ހައްޖު މޫސުމަށް ސައުދީ މީޑިއާ މިނިސްޓްރީން ކުރި މަސައްކަތް ބުރަ، އަދި ކާމިޔާބު!

1439 ވަނަ އަހަރުގެ ހައްޖު މޫސުމަށް ސައުދީ މީޑިއާ މިނިސްޓްރީން ކުރިއަށް ގެންދިޔަ ޚާއްސަ ޕްރޮގްރާމުގެ ނިމުން ފާހަގަކުރުން-- ފޮޓޯ: އޮކާޒް.ކޮމް

ޖިއްދާ (25 އޯގަސްޓް) - މިއަހަރުގެ ހައްޖުމޫސުމަށް ސައުދީ އަރަބިއްޔާއިން ވަނީ ވަރަށް ދުރާލައި ތައްޔާރުވާން ފަށައިފައެވެ. ސަލާމަތީގޮތުންނާއި، ސިއްހީގޮތުންނާއި އަދި އެނޫންވެސް ގޮތްގޮތުން ހައްޖުވެރީންނާ ގުޅޭ ކޮންމެ ކަމެއްވެސް އެންމެ ފުރިހަމައަށް ކޮށްދިނުމަށް ސައުދީ ރަސްގެފާނުގެ ސީދާ ބެއްލެވުމާއި އިރުޝާދުގެ ދަށުން ވަނީ ސައުދީ ދައުލަތުގެ އެކިއެކި މުއައްސަސާ ތަކާއި އަމިއްލަ ޖަމިއްޔާ ޖަމާއަތްތައް ވެސް ހިމެނޭގޮތަށް ބިޔަ ޓީމެއް އެކުލަވައިލައިފައެވެ. ހަމައެކަނި އިންސާނީ ވަސީލަތަށް ބެލިކަމުގައިވީ ނަމަވެސް ލައްކައަކަށް ވުރެ ގިނަ މީހުން މިޓީމުގައި ހިމެނެއެވެ.

ސައުދީން މިފަހަރުގެ ހައްޖުމޫސުމާ ދިމާކޮށް އެންމެ ބޮޑަށްކުރި އެއް މަސައްކަތަކީ، ހައްޖާ ގުޅޭ އެކިއެކި މައުލޫމާތު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މުސްލިމުންނާ ހަމައަށް ފޯރުކޮށްދިނުމެވެ. ހައްޖުގެ އަޅުކަންވެސް ސިޔާސީ ކުރުމަށް ބައެއް ފަރާތްތަކުން މަސައްކަތްކުރާކަން ފާހަގަކޮށް، ހަގީގަތް ދުނިޔެއަށް ހާމަކޮށްދިނުމަށް ސައުދީ ސަރުކާރުން ވަރަށް ފުރިހަމަ ކެމްޕޭނެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ޖިއްދާގެ ރިޒް ކާލްޓަން ހޮޓެލްގައި، މިއަހަރުގެ ހައްޖު ސީޒަނަށް ސައުދީ މީޑިއާ މިނިސްޓްރީން ކުރިއަށް ގެންދިޔަ ޚާއްސަ ޕްރޮގްރާމުގެ ނިމުން ފާހަގަކުރުމަށް ބޭއްވި ހަފްލާ -- ސަން ފޮޓޯ: އަހްމަދު މުޖްތަބާ

ހުކުރު ދުވަހުގެ ރޭ ޖިއްދާގެ ރިޒް ކާލްޓަން ހޮޓެލްގައި ވަނީ، މިއަހަރުގެ ހައްޖު ސީޒަނަށް ސައުދީ މީޑިއާ މިނިސްޓްރީން ކުރިއަށް ގެންދިޔަ ޚާއްސަ ޕްރޮގްރާމުގެ ނިމުން ފާހަގަކޮށްފައެވެ. އެ ހަފްލާގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން، މިއަހަރުގެ ހައްޖުގެ ކަވަރޭޖް ގެނެސްދިނުމަށް އައިސް ތިބި ނޫސްވެރީންނާއި ރިޕޯޓަރުންގެ އިތުރުން، ސޫދާނާއި ސެނެގާލްގެ މީޑިއާ މިނިސްޓްރުންވެސް ބައިވެރިވެވަޑައިގަތެވެ.

ރޭގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ސައުދީ މީޑިއާ މިނިސްޓަރު ޑރ. އައްވާދު ބިން ސާލިހް އަލްއައްވާދު ވިދާޅުވީ، ބައިނަލްއަގްވާމީ ނޫސްވެރީންނާއި ސައުދީގެ ނޫސްވެރީންނާ ގުޅިގެން ސައުދީ ސަރުކާރުން ކުރިއަށް ގެންދިޔަ މީޑިއާ ކެމްޕޭން ވަރަށް ކާމިޔާބު ކަމަށެވެ. އެގޮތުން، ހައްޖުގެ މާތް އަޅުކަންވެސް ސިޔާސީ ކުރުމަށާއި، ތަފާތު ވާހަކަތައް ފަތުރައިގެން ސައުދީއާ ދެމެދު މީސްތަކުންގެ މެދުގައި ނުތަނަވަސްކަމާއި ފިތުނަ އުފެއްދުމަށް ބަޔަކު ރާވަމުންދާ ރޭވުންތަކާއި ފަތުރަމުންދާ ވާހަކަތަކުގެ ހަގީގަތް ހާމަކުރުމަށް މީޑިއާއިން ކުރި މަސައްކަތްތަކަށް އޭނާ ޝުކުރު އަދާކުރެއްވިއެވެ.

ސައުދީ މީޑިއާ މިނިސްޓަރު ޑރ. އައްވާދު ބިން ސާލިހް އަލްއައްވާދު -- ސަން ފޮޓޯ: އަހްމަދު މުޖްތަބާ

ޑރ. އައްވާދު ވިދާޅުވީ، 1439 ވަނަ އަހަރުގެ ހައްޖުގެ ފުރިހަމަ ކަވަރޭޖެއް ގެނެސްދިނުމަ ސައުދީ އެކިއެކި މުއައްސަސާތައް ގުޅިގެން ކުރި މަސައްކަތް ވަރަށް ކާމިޔާބު ކަމަށާއި ކުރިއަށް އޮތްތަނުގައި މިއަށްވުރެވެސް ފުރިހަމައަށް، ހައްޖާގުޅޭ ހަގީގީ މައުލޫމާތުތައް ހާމަކުރުމަށް މަސައްކަތް ކުރައްވާނޭ ކަމަށެވެ. ސައުދީ ސަރުކާރުގެ 57 މުއައްސަސާއަކުން ވަނީ ސީދާގޮތެއްގައި މިފަހަރުގެ ކެމްޕޭނުގައި ހަރަކާތްތެރިވެފައެވެ.

"ދަ ވޯލްޑް އިންދަ ހާރޓް އޮފް ކިންގްޑަމް"، މި ޝިއާރުގެ ދަށުން ސައުދީ ސަރުކާރުން ވަރުގަދަ މީޑިއާ ކެމްޕޭނެއް ކުރިއަށް ގެންދިޔައިރު، ހައްޖާގުޅޭ ތަފާތު މައުލޫމާތާއި ޚަބަރުތަކާއި ފޮޓޯއަދި ވީޑިއޯ ހިއްސާކުރުމަށް، "ހައްޖު މީޑީއާ ޕޯޓަލް"ގެ ނަމުގައި ޚާއްސަ ވެބްޕޯޓަލެއްވެސް ވަނީ ލޯންޗުކޮށްފައެވެ.

މައްކާގައި ހައްޖުގެ އަޅުކަން ކުރިއަށް ގެންދިޔަ އެކ ސަރަހައްދު ތަކުގައި ވަނީ، ބައިނަލްއަގްވާމީ މީޑިއާތަކާއި ސައުދީ މީޑިއާތަކަށް ޚާއްސަކޮށްގެން ސެންޓަރުތަކެއްވެސް ގާއިމުކޮށްފައެވެ. އެގޮތުން ހައްޖުގެ ފުރިހަމަ ކަވަރޭޖެއް ގެނެސްދިނުމަށް، އަރަފާތު، މިނާ އަދި މުޒްދަލިފާގެ އިތުރުން، މަދީނާއާއި މައްކާގެ ހަރަމްފުޅު ސަރަހައްދުގައިވެސް މީޑިއާތަކަށް ވަރަށް ފުރިހަމަ އިންތިޒާމްތަކެއް ވަނީ ހަމަޖައްސައިދީފައެވެ.

1439 ވަނަ އަހަރުގެ ހައްޖުގެ ކަވަރޭޖް ގެނެސްދިނުމަށް ސައުދީ މީޑިއާ މިނިސްޓްރީގެ މެހެމާނުންގެ ގޮތުގައި ބައިވެރިވި ބައިނަލްއަގްވާމީ މީޑިއާ ޓީމުގެ ބައެއް މެންބަރުން-- ސަން ފޮޓޯ: އަހްމަދު މުޖްތަބާ

ސައުދީ މީޑިއާ މިނިސްޓްރީން 1439 ވަނަ އަހަރަށް އެކުލަވައިލި މީޑިއާ ޕްލޭންގެ ދަށުން، ފޯރުކޮށްދިން މައުލޫމާތާއި ޚިދުމަތުގެ ފައިދާ ވަނީ، އެތަކެއް ރިޕޯޓަރުންނާއި، ޓީވީ ރޭޑިއޯ އަދި ނޫސް މަޖައްލާތަކަށްވެސް ކޮށްފައެވެ. އެގޮތުން، ސައުދީގެ 168 ނޫސްވެރީންނާއި ބައިނަލްއަގްވާމީ 818 ނޫސްވެރީންނަށް މިފަހަރުގެ ހައްޖު ޚާއްސަ ކަވަރޭޖުގެ ދަށުން ކުރިއަށް ގެންދިޔަ ޕްރޮގްރާމްގެ ފައިދާކޮށްފައިވާ ކަމަށް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ސައުދީ މީޑިއާ މިނިސްޓަރު ވިދާޅުވީ، މިފަހަރުގެ ހައްޖު ކަވަރޭޖްގައި 419 މީޑިއާ އައިޓަމާއި، 58 ޕްރެސްރިލީޒް އެ މިނިސްޓްރީން ނެރެފަައިވާނޭ ކަމަށެވެ. މީގެ އިތުރުން ޑިޖިޓަލް އަދި ޓްރެޑިޝަނަލް މީޑިއާ މެދުވެރިކޮށް، 62 ބަހަކުން 100 އަށް ވުރެ ގިނަ ގައުމުތަކުގެ 32,717,328 އަށް ވުރެ ގިނަ މީހުންނާ ހަމައަށް މައުލޫމާތު ފޯރުކޮށްދެވިފައި ވާކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.

ސައުދީ ސަރުކާރުން، ހައްޖުގެ ކަވަރޭޖް ގެނެސްދިނުމުގެ އިންތިޒާމް ހަމަޖައްސައިދީފައިވާލެއް ފުރިހަމަކަން ފާހަގަކޮށް، ބައިނަލްއަގްވާމީ ނޫސްވެރީންގެ ޓީމުންވެސް ވަނީ، ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒު އާލް ސައުދާއި ވަލީއަހްދު މުޙައްމަދު ބިން ސަލްމާނަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ.

comment ކޮމެންޓް