށް ދެވުނު ފުރުސަތެއްގެ ވާހަކަ ދައްކަން އެމްޑީޕީ އަށް ނުކެރޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"އެހެންވީމާ އިގްތިސާދީ ވާހަކައާއި ޒުވާނުންގެ ވާހަކަ ދައްކަން އެހެން ބަޔަކު އަންނަ ކަމަށް ވަންޏާ އަންނަން ވާނީ އަޅުގަނޑުގެ ހިޔަނީގެ ދެތިން މޭލު ފަހަތުން. އެބޭފުޅުންނަކަށް މި ވާހަކައެއް ނުދެއްކެވޭނެ." ރައީސް ޔާމީން ވިދާޅުވި އެވެ.

އިންތިހާބުތަކާ ހަމައަށް އައިމާ ޖައްވުގައި އަޅާ ވައިރަސްއަށް ޖާގަ ނުދެއްވުމަށް ރައީސް ޔާމީން ވަނީ އެދިވަޑައިގެންފަ އެވެ.

އެމްޑީޕީގެ ސަރުކާރުގައި ޖީއެމްއާރަށް އެއާޕޯޓު ކުއްޔަށް ދިން މައްސަލައާ ބެހޭ ގޮތުން ވެސް ރައީސް ޔާމީން ވަނީ ވާހަކަފުޅު ދައްކަވައިފަ އެވެ. ވިދާޅުވީ އޭރު ޖީއެމްއާރު މައްސަލާގައި އެންމެ ބޮޑަށް ވަކާލާތު ކުރެއްވި ބޭފުޅުން މިއަދު "އަނެއް އޮޑީގައި ކަނބާތަން ފެންނަ" ކަމަށެވެ.

ރ. އަތޮޅަށް ރައީސް ޔާމީން ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އަލިފުށީގައި --- ފޮޓޯ/ ރައީސް އޮފީސް

އެހެންވީމާ އެމީހުންނަށް ކުރިން ހޯދައި ނުދެވުނު އިންސާފެއް މިހާރު ހޯދައި ނުދެވޭނެ ކަމަށް ވިދާޅުވެ މި ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދާއި މިނިސްޓަރުންގެ ގޮތުގައި މި ސަރުކާރުގައި ތިއްބެވި މިނިސްޓަރުގެ ތެރެއިން މަލީހު ޖަމާލު އަދި އަބްދުﷲ އަމީނުގެ ނަން ރައީސް ވިދާޅުވި އެވެ.

އަދި ވިދާޅުވީ ޖީއެމްއާރު އެއާޕޯޓުން ދިވެހިންނަށް ލިބެން އޮތީ ކިހާވަރެއްގެ ގެއްލުމެއް ކަން އެ ތިން ބޭފުޅުންނަށް އެނގިވަޑައިގެންނަވާނެ ކަަމަށެވެ.

"މިއަދު ކީއްވެގެންތޯ ރައްޔިތުން ކައިރީ އެވާހަކަ ނުދައްކަވަނީ. އޭރު ވެސް މިހާރު ވެސް އެއްގޮތަކަށް ހުރެ އެވާހަކަ ދައްކަން ހުރި މީހަކީ އަޅުގަނޑު. އެހެންވީމަ އަޅުގަނޑު އެވާހަކަ ދައްކަން ޖެހެނީ. އަޅުގަނޑު އެވާހަކަ ދައްކާނަން." ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ގައުމަށް ހެޔޮއެދޭ ބައެއް ނަމަ ޖީއެމްއާރަށް އެއާޕޯޓު ކުޔަށް ދީގެން ވީ ގެއްލުމުގެ ވާހަކަ އެމީހުން ދައްކަން ޖެހޭ ކަމަށެވެ.

comment ކޮމެންޓް