ފްރާންސްގެ ވެރިރަށް ޕެރިސްގެ އަވަށެއް ކަމަށްވާ ސުރެސްނެސްގައި އާދީއްތަ ދުވަހު ނޭޝަނަލް ކޮންފެޑެރޭޝަން އޮފް ފްރެންޗް ބޭކާސްއިން އިންތިޒާމުކޮށްގެން ތައްޔާރުކުރި އެންމެ ދިގު ބަގެޓް ފިހެގެން ގިނިސް ވޯލްޑް ރިކޯޑް މުގުރާލައިފިއެވެ.
ބަގެޓަކީ ޚާއްޞަކޮށް ފްރާންސްގެ ސަގާފީ ކެއުމެއްގެ ގޮތުގައި ފިހާ ތުނި, ދިގު ވައްތަރެއްގެ ޕާނެކެވެ. ސޭންޑް ވިޗް ހެދުމަށާއި، ސަބްމެރިން ފަދަ ކާތަކެތި އުފެއްދުމުގައި ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ބަގެޓް ބޭނުންކުރެއެވެ.
ރިކޯޑް މުގުރާލި ބަގެޓްގެ ދިގުމިނުގައި 140.5 މީޓަރު (461 ފޫޓް) ހުރިއިރު، މީގެ ކުރިން މި ރިކޯޑް އޮންނަނީ އިޓަލީގެ ސިޓީއެއް ކަމަށްވާ ކޮމޯގައި 1992 ގައި ހެދި 132.62 މީޓަރު (435 ފޫޓް) ގެ ދިގު ބަގެޓްއަށެވެ.
ފްރާންސްގެ ނޭޝަނަލް ކޮންފެޑެރޭޝަން އޮފް ފްރެންޗް ބޭކާސްއިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ މި ބޮޑު ބޭކިން މަސައްކަތަށް ފްރާންސްގެ އެކި ކަންކޮޅުތަކުން އެތައް ސަތޭކަ ބޭކަރުން ވަނީ އެއްވެފައެވެ. ޕޯޓަބަލް އަވަންތައް ބޭނުންކޮށްގެން، މި ބަގެޓް ތައްޔާރުކޮށް ފިހުނީ އެ އިވެންޓް ބަލަން އެއްވެފައި ތިބި އެތައް ހާސް ބެލުންތެރިންގެ ކުރިމަތީގައެވެ.
ފްރާންސްގެ ބޭކާސް ޔޫނިއަންގެ ވެރިޔާ ބާނާޑް ވިގްނޮން ވިދާޅުވީ މި ރިކޯޑަކީ އެ މީހުންގެ ލޯބިވާ ފަރަންސޭސި އާދަކާދައާއި ދިރިއުޅުމުގެ ވައްޓަފާޅީގައި ޕާނަކީ މައިގަނޑު ދައުރެއް އަދާކުރާ ކާނާއެއްކަމުގެ ވަރުގަދަ ރަމުޒެއް ކަމަށެވެ.
ދުނިޔޭގެ ރިކޯޑް ފޮތުން ޖާގަ ހޯދި މި ބަގެޓްގެ ރަހަ ބަލައިލުމަށް ސަފު ހަދައިގެން ތިބި ބެލުންތެރިންނަށް އޭގެ ބައިތައް ބަހާލެވުނެވެ. ބާކީ ހުރި ބައި ހަދިޔާކޮށްފައިވަނީ ޕެރިހުގައި ދިރިއުޅޭ ގެދޮރު ނެތް މީހުންނަށާއި، ފަގީރުންނަށް ދިނުމަށް ލޯކަލް ޗެރިޓީތަކަށެވެ.
ފްރާންސްގެ ބޭކަރުންނަށް މި ކާމިޔާބީ ލިބިފައިވަނީ ފަރަންސޭސިވިލާތުން ޒަމާނުއްސުރެ ކާބޯތަކެތީގެ ބާވަތްތައް އުފައްދާ ފަރާތްތަކުގެ މެދުގައި އިންޑަސްޓްރިލައިޒޭޝަނާއި ވާދަވެރިކަމުގެ ތެރޭގައި އެ ޤައުމުގެ ޒަމާންވީ ބްރެޑް އާދަކާދަތައް ދިރުވައި ޙިމާޔަތްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ދަނޑިވަޅެއްގައެވެ.