އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި، ދެން އެންމެ އަވަހަށް ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ވެސް މިހާރުގެ އިދިކޮޅު ސިޔާސީ ކޯލިޝަނުގައި ހިމެނޭ ޕާޓީތައް ކުރިމަތިލާނީ ކޯލިޝަނެއްގެ ގޮތުގައި ކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރިޔާސީ ކެމްޕޭނުގައި ރ. އަތޮޅަށް މިހާރު ވަޑައިގެން އުޅުއްވާ އިބޫ، މިއަދު ހެނދުނު ރ. ހުޅުދުއްފާރުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު އިދިކޮޅު ކޯލިޝަނަށް ކާމިޔާބުވެއްޖެ ނަމަ، ރާއްޖޭގައި ގާއިމުކުރާނީ ރައްޔިތުންގެ ސަރުކާރެއް ކަމަށެވެ.
"ގާނޫނު އަސާސީގައި ބުނާ ގޮތުން ވެރިކަން އޮންނަންޖެހޭނީ ރައްޔިތުންގެ މަތީގައި. ބަސް ބުނަންޖެހޭނީ ރައްޔިތުން. އަޅުގަނޑުމެން ޖެހޭނީ މަސައްކަތް ކުރަން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ވެރިކަން ފެނިގެން ދާނީ އެގޮތަށް. އަޅުގަނޑުމެންނަކީ ކޯލިޝަނަކާ އެކު ކުރިމަތިލާ ބައެއް. ކޯލިޝަނުން ސަރުކާރުގައި ތިބޭނެ ރާއްޖޭގެ ހުރިހާ ޕާޓީތައް ތަމްސީލުކުރާ ބޭފުޅުން،"
ރިޔާސީ އިންތިހާބަށް އިދިކޮޅުން ކޯލިޝަނެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދާ އިރު، އިބޫ ވިދާޅުވީ ކުރިއަށް އޮތް އިންތިހާބުގައި ވެސް އިދިކޮޅުން ކުރިމަތިލާނީ ކޯލިޝަނެއްގެ ގޮތުގައި ކަމަށެވެ.
"ކުރިއަށް އޮތް އިންތިހާބުތަކުގައި ވެސް، ރައްޔިތުންގެ މަޖިލިސް އަދި ލޯކަލް ކައުންސިލް އިންތިހާބަށް އަޅުގަނޑުމެން ކުރިމަތިލާނީ ގުޅިފައި މި އޮތް ކޯލިޝަނުގެ ތެރެއިން. އިރާދަކުރެއްވިއްޔާ ބޮޑު ތަނުން އަޅުގަނޑުމެން އެ އިންތިހާބުތައް ވެސް ކާމިޔާބު ކުރާނަން،" އިބޫ ވިދާޅުވި އެވެ.
އިބޫ އިތުރަށް ވިދާޅުވީ އިދިކޮޅުން އުފައްދާ ސަރުކާރު ވާނީ ރައްޔިތުންގެ ގައުމީ ސަރުކާރެއް ކަމަށާއި އެ ސަރުކާރު ވާނީ އެންމެ މީހެއްގެ ނުވަތަ ވަކި ބައެއްގެ ސަރުކާރަކަށް ނޫން ކަމަށެވެ.
"ބަސް ބުނެވޭނެ ތިއިން ކޮންމެ ބޭފުޅަކަށް ވެސް. އަޅުގަނޑުމެންނާ ހަމައަށް ގެނެސްދެވޭނެ ތިޔަ ބޭފުޅުންގެ ކަންބޮޑުވުންތައް،" އިބޫ ވިދާޅުވި އެވެ.
އިދިކޮޅު ކޯލިޝަނުގައި ހިމެނެނީ އެމްޑީޕީގެ އިތުރުން ޖުމްހޫރީ ޕާޓީ އަދި އަދާލަތު ޕާޓީ އެވެ. އޭގެ އިތުރުން ކުރީގެ ރައީސް މައުމޫނަށް ތާއީދުކުރާ ފަރާތްތަކުން ވެސް ކޯލިޝަނާއެކު މަސައްކަތް ކުރެ އެވެ.