ދީނީ ފަތުވާއެއް ދީގެން ސަރުކާރުން އެއްވެސް މީހަކަށް ގޯނާއެެއް ނުކުރޭ: ޝަހީމް

ޝަހީމް މިއަދު ކަލައިދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވަނީ ---

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ދީނީ އެތައް ކަމެއް ފަސޭހަ ކޮށްދެއްވާފައިވާ ކަމަށާއި ދީނީ ފަތުވާއެއް ދީގެން މި ސަރުކާރުން އެއްވެސް އިލްމުވެރިއަކަށް ގޯނާ ނުކުރާ ކަމަށް ޕީޕީއެމްގެ ރަނިންގްމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ލ. އަތޮޅަށް ޝަހީމް ކުރައްވަމުން ގެންދަވާ ދަތުރުގައި މިއަދު ކަލައިދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ޝަހީމް ވިދާޅުވީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވި އިރު ރާއްޖޭގައި ދީނީ ކަންކަމަށް ވެސް ވަރަށް ބޮޑެތި ގޮންޖެހުންތަށް ކުރިމަތިވެފައި ހުރި ކަމަށެވެ. އެހެންނަމަވެސް މިހާރު އެކަންކަން އޮތީ އެގޮތަށްތޯ ޝަހީމް ވަނީ ސުވާލު ކުރައްވާފަ އެވެ.

"މިއަދު ރާއްޖޭގެ އިލްމުވެރިންނަ ށްވެސް މިނިވަންކަމާ އެކު ފަތުވާ ދީ. ދީނީ ދަރުސްދީ މިބާވަތުގެ ކިތަންމެ ކަމެއް އެބަކުރެވޭ. އެއްވެސް މީހަކަށް ސަރުކާރަކުން ގޯނާއެއް ނުކުރޭ ދީނީ ފަތުވާއެއް ދީގެންނެއް." ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ ރާއްޖޭގެ ދީނީ އިލްމުވެރިންގެ ތެރެއިން ކިތަންމެ ބަޔަކު ނުހައްގުން ޖަލަށް ލެވި އަނިޔާކޮށް "އެމީހުންގެ ތުނބުޅިތައް ބާލައި ޗިލީ ސޯސް ޖަހައި" ހެދިތަން ރާއްޖޭގެ ތާރީހު ދެކިފައިވާ ކަމަށެވެ. ނަމަވެސް މިއަދު އެކަންކަން އެގޮތަށް ނުހިނގާ ކަމަށް ޝަހީމް ވިދާޅުވި އެވެ.

ރައީސް ޔާމީން ދެވަނަ ދައުރަކަށް އިންތިހާބު ކުރަން މަސައްކަތް ކުރާ ސަބަބުތައް ވެސް ޝަހީމް ވަނީ ވިދާޅުވެ ދެއްވާފަ އެވެ. ޝަހީމް ވިދާޅުވީ ރައީސް ޔާމީން ރާއްޖޭގެ ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވި ވަގުތަކީ ރާއްޖެއަށް ވަރަށް ނާޒުކު ވަގުތެއް ކަމަށެވެ.

"އަޅުގަނޑުމެން ވަރަށް ބަލިވެގެން ބޭސްފަރުވާއަށް ދާން ބޭނުންވާ ޑޮލަރު ކޮޅުވެސް ލިބެނީ ވަރަށް ވަރުން އޭރުގައި. އެކަމަކު މިހާރު ފުރައިގެން ދާއިރުގައި އެއާޕޯޓު ކައުންޓަރަށް ބޭންކުގެ ކައުންޓަރަށް ޕާސްޕޯޓު ދައްކާލާފައި ޑޮލަރުކޮޅު ހިފައިގެން ވަރަށް ފަސޭހައިން މިހާރު އަޅުގަނޑުމެންނަށް ފުރައިގެން ދެވޭ.،" ޝަހީމް ވިދާޅުވި އެވެ.

ކަލައިދޫއަށް އެރުމުން އެރަށަށް ދިމާވެފައިވާ ދަތިތަށް ހައްލު ކުރުމަށް ވަރުގަދަ އެހީތެރިއެއް ބޭނުންވާ ކަން އެނގިވަޑައިގެން ކަމަށެވެ. އެހެންވީމަ އެ އެހީތެރިޔާއަކީ އޭނާ ކަމަށް ބެއްލެވުމަށް ޝަހީމް ކަލައިދޫ މީހުންގެ ކިބައިން އެދިލެއްވި އެވެ.

"އިރާދަކުރެއްވިއްޔާ ތިޔަ ބޭފުޅުންނަށް ދިމާވެފައި ހުރި ދަތިތައް ހަައްލު ކުރުމަށް އަޅުގަނޑު ވަރަށް އިހުލާސްތެރިކަމާ އެކު އަޒުމުގައި މަސައްކަތް ކޮށްދޭނަން." ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ ދެވަނަ ދައުރެއް ރައީސް ޔާމީނަށް ދެއްވައިފި ނަމަ ރާއްޖެއަށް ދިމާވެފައިވާ މައްސަލަތަކުގެ ބޮޑުބައި ހައްލުކޮށްދެވާނެ ކަމަށެވެ. އެހެން ކަމުން ރައީސް ޔާމީނަށް ކަލައިދޫ ރައްޔިތުން ވޯޓު ދިނުމަށް ޝަހީމް ވަނީ އެދިލައްވާފަ އެވެ.

އިދިކޮޅު ފަރާތްތަކަށް ވެސް ޝަހީމް ވަނީ ފާޑު ވިދާޅުވެ ވާހަކަފުޅު ދައްކަވާފަ އެވެ. ވިދާޅުވީ މިހާރުވެސް އިދިކޮޅުގައި އޮތީ ދެބަސްވުން ކަމަށާއި އެތަނުގައި ތިބީ މުޅިންވެސް ވެރިން ކަމަށެވެ.

"އަދި ވެރިކަމާ ހަވާލުވާނެ ބޭނުންވާ އަސްލު މީހާ ހުރީ. އެ އަސްލުމީހާ އޭނާއަށް ޓަކައި ކޮށާ މަގެއް މި މަގަކީ މިއީ. އެހެންވީމަ މިފުރުސަތު ނުދޭންވީ. އަނެއްކޮޅުން ގައުމުގެ ވަލިއުލްއަމުރު ކަމުގެ މަގާމަށް އަންނަން ޖެހޭނީ ތައުލީމީ ގޮތުން ގާބިލު މީހެއް. ކިޔަވާފައި ހުރި ތަޖުރިބާ ހުރި މީހެއް." ޝަހީމް ވިދާޅުވި އެވެ.

comment ކޮމެންޓް