ޕާކިސްތާނާއި އެމެރިކާއާ ދެމެެދު ޑިޕްލޮމެޓިކް ދެބަސްވުންތަކެއް އުފެދިއްޖެ

އިމްރާން ޚާން

އިސްލާމް އާބާދު (އޮގަސްޓް 25) : ޕާކިސްތާނުގެ އައު ބޮޑުވަޒީރު އިމްރާން ޚާނަށް ފޯނު ކުރައްވައިގެން އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ދެއްކެވި ވާހަކަތައް އެމެރިކާ އިން ސިފަކުރި ގޮތާ މެދު ޕާކިސްތާން ހިތްހަމަނުޖެހި ނުރުހުން ފާޅުކޮށްފި އެވެ.

ޕާކިސްތާނުން ބުނީ އިމްރާން ޚާނާއި ޕޮމްޕެއޯގެ މަޝްވަރާތަކުގައި ޓެރަރިސްޓް ޖަމާއަތްތަކާ ބެހޭ ވާހަކަ ނުހިމެނޭ އިރު އެކަން ހިމެނުނު ކަމަށް ބުނެ އެމެރިކާގެ ޚާރިޖިއްޔާ އިން ފަތުރާފައި ވަނީ ދޮގު ވާހަކަތަކެއް ކަމުގަ އެވެ.

ޕާކިސްތާނުގެ ޚާރިޖީ ވުޒާރާ އިން އެމެރިކާއަށް ގޮވާލީ އިމްރާން ޚާނާއި ޕޮމްޕެއޯގެ މަޝްވަރާތަކުގައި ޕާކިސްތާނުގައި ޓެރަރިސްޓުން އުޅޭ ވާހަކަތައް ހިމެނޭ ކަމަށް ބުނެ ނެރެފައިވާ ބަޔާނަކީ ސައްޙަ ބަޔާނަކަށް ނުވާތީ އެކަން ރަނގަނޅު ކުރުމަށެވެ. ނަމަވެސް އެމެރިކާގެ ޚާރިޖީ ވުޒާރާ އިން ބުނީ އެ ވުޒަރާ އިން ބަޔާން ނެރުނީ އިމްރާން ޚާނާއި ޕޮމްޕެއޯގެ މަޝްވަރާތަކާ މެދު އެމެރިކާ ދެކޭ ގޮތަށް ކަމަށާއި އެކަން ބަދަލުނުކުރާނެ ކަމުގަ އެވެ.

މިއީ އިމްރާން ޚާންގެ ވެރިކަމުގައި އެމެރިކާއާއި ޕާކިސްތާނާ ދެމެދު ޖެހުނު ފުރަތަމަ މައްސަލަ އެވެ. ޓެރަރިޒަމްގެ މައްސަލައަކީ ޕާކިސްތާނުގެ ކުރީގެ ސަރުކާރުތަކާ އެމެރިކާއާ ދެމެދު ވެސް ޖެހިފައިވާ ބޮޑު މައްސަލައެކެވެ. ޕާކިސްތާނުގައި ޓެރަރިސްޓް ޖަމާއަތްތައް އުޅޭކަމާއި އެމީހުން ކޮންޓްރޯލް ކުރުމަށް އެމެރިކާ ކުރާ މަސައްކަތްތަކުގައި ޕާކިސްތާނުގެ އެއްބާރުލުން ނުލިބޭ ކަމަށް އެމެރިކާ ބުނާތީ ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފުގެ ސަރުކާރާ އެމެރިކާއާ ދެމެދު ވެސް ވަނީ ދެބަސްވުންތައް އުފެދިފަ އެވެ.

ޕާކިސްތާން ބުނަމުން ގެންދަނީ ޓެރަރިސްޓް ޖަމާއަތްތައް އުފެދި އަދި އެޖަމާއަތްތަކުގެ ހަރަކާތްތައް އިތުރުވަނީ އަފްޣާނިސްތާނުގައި އެމެރިކާ ގެންގުޅޭ ސިޔާސަތުތަށް ނާކާމިޔާބު ވުމުންކަމަށާއި ޓެރަރިޒަމާ ދެކޮޅަށް ކަމަށް ބުނެ އެމެރިކާ އަފްޣާނިސްތާނުގައި ހިންގަމުންގެންދަނީ އަމިއްލަ ސިޔާސީ އެޖެންޑާއެއްކަމުގަ އެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރުކަމަށް އިމްރާން ޚާން ވަޑައިގެންނެވި އިރު ދެގައުމުގެ ގުޅުންތައް ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. އެމެރިކާ އިން ޕާކިސްތާނަށް ދޭ އެހީގެ ބޮޑުބައެއް، ޓެރަރިޒަމާ ދެކޮޅަށް ކުރާ ހަނގުރާމައިގާ ޕާކިސްތާނުގެ އެއްބާރުލުން ނުލިބޭކަމަށް ބުނެ، މި އަހަރުގެ ކުރީކޮޅު އެމެރިކާއިން ކަނޑާލުމުން ޕާކިސްތާނުން ވަނީ އެމެރިކާއާ ބާއްވާ އަސްކަރީ ގުޅުންތައް ވަރަށްބޮޑަށް ކުޑަކޮށްފަ އެވެ.

އިމްރާން ޚާން ޕާކިސްތާނުގެ ބޮޑުވަޒީރުކަމަށް އިސްވެ ވަޑައިގެން ދެއްވި ފުރަތަމަ ޚިތާބުގައި ވެސް ޕާކިސްތާނުން އެމެރިކާއަށް ދޫނުދޭނެ ކަމާއި އެމެރިކާގެ އެޖެންޓެއްގެ ގޮތުގައި ޕާކިސްތާން ހަރަކާތްތެރި ނުވާނެކަމުގެ އިންޒާރު ވަނީ ދެއްވައިފަ އެވެ.

ޕާކިސްތާނާ މެދު ހަގީގަތުގައި އެމެރިކާ ހިތްހަމަނުޖެހެނީ ޕާކިސްތާނުން ޗައިނާއާ އެކު އަސްކަރީ އަދި އިގްތިސާދީ ގުޅުންތައް ބަދަހިކުރާތީ އާއި އަފްޣާނިސްތާނުގައި އެމެރިކާއަށް ލިބެމުންދާ ނާކާމިޔާބީތަކުގެ ޒިންމާ އުފުލަން ޕާކިސްތާން ދެކޮޅު ހަދާތީ ކަމަށް ޕާކިސްތާނުން ބުނެ އެވެ.

އިމްރާން ޚާނާއި ޕޮމްޕެއޯ ގެ ފޯން މަޝްވަރާތަކާ ބެހޭ ގޮތުން ޕާކިސްތާނާއި އެމެރިކާއާ ދެމެދު މައްސަލަ އުފެދިގެން މިދިޔައީ ޕޮމްޕެއޯ ރަސްމީ ދަތުރުފުޅެއްގައި އިސްލާމް އާބާދަށް ވަޑައިގަންނަވަން ތައްޔާރުވެފައި ވަނިކޮށެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ 5 ވަނަ ދުވަހު ޕޮމްޕެއޯ އިސްލާމް އާބާދަށް ވަޑައިގެން ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ޝާހް މަހްމޫދު ގުރައިޝީ އާއި ޕާކިސްތާނުގެ އައު ބޮޑުވަޒީރު އިމްރާން ޚާން އާ ވަކިވަކިން ބައްދަލު ކުރައްވައި މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް