ބޯޓު ބިލްޑިންގއާ ބެހޭ ސްކޮލަޝިޕްތައް ޒުވާނުންނަށް ހުޅުވާލާނެ ކަމަށް އިދިކޮޅު ކޯލިޝަނުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކޯލިޝަނުން ރޭ ރ. އަލިފުށީގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ ރާއްޖޭގައި ދުނިޔޭގެ ފެންވަރުގެ ވަޑިން އެބަތިބި ކަމަށާއި އެ ފަރާތްތަކަށް ހުނަރު އިތުރަށް ތަރައްގީ ކުރުމަށް ފުރުސަތުތަކެއް ފަހިކޮށްދޭން ޖެހޭ ކަމަށެވެ.
"އަޅުގަނޑުމެންގެ ތައުލީމީ ސިޔާސަތުގެ ތެރެއިން ހާއްސަކޮށްގެން ބޯޓު ބިލްޑިންގއާ ބެހޭ ސްކޮލާޝިޕްތައް ޒުވާނުންނަށް ހުޅުވިގެންދާނެ،" އޮޑިދޯނި ފަހަރު ބަނުމަށް މަޝްހޫރު އަލިފުށީގެ ގިނަ ރައްޔިތުން ބައިވެރިވި ޖަލްސާގައި އިބޫ ވިދާޅުވިއެވެ.
ބޯޓު ބިލްޑިންގެ ދާއިރާގެ އިތުރުން އަލިފުއްޓަކީ ކޮންސްޓްރަކްސަން ދާއިރާއިންވެސް ފާހަގަކޮށްލެވޭ ރަށެއްކަން އިބޫ ވިދާޅުވިއެވެ. އަދި ރާއްޖޭގެ ހިންގާ ތަރައްގީގެ ބޮޑެތި ޕްރޮޖެކްޓްތައް ހިންގުމުގެ ގާބިލުކަން ދިވެހި ކޮންސްޓްރަކްޝަން ކުންފުނުތަކުގައި ހުރިކަން އިބޫ ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެންގެ ކޮންސްޓްރެކްޝަން ދާއިރާގެ ސިޔާސަތުގެ ތެރެއިން ކުރާނެ އެންމެ މުހިންމު އެއް ކަމަކީ ދައުލަތުގެ ފަރާތުން ހިންގާ މިފަދަ އިންފްރާސްޓްރަކްޗާ މަޝްރޫއުތައް ދިވެހި ކުންފުންޏެއް ބައިވެރި ނުވާ ގޮތަށް އެއްވެސް ފަރާތަކަށް ނުދިނުން،" އިބޫ ވިދާޅުވިއެވެ.
ނަމަވެސް އެއީ ދައުލަތުގެ ފަރާތުން ހިންގާ އިންފަރްސްޓްރަކްޗާ ޕްރޮޖެކްޓްތައް އެކަނި ކަމާއި ބޭރުގެ ފަރާތްތަކަށް ހަމައެކަނި ދޫކޮށް ނުލާނެ މަސްއްކަތްތަކުގެ ތެރޭގައި މެގަ ޕްރޮޖެކްޓްތަކާއި ޕްރައިވެޓް ސެކްޓާގައި ހިންގާ މަސައްކަތްތައް ނުހިމެނޭނެކަން އިބޫ ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުނަރުވެރި ޒުވާނުން ތިބިކަން ފާހަގަކޮށް އިބޫ ވިދާޅުވީ އިދިކޮޅު ކޯލިޝަނުގެ ސަރުކާރެއްގައި އެ ޒުވާނުންނަށް ފުރުސަތު ހޯދައިދިނުމަށް ރީޖަނަލް ވޮކޭޝަން ޓްރެއިނިން ސެންޓަރުތަކެއް ގާއިމުކޮށްދެއްވާނެ ކަމަށެވެ.