އެއްތިގިލީގައި ރިސޯޓެއް ހަދާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

ރައީސް ޔާމީން ރ. އަލިފުށީ ރައްޔިތުންނަށް ސަލާމް ކުރައްވަނީ --- ފޮޓޯ/ ރައީސް އޮފީސް

ރ. އަތޮޅު އަލިފުއްޓާއި އެއްފަޅެއްގައި އޮންނަ އެއްތިގިލީގައި ރިސޯޓެއް ހަދާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެއެވެ.

ރ. އަތޮޅަށް ރައީސް ޔާމީން ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އަލިފުއްޓަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މި ސަރުކާރުން އަބަދުވެސް އައީ ޒުވާނުންނަށް ވަޒީފާ ހޯދައިދޭނަމޭ ދަނަންވަމުން ކަމަށެވެ.

އަދި މި ސަރުކާރުން މިހާރުވެސް 76،000 އަށްވުރެ ގިނަ ވަޒީފާ ހޯދައިދީފައި ވާނެ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ. މިހާރުވެސް ރ. އަތޮޅުގައި ޓުއަރިޒަމްގެ އެތަށް ރަށެއް އޮތް ކަމަށް ވިދާޅުވެ އަލިފުށީގެ ރައްޔިތުންގެ އިންތިޒާރަށް ނިމުމެއް ގެނެސްދެއްވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

"އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ ކަށަވަރު ކުރައްވާށޭ. ރ. އަތޮޅަކީ ޓުއަރިޒަމްގެ މަންޒިލެކޭ. އެހެންވީމަ އަލިފުށީ ކައިރީގައި އެއްތިގިލީގައި ރިސޯޓު ހަދާނެ އޭ. މީގެ ބޭނުމަކަށް ވަނީ މިތާގެ ޒުވާނުންނަށް ވަޒީފާ ހޯދައިދިނުން." ރައީސް ޔާމީން ވިދާޅުވިއެވެ.

އަލިފުށި އަދި އެ ރަށާއި އެއް ފަޅެއްގައި އޮންނަ އެއްތިގިލި: އެއްތިގިލީގައި އެއާޕޯޓެއް ހަދައިދޭނެ ކަމަށް ރައީސް ޔާމީން މިއަދު ވިދާޅުވި ---

ރައީސް ޔާމީން ވިދާޅުވީ އެއްތިގީލީގައި ރިސޯޓު ހެދުމުން އަލިފުއްޓަކީ އުފާވެރި ރައްޔިތެއް ދިރިއުޅޭ ރަށަކަށް ވެގެން ދާނެ ކަމަށެވެ.

އިގްތިސާދީ ވާހަކައާއި ޒުވާނުންގެ ވާހަކަ ދައްކަން އެހެން ބަޔަކު އަންނަ ކަމަށް ވާނަމަ އެކަން ކުރަންވާނީ އެމަނިކުފާނުގެ ހިޔަނީގެ ދެތިން މޭލު ފަހަތުން ކަމަށްވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

އަލިފުށީގެ ބޯޓު ޔާޑަކީ ޒުވާނުންނަށް ވަޒީފާ ލިބޭނެ ފަހި ފުރުސަތުތަކެއް ލިބޭ ތަނަކަށް ދެވަނަ ދައުރުގެ ފުރަތަމަ އަހަރުގެ ތެރޭގައި ހައްދަވާ ދެއްވާނެ ކަމަށްވެސް ރައީސް ޔާމީން ވައުދުވެވަޑައިގަތެވެ.

"އަޅުގަނޑުގެ ވެރިކަމުގެ ފަސް އަހަރު ތެރޭގައި އަލިފުށީގެ ބޯޓު ޔާޑަކީ އަލިފުށީ ރައްޔިތުން އެދޭގޮތަށް ޒުވާނުންނަށް ވަޒީފާ ގިނައިން ލިބޭނެ ފަހި ފުރުސަތުތަކެއް އޮންނަ ބޯޓު ޔާޑަކަށް ބަދަލުވާނެ." ރައީސް ޔާމީން ވިދާޅުވިއެވެ.

އަދި ބޯޓުޔާޑު އޮންނަ ސަރަހައްދަކީ ރަށްގިރުމުގެ މައްސަލަ ދިމާވެފައިވާ ސަރަހައްދަކަށް ވާތީ އަލިފުށީ ރައްޔިތުން ބޭނުންވާ ވަރަކަށް ބިން ބޮޑުކޮށް، އަލިފުއްޓަކީ ޖާގަ އޮތް ބޮޑުރަށަކަށް ހަދައިދޭނެ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން މިއަދު ވަނީ އަލިފުށީގެ ނަރުދަމާގެ ނިޒާމު ރަސްމީކޮށް ފައްޓަވާދެއްވާފައެވެ.

comment ކޮމެންޓް