އެންމެ ބޭނުން ވަނީ ރައީސް މައުމޫން ޖަލަށް ލުމަށް ކަމަށް ނަޝީދު ވިދާޅުވި: ރައީސް ޔާމީން

ރައީސް ޔާމީން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ - ފޮޓޯ/ ރައީސް އޮފީސް

ރައްޔިތުންނަށްޓަކައި ކުރަން އެންމެ ބޭނުންފުޅުވާ ކަމަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަން ނިންމައި އެމަނިކުފާނު ޖަލަށް ލުމަށް ކަމަށް އިދިކޮޅު އެމްޑީޕީގެ ލީޑަރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރުމަށް، ފ. ނިލަންދޫގައި ޕީޕީއެމްއިން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"މިހާރު އެ ދައްކާ ވާހަކައަކީ ތިމަންނަ މެން ބޭނުން ވަނީ، މިހާރު ހުރި ރައީސުލް ޖުމްހޫރިއްޔާއަށް ޖަލު ހުކުމެއް އަންނާނެ ދުވަހެކޭ. އެކަމަކު މި ޖަލު ހުކުމް އެ ބޭފުޅުން ގެންނެވި ދެއްތޯ ރައީސް މައުމޫންއަށް ވެސް. ރައީސް ނަޝީދު އޭރު ވާހަކަ ދައްކަވަމުން ވިދާޅުވި ދިވެހި ރައްޔިތުންނަށް ތިމަންނަ ކޮށްދޭން ބޭނުންވާ އެންމެ ބޮޑު ކަމަކީ ރައީސް މައުމޫންގެ ވެރިކަން ނިންމައިފައި، ރައީސް މައުމޫން ޖަލަށް ލުމޭ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ޖަލަށް ލާން ބޭނުން ނަމަ މިހާރުވެސް ރައީސް ޔާމީންގެ މައްސަލަތައް ނުދެއްކިގެން އުޅެނީ ކީއްވެތޯ ވެސް ސުވާލު އެމަނިކުފާނު ކުރެއްވި އެވެ. އަދި ސުޕްރީމް ކޯޓުން އެކެއް ފެބްރުއަރީގައި ނެރުނު އަމަރު ނެރުނު ބައެއްގެ ގައިގައި އެފަދަ ހަކަތަ ހުންނަން ވާނެ ކަމަށް ވިދާޅުވެ ރައީސް ޗެލެންޖު ކުރެއްވި އެވެ.

އެމަނިކުފާނުގެ ދައުރު ނިމުމުގެ ކުރިން ވެރިކަން ވައްޓާލަން އެތައް މަސައްކަތްތަކެއް ކުރި ކަމަށް މިރޭ ރައީސް ވިދާޅުވި އެވެ. އެހެން ނަމަވެސް، އެކަންތައް ކާމިޔާބު ނުވީ ކުރައްވަމުން ގެންދަވާ އިހުލާސްތެރި މަސައްކަތްތަކުގެ ސަބަބުން ރައްޔިތުންގެ ހެޔޮ ދުއާ ލިބުމުން ކަމަށް ރައީސް ވިދާޅުވި އެވެ.

"އަނިޔާވެރިން މިހެން ކުރާ ކަންތައްތައް ކިތަންމެ ވަރަކަށް ތަދުބީރު ކުރި ނަމަވެސް، ﷲ ގެ ދަގުދީރުގައި ހުންނަ ކަންތައްތައް މާ މަތިވެރި،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން މިރޭ ރައީސް ޔާމީން ވަނީ އިދިކޮޅުގެ ކެންޑިޑޭޓުން ކެމްޕެއިންގައި ނުދައްކަވާ ވާހަކަފުޅުތައް ފާހަގަ ކުރައްވައި ފާޑު ވިދާޅުވެފަ އެވެ. ރައީސް ވިދާޅުވީ ހުސް އެކަނި ނަރުދަމާއާއި ބަނދަރު ހެދުމުގެ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް ކަމަށެވެ. އަދި ތައުލީމާއި ސިއްހީ ދާއިރާއާ ގުޅޭ ގޮތުން ވެސް އިދިކޮޅުގެ ކެންޑިޑޭޓު ވާހަކަ ދައްކަވަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑު ސުވާލުކޮށްލަން ބޭނުންވޭ. އެބޭފުޅުންގެ ތަސައްވަރުގައި، އިދިކޮޅުން ނުކުމެވަޑައިގެން އުޅުއްވާ ބޭފުޅުންގެ ތަސައްވަރުގައި ތައުލީމީ ދާއިރާގެ ވާހަކަ ނުދައްކަވަނީ ކީއްވެގެންތޯ؟ އެ ދާއިރާގެ ހިޔާލު ނެތީތޯ؟ ދިވެހި ޒުވާނުންނަށް ތަރުބީއަތުގެ ތެރެއިން ތައުލީމަކީ މުހިންމު އެއްޗަކަށް ނުވަނީތޯ؟"

އެމަނިކުފާނު ވިދާޅުވީ މިހާރު ރާއްޖޭގައި މަދުވެގެން އުޅޭނީ ފުރިހަމަ ތަރުބިއްޔަތެއްގައި ނުކުންނަ ދިވެހި ވަންތަ، ވަތަނީ ކުދިންތަކެއް ކަމަށެވެ. އަދި އެފަދަ ސިޔާސީ ލީޑަރުން ވެސް މަދު ކަމަށް ވިދާޅުވި އެވެ.

ރައީސް މިރޭ ވަނީ އިދިކޮޅު ކޯލިޝަނަށް ގާނޫނީ ހައިސިއްޔަތު ދޭނެ ކަމަށް އިބޫ ވިދާޅުވެފައި ވުމުން އެކަމާ ބެހޭގޮތުން ވެސް ވާހަކަފުޅު ދައްކަވައިފަ އެވެ. އެމަނިކުފާނު ވިދާޅުވީ ކޯލިޝަނަށް ގާނޫނީ ބާރު ދޭން މަޖުބޫރު ވަނީ ކޯލިޝަންގެ ޕާޓީތަކުގެ މެދުގައި އިތުބާރު ނެތުމުން ކަމަށެވެ.

"އިތުބާރުގެ މައްޗަށް ކުރެވޭ ކަމެއް މިއީ. އިތުބާރުގެ މައްޗަށް ކުރެވޭ ކަމެއް އެގްރީމެންޓެއް ކޮށްގެން ދެމީހުން ވާހަކަ ދައްކައިގެން އިތުބާރު ނޯންނަކަން ކިތަންމެ ރަނގަޅަކަށް ވެސް މިއަދު އެމްޑީޕީއަށް އެނގިވަޑައިގަންނަވާނެ. އެ ސަބަބަށްޓަކައި ގާނޫނަކުން މިކަން ކުރަން މި ޖެހެނީ. އެހެންވީމަ ގާނޫނެއް ހައްދަވަން އެ ބޭފުޅުން ބޭނުންވޭ. އެކަމަކު އަޅުގަނޑުގެ ކަންކަމުގައި ރައްޔިތުން ކައިރިއަށް އައިސް އަޅުގަނޑުމެން ސިޔާސީ މީހުން މިކަހަލަ ވާހަކަ ދައްކާ އިރު އެބަ ޖެހޭ ސިޔާސީ މީހުން މި ދައްކާ ވާހަކައިގައި ވެސް ރައްޔިތުންނަށް ގަބޫލު ކުރެވޭ ވާހަކަ ދައްކަން ދެއްތޯ،" ރައީސް ވިދާޅުވި އެވެ.

މިރޭ ނިލަންދޫގައި ބޭއްވި ޖަލްސާ އަކީ ރިޔާސީ ކެމްޕެއިންގައި ރައީސް ބައިވެރިވެވަޑައިގެންނެވި ޕީޕީއެމްގެ ފުރަތަމަ ޖަލްސާ އެވެ.

comment ކޮމެންޓް