ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށްފި ނަމަ އޮންނާނީ ހުސް ގަޑުބަޑު: ޑރ. ޝަހީމް

ޑރ. ޝަހީމް މިއަދު ލ. މާވަށުގައި ވާހަކަފުޅު ދައްކަވަނީ--

ތަރައްގީ ވަމުން އަންނަ ގައުމުތަކުގައި ވެރިކަން ހިންގުމުގެ ނިޒާމު ބަދަލު ކުރަމުން އަންނަނީ ބަރުލަމާނީ ނިޒާމުން ރިޔާސީ ނިޒާމަށް ކަމަށާއި، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށްފި ނަމަ ރާއްޖޭގައި އޮންނާނީ ހުސް ގަޑުބަޑު ކަމަށް ރައީސް ޔާމީންގެ ރަނިންމޭޓު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ޑރ. ޝަހީމް މިހެން ވިދާޅުވީ އޭނާ ލ. އަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން މިއަދު އެ އަތޮޅު މާވަށަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ މުހާތަބުކޮށް ވާހަކަފުޅު ދަައްކަވަމުންނެވެ.

"އޭރުން [ބަރުލަމާނީ ނިޒާމު ގެނެސްފި ނަމަ] މިތާ އޮންނާނީ ގަޑުބަޑު. ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި އޮންނާނީ މުޒާހަރާ. އެއްދުވަހުން އަނެއް ދުވަހު ސަރުކާރު ވެއްޓޭނެ. ދިވެހިރާއްޖެއާ ގުޅޭ ނިޒާމެއް ނޫން ބަރުލަމާނީ ނިޒާމަކީ،" ޑރ. ޝަހީމް ވިދާޅުވި އެވެ.

"މިއަދު އެ ބޭފުޅުން އެ ވިދާޅުވީ ތިމަންނަމެންނަށް ވެރިކަން ކާމިޔާބު ކުރެވިއްޖިއްޔާ ތިމަންނަމެން ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރާނަމޭ. ރިޔާސީ ނިޒާމަކުން ބަރުލަމާނީ ނިޒާމަކަށް. މިއަދު ތަރައްގީ ވަމުން އަންނަ ގައުމުތަކުގައި، ބަރުލަމާނީ ނިޒާމުން ރިޔާސީ ނިޒާމަށް ބަދަލު ކުރަނީ. ކީއްވެގެން އަޅުގަނޑުމެން އަނެއް ކޮޅަށް ޖަހަން މިޖެހެނީ،" ޑރ. ޝަހީމް ވިދާޅުވި އެވެ.

ޑރ. ޝަހީމް އެކަމުގެ މިސާލެއްގެ ގޮތުގައި ނެންގެވީ ތުރުކީވިލާތެެވެ. އޭނާ ވިދާޅުވީ ތުރުކީ ވިލާތުގެ ވެރިކަން ވެސް އެންމެ ފަހުން ބަރުލަމާނީ ނިޒާމުން ރިޔާސީ ނިޒާމަށް ބަދަލުކޮށްފައިވާ ކަމަށެވެ.

އިދިކޮޅު ކޯލިޝަނަށް ފާޑުވިދާޅުވަމުން ޑރ. ޝަހީމް ވިދާޅުވީ، އެއް ފިކުރެއްގެ މައްޗަށް އެކުލެވޭ ކޯލިޝަން ސަރުކާރެއް ގިނަ ދުވަހު ދެމި އޮވެދާނެ ކަމަށެވެ. ނަމަވެސް، އިދިކޮޅުގައި އޮތީ ތަފާތު ފިކުރުތަކުގެ ޕާޓީތައް ހިމެނޭ ކޯލިޝަނެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މިހާރު ވެސް އިދިކޮޅުގެ ޕާޓީތަކުން، އެކަކަށް ވުރެ ގިނަ މެނިފެސްޓޯ ފެނިފައިވާ ކަމަށާއި އެ ފަލްސަފާތައް އެއް ފޮތަކަށް ޖަމާ ކުރާނީ ކިހިނެއްތޯ ޑރ. ޝަހީމް ސުވާލު އުފެއްދި އެވެ.

ޑރ. ޝަހީމް މިހެން ވިދާޅުވި އިރު އިދިކޮޅު އެމްޑީޕީގެ މެނިފެސްޓޯގައި އޮތް ބަރުލަމާނީ ނިޒާމާ މައުމޫން ރިފޯމް މޫވްމެންޓުން ދެކޮޅު ކަން ވަނީ ހާމަވެފަ އެވެ. މައުމޫން ރިފޯމް މޫވްމެންޓުން ގެންނަން ބޭނުން ވަނީ ރިޔާސީ ނިޒާމެކެވެ.

comment ކޮމެންޓް